Roadha Mihaaru
ތެލަސީމިއާ ހޮސްޕިޓަލެއް ހަދައި، ބޯންމެރޯ ހިލޭ

ތެލަސީމިއާ ހޮސްޕިޓަލެއް ހަދަން ނިންމައި ހިލޭ ބޯންމެރޯ ހަދައިދޭން ފަށަނީ

10 ޑިސެމްބަރ 2023

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ތެލަސީމިއާ ކުދިން އެކަމުން ސަލާމަތްވާން ދޭ ފަރުވާ ކަމަށްވާ ބޯންމެރޯ ސަރުކާރުގެ ހަރަދުގައި ހިލޭ ހަދައިދޭން ފަށައި ކުރިއަށް އޮތް ތަނުގައި ތެލަސީމިއާ އަށް ހާއްސަކޮށް ހޮސްޕިޓަލެއް ހަދަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ، ތެލަސީމިއާ ކުދިން އެކަމުން ސަލާމަތްވާން ދޭ ފަރުވާ ކަމަށްވާ ބޯންމެރޯ ސަރުކާރުގެ ހަރަދުގައި ހިލޭ ހަދައިދޭން ފަށައި ކުރިއަށް އޮތް ތަނުގައި ތެލަސީމިއާ އަށް ހާއްސަކޮށް ހޮސްޕިޓަލެއް ހަދަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، ފިރުޒުލް މުހައްމަދު ކެބިނެޓްގެ ނިންމުންތަކާ ބެހޭ ގޮތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ ތެލަސީމިއާ ފަރުވާއަށް ވަށައިޖެހޭ ހިދުމަތް ލިބޭ ހޮސްޕިޓަލެއް ހަދައި، ރަށްރަށުން އަންނަ މީހުންނަށް ވެސް އެތަނުގައި ތިބުމުގެ އިންތިޒާމު ހަމަޖައްސަން ނިންމާފައިވާ ކަމަށެވެ. މިއީ ރައީސްގެ ވައުދާ އެއްގޮތަށް، ހިލޭ ބޯންމެރޯ ހެދޭނެ އިންތިޒާމް ހަމަޖެއްސުމަށް ދުރުރާސްތާގެ އަމާޒެއް ކަމަށް ފިރްޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޯންމެރޯ ޓްރާންސްޕްލާންޓް ސަރުކާރުގެ ހަރަދުގައި ކޮށްދޭ ގޮތަށް ހަމަޖައްސައި، މަދު ހަފްތާތަކެއްގެ ތެރޭގައި ފުރަތަމަ ކުއްޖާ ރާއްޖޭން ބޭރަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ފަރުވާ އަށް އެދިފައި ތިބި ކުދިންގެ ތެރެއިން ކުރިއަށް އޮތް ތަނުގައި ވެސް ކުދިން ފޮނުވަމުން ގެންދާނެ އެވެ.

ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ އޮފީހުގެ ޕަބްލިކް ޕޮލިސީގެ އަންޑަ ސެކްރެޓަރީ މުހައްމަދު ފިރުޒުލް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ތެލަސީމިއާ ފަރުވާއާ ގުޅޭ ގޮތުން މިއަދު ނިންމި އެހެން ކަންކަމުގެ ތެރޭގައި، ތެލަސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި ކޮންސިއުމަބްލްސް މިހާރު ވެސް ދައުލަތުގެ ބަޖެޓުގެ ތެރެއިން ލިބުނަސް އެއީ މޯލްޑިވްސް ބްލަޑް ސާވިސް މެދުވެރިކޮށް ހޯދަންޖެހޭ ހިދުމަތަކަށް ވާތީ މި ތަކެތި ހޯދުމުގައި ލަސްވުންތަކެއް އުޅޭ ކަމަށެވެ. އެކަމަކު ކުރިއަށް އޮތް ތަނުގައި މިއީ އެސްޓީއޯ މެދުވެރިކޮށް އާސަންދަ މެދުވެރިކޮށް ލިބޭ އެއްޗެހީގެ ގޮތުގައި ހަމަޖައްސައި ކޮންމެ ބޭސްފިހާރަޔަކުން ވެސް ލިބޭނެ ގޮތް ހަމަޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"މީގެ ނަތީޖާއެއްގެ ގޮތުން އާންމު އެހެން ބޭސްތަކެކޭ ވެސް އެއްފަދައިން ބޭސްސިޓީ ހިފައިގެން، އެސްޓީއޯގެ ނުވަތަ އެހެން ފާމަސީއަކަށް ގެންދިއުމުން ވެސް، އެ ބޭސްސިޓީ މާލޭގައި ވެސް އަދި ހަމަ އެހެންމެ ރަށްރަށުގައި ވެސް ބޭސްސިޓީއަށް ބޭނުންވާ ބޭހާއި އެހެނިހެން ކޮންޒިއުމެބަލްސް ލިބޭ ގޮތް ހަމަޖެހޭނެ،" ފިރްޒުލް ވިދާޅުވި އެވެ.

ތެލަސީމިއާ ވާރުތަކުރާ ގޮތް ހުރިތޯ ބެލުމަށް ބައެއް މީހުން ޑީއެންއޭ ޓެސްޓް ހަދަންޖެހޭ އިރު މި ޓެސްޓް 30 ޕަސެންޓެއްހާ މީހުން ހަދަން ޖެހޭ ކަމަށާއި އެހެންވެ އެކަން ވެސް ލުއި ގޮތަކަށް ހަމަޖައްސަން ނިންމި ކަމަށް ފިރްޒުލް ވިދާޅުވި އެވެ، އޭނާ ވިދާޅުވީ މި ޑީއެންއޭ ޓެސްޓް މިހާރު ހަދަނީ އަމިއްލަ ފަރާތަކުން ފޯރުކޮށްދޭ ހިދުމަތެއްގެ ތެރެއިން ކަމަށާއި އެކަމަށް އާސަންދަ ވެސް ނުލިބޭ ކަމަށެވެ. އެހެންވެ ކައިރި ރާސްތާގައި، މިއީ އާސަންދަ ލިބޭ ހިދުމަތަކަށް ހަދައި، މެދު ރާސްތާގައި މި ޑީއެންއޭ ޓެސްޓް ސަރުކާރުގެ ރަސްމީ ނިޒާމުގެ ތެރެއިން ހެދޭނެ ގޮތް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.

ތެލަސީމިއާ ކުދިން ތަކުރާރުކޮށް ލޭ އަޅަން ޖެހޭތީ ހަށިގަނޑުގެ ގުނަވަންތަކުގައި އަޔަން ގިނަވާ ވަރު ދެގަތުމަށް ހަދާ ޓީޓޫ ސްޓާ ޓެސްޓް އާންމުކޮށް ދެ އަހަރުން އެއް އަހަރު ހަދަން ޖެހޭ އިރު މިއީ ވެސް މިހާރު އަމިއްލަ ތަންތަނުން ނޫނީ ރާއްޖޭގައި ހެދޭ ޓެސްޓެއް ނޫނެވެ. ކެބިނެޓުން މިއަދު ވަނީ ދައުލަތުގެ ބަޖެޓުގެ ތެރެއިން މިހާރު ވެސް މި ޓެސްޓުހެ ހަރަދު ކަވަރުކުރިޔަސް ލަސްތަކެއް ދިމާވާތީ އާސަންދަ ލިބޭ ގޮތް ހަދަން ނިންމައިފަ އެވެ. އަދި ރަސްމީ ސިއްހީ ނިޒާމުގެ ތެރެއިން މި ހިދުމަތް ލިބޭ ގޮތް ވެސް އަދި ހަމަޖައްސާނެ ކަމަށް ފިރްޒުލް ވިދާޅުވި އެވެ.