Roadha Mihaaru
ޕްރައިމަރީގައި ވާދަކުރަން އާޒިމް ފޯމު ހުށަހަޅައިފި

މޭޔަރު ކަމަށް ކުރިމަތިލާން އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން އާޒިމް ފޯމު ހުށަހަޅުއްވައިފި

30 ނޮވެމްބަރ 2023

މާލޭގެ މޭޔަރު ކަމަށް ކުރިމަތިލުމަށް، އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލޭގެ މޭޔަރު ކަމަށް ކުރިމަތިލުމަށް، އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.

އޭނާގެ ފޯމާ އެމްޑީޕީގެ ފަރާތުން ހަވާލުވެވަޑައިގަތީ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ. އާޒިމްގެ އިތުރުން ވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ބައެއް ބޭފުޅުން ޝައުގުވެރިކަން ފާޅުކުރައްވާފައިވެ އެވެ.

ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހެޅުއްވުމަށް ފަހު، އާޒިމް ވިދާޅުވީ މާލޭގައި ވަރަށް ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި ރައްޔިތުން އުޅެމުންދަނީ ދަތި ހާލުގައި ކަމަށެވެ. މާލޭގެ މަގުތައް ހަޑިވެފައި އޮތުމާއި ހިނގައިބިނގާވެ އުޅުމަށް އޮތް ދަތިތައް އޭނާ ފާހަގަ ކުރެއްވި އެވެ.

އާޒިމް ވިދާޅުވީ އޭނާ މޭޔަރު ކަމަށް ވާދަކުރައްވަނީ، އެ ކަންކަން ހައްލު ކުރުމުގެ އަމާޒުގައި ކަމަށެވެ. މިހާރު ހުރި ދަތިތަކަށް ހައްލު ހޯދައިދީ، އޭނާގެ މޭޔަރު ކަމުގައި ރައްޔިތުން އުޅޭ ހިތްވާ ފަދަ މާލެއަށް ހޯދައިދެއްވާނެ ކަމަށް ވިދާޅުވި އެވެ.

އަމާޒަކީ މާލެ އަކީ ހިތްގައިމު، ޗާލު، ނަލަ ތަނަކަށް ހެދުން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މާލޭގެ މޭޔަރުގެ އިންތިހާބު އެމްޑީޕީ އަށް ބޮޑު ތަނުން ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑެވެ.

ފޯމް ހުށަހެޅުއްވުމަށް ފަހު އާޒިމް މީޑިއާ ވާހަކަ ދައްކަވަނީ - ފޮޓޯ: ނިޝާން އަލީ / މިހާރު

ފޯމް ހުށަހެޅުއްވުމަށް ފަހު އާޒިމް މީޑިއާ ވާހަކަ ދައްކަވަނީ - ފޮޓޯ: ނިޝާން އަލީ / މިހާރު

މާލޭގެ އާ މޭޔަރު ހޮވާ އިންތިހާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާ ބޭފުޅުން މާދަމާ ހަވީރު 4:00 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ. އެކަމަކު ޕްރައިމަރީ ބާއްވާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މިހާތަނަށް ފޯމު ހުށަހެޅުއްވީ އާޒިމް އެކަންޏެވެ.

މާލޭ މޭޔަރުގެ ގޮނޑި ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި، ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް މި މަހު 17 ގައި އިސްތިއުފާ ދެއްވުމުންނެވެ.

މޭޔަރުގެ ގޮނޑިއަށް އާ ބޭފުޅަކު އިންތިހާބުކުރުމަށް ބައި-އިލެކްޝަން އަންނަ އަހަރުގެ ޖެނުއަރީ މަހު 13 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ވަނީ ނިންމައިފަ އެވެ.

މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވުމަށް އެހެން ބައެއް ބޭފުޅުން ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވައިފަ އެވެ. އޭގެ ތެރޭގައި މިހާރު ސިޓީ ކައުންސިލްގެ ކައުންސިލަރަކަށް ހުންނެވި މުހައްމަދު ސައިފް ފާތިހު އާއި ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދުގެ ވެސް ހިމެނެ އެވެ.