Roadha Mihaaru
ޣައްޒާގައި 100 ދުވަސް ތެރޭ 24،000 މަރު

ޣައްޒާގައި 100 ދުވަސް ތެރޭ 24،000 މަރު

16 ޖެނުއަރީ 2024

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް މިފަހަރު ހަމަލާ ދޭން ފެށިތާ 100 ދުވަސް ވެގެން ދިޔައިރު މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 24،000 އަށް ވުރެ ގިނަ ކަމަށް ޣައްޒާގެ ސިއްހީ އޮފިޝަލުން އިއްޔެ ބުނެފި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް މިފަހަރު ހަމަލާ ދޭން ފެށިތާ 100 ދުވަސް ވެގެން ދިޔައިރު މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 24،000 އަށް ވުރެ ގިނަ ކަމަށް ޣައްޒާގެ ސިއްހީ އޮފިޝަލުން އިއްޔެ ބުނެފި އެވެ.

މިހާ ގިނަ މީހުންގެ ފުރާނަ ގެއްލިގެން ދިޔައިރު ރަތްކަނޑާއި ލުބްނާނާއި ޔަމަންގައި ވެސް ޣައްޒާގެ ހަނގުރާމައާ ގުޅުން ހުރި ހަމަލާތައް އިތުރުވެ މުޅި ސަރަހައްދަށް ހަނގުރާމަ ފުޅާވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

ހަމާސް އިން އޮކްޓޫބަރު 7 ގައި އިޒްރޭލަށް ދިން ކުއްލި ވަރުގަދަ ހަމަލާތަކުގެ ބަދަލު ހަމާސްގެ ކިބައިން ހިފަން ކަމަށް ބުނެ އިޒްރޭލުން ހަމަލާ ދޭން ފެށި ނަމަވެސް، ހުރިހާ ގެއްލުމެއް ވަމުން ދަނީ އިޒްރޭލުން ހިސާރުކޮށްފައި އޮންނަ ޣައްޒާގެ 2.4 މިލިއަން އާންމުންނަށެވެ. އަސާސީ ހުރިޙާ ހިދުމަތެއް ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައި ވާއިރު އެހީގެ ޖަމާއަތްތަކުން ދަނީ ޣައްޒާ ބަނޑަށް ޖެހިދާނެ ކަމުގެ އިންޒާރު ދެމުންނެވެ.

ޣައްޒާގައި 2007 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުން ގެންދާ ހަމާސް އިން އިއްޔެ ބުނި ގޮތުގައި އާދީއްތަ ދުވަހުގެ ރޭ ވެސް އިޒްރޭލުން ދިން އެކި ހަމަލާތަކުގައި 60 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. މި ހަމަލާތައް އަމާޒުކުރީ އަންހެންކުދިންގެ ސްކޫލަކަށާއި ދެ ހޮސްޕިޓަލަކާއި ބައެއް ގެތަކަށް ކަމަށް ހަމާސްއިން ބުންޏެވެ.

އިޒްރޭލުގެ ހަމަލާތައް ހޮސްޕިޓަލްތަކަށް އަމާޒުކުރުން އާންމު ކަމަކަށް ވެފައި ވާއިރު ޑަބްލިޔުއެޗްއޯ އިން ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން ގިނަ ހޮސްޕިޓަލްތައް މިހާރު ހުރީ ހިންގޭ ހާލަތަކު ނޫނެވެ.

އަނެއްކޮޅުން އިޒްރޭލުން ބުނަނީ އެ ތަންތަނަށް ހަމަލާދޭން ޖެހެނީ ހަމާސް އިން އެފަދަ ތަންތަން ބޭނުންކޮށްގެން އިޒްރޭލަށް ހަމަލާ ދޭތީ ކަމަށެވެ.

ހަމަލާތަކަށް 100 ދުވަސް ވެގެން ދިޔައިރު އަދިވެސް ހަމަލާތައް ހުއްޓާލާނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނެ އެވެ. އިޒްރޭލުން ބުނަނީ ހަމަލާތައް ހުއްޓުވޭނެ އެއްވެސް ބާރެއް ނެތް ކަމަށާއި މަގްސަދު ހާސިލްކޮށްފައި ނޫނީ ހަމަލާތައް ހުއްޓާނުލާނެ ކަމަށެވެ. --އޭއެފްޕީ