Roadha Mihaaru
އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދަރިވަރުންނަށް ދެނީ

ގްރޭޑް 10 އިން މަތީގެ ދަރިވަރުން އިމާމުވެ ހުކުރު ކުރުމުގެ ހުއްދަ ދޭން ނިންމައިފި

10 ޑިސެމްބަރ 2023

ގްރޭޑް 10އިން މަތީގެ ދަރިވަރުން މާލެ އާއި އެކި ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރުމުގެ ހުއްދަދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގްރޭޑް 10އިން މަތީގެ ދަރިވަރުން މާލެ އާއި އެކި ރަށްރަށުގެ މިސްކިތްތަކުގައި އިމާމުވެ ހުކުރު ކުރުމުގެ ހުއްދަދޭން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

ދަރިވަރުން އިމާމުވެ ހުކުރު ނަމާދާއި ހުތުބާ ކިއުމުގެ ހުއްދަ މީގެ ކުރިން އިސްލާމިކް މިނިސްޓްރީން ނުދެ އެވެ. އެކަމަކު ގްރޭޑް 10، 11 އަދި 12 ނިންމާފައިވާ ދަރިވަރުން ހުކުރުކޮށް ހުތުބާ ކިޔުމުގެ ހުއްދަ ދީފައިވާ ކަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ އިއުލާންކުރައްވައިފަ އެވެ.

މިނިސްޓަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުންނަށް ހުތުބާ ކިޔުމުގެ ހުއްދަ ދޭން ނިންމީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ހަތީބުންނާއި އިމާމުން ލިބުމުގެ ދަތިކަން ހުރުމުންނާއި ޒުވާނުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ.

"ޒުވާން އިމާމުންނާއި ހަތީބުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ގްރޭޑް 12،11،10 ނިންމާފައިވާ ރީތިކޮށް ގުރުއާން ކިޔަވާ، ނަމާދުގެ ފިގުހަށް އަހުލުވެރި ދަރިވަރުންނަށް އިމާމުވެ ހުކުރުކޮށް ހުތުބާ ކިއުމުގެ ހުއްދަ ދޭން މިނިސްޓްރީން ނިންމައިފި،" މިނިސްޓަރު ވިދާޅުވި އެވެ.

ގުރުއާން ހިތުދަސް ކުޑަކުދިން ރޯދަ މަހު އެކި މިސްކިތްތަކުގައި ނަމާދާއި ތަރާވީހް ނަމާދު ވެސް ކުރެ އެވެ.

އިމާމުން ކުރިއަރުވަން މިނިސްޓްރީން ގެންގުޅުއްވާ ވިސްނުމުގެ ތެރެއިން، މިސްކިތްތަކުގެ އިމާމުންގެ ތެރެއިން މާސްޓާސް ހާސިލްކޮށްފައިވާ އިމާމުންނަށް ބޭރުގެ ޔުނިވާސިޓީއަކުން ޕީއެޗްޑީ ހާސިލްކުރުމުގެ މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.