23 ޖެނުއަރީ 2024
މަގާމުގެ ހުވާކުރައްވައި ދެއްކެވި ވާހަކައިގައި މާލޭގެ އާ މޭޔަރު އާދަމް އާޒިމް ލާމަރުކަޒީ ނިޒާމު ސިފަ ކުރެއްވީ "ފެން ދޭނެ މީހެއް ހުރިއްޔާ ހެދޭނެ ގަހެއް"ގެ ގޮތުގަ އެވެ. މައި ސަރުކާރު މަދަދާއި އެއްބާރުލުން ލިބިގެން ނޫނީ ނުހިންގޭނެ ނިޒާމެއްގެ ގޮތުގަ އެވެ.
މަގާމުގެ ހުވާކުރައްވައި ދެއްކެވި ވާހަކައިގައި މާލޭގެ އާ މޭޔަރު އާދަމް އާޒިމް ލާމަރުކަޒީ ނިޒާމު ސިފަ ކުރެއްވީ "ފެން ދޭނެ މީހެއް ހުރިއްޔާ ހެދޭނެ ގަހެއް"ގެ ގޮތުގަ އެވެ. މައި ސަރުކާރު މަދަދާއި އެއްބާރުލުން ލިބިގެން ނޫނީ ނުހިންގޭނެ ނިޒާމެއްގެ ގޮތުގަ އެވެ.
މިކަން މާލޭ ސިޓީ ކައުންސިލްގެ މާޒީން ވެސް އޮތީ ރައްޔިތުން ތަޖުރިބާކުރަން ޖެހިފަ އެވެ. އޭރެއްގައި އޮންނަ ސަރުކާރަކާ އިދިކޮޅު ޕާޓީއަކަށް ކައުންސިލްގެ މެޖޯރިޓީ ލިބިއްޖެ ނަމަ ލާމަރުކަޒީ ނިޒާމެއް ނުހިންގެ އެވެ. ސަރުކާރާއި ކައުންސިލް ކޯޅުމެއްގައި ތާށިވެ ދޭން ޖެހޭ ހިދުމަތް އޮންނަނީ ހުއްޓިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު އެމަނިކުފާނަށް ވެސް ކުރައްވަން ޖެހިވަޑައިގަތީ އެ ތަޖުރިބާ އެވެ. އެ ފިއްތުންތައް ކައުންސިލަށް ކުރިމަތިވި އެމްޑީޕީގެ ވެރިކަމުގައި، މިހާރުގެ މޭޔަރު އާޒިމް ހުންނެވީ މާލޭގެ ރައްޔިތުންނާ ވެސް ސީދާ ގުޅުން ހުރި މަޝްރޫއުތައް ހިންގެވި އެމްޓީސީސީގެ އިސްވެރިއަކަށެވެ.
ކައުންސިލްގެ ގިނަ ޒިންމާތަކެއް އަދާކުރައްވަން ޖެހިވަޑައިގަންނަވާ މޭޔަރުގެ މަގާމަށް ވަޑައިގެން، ތަކުރާރުކޮށް އެދިވަޑައިގަތީ ސަރުކާރުގެ އެއްބާރުލުމަށެވެ. މާލޭގެ ރައްޔިތުންނަށް ވެވަޑައިގަތް ވައުދުތައް އެ ނޫން ގޮތަކަށް ފުއްދެވެން ނޯންނާނެ ކަން އެނގިވަޑައިގަންނަވާތީ އެވެ.
މާލޭގެ ސިޓީ ކައުންސިލްގައިއޭނާއެކު މިހާރު ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ އެންމެ މެމްބަރެކެވެ. ސާފު އަޣުލަބިއްޔަތު އޮތީ ސަރުކާރަށެވެ.
އިދިކޮޅު އެމްޑީޕީ އާއި ސަރުކާރު ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ވާދަވެރި ބައި އިލެކްޝަނުގައި، ސަރުކާރުގެ ފިކުރަށް ވޯޓު ދިނުމަށް ރައީސް މުއިއްޒު ތަކުރާރުކޮށް އެދިވަޑައިގަތީ، އެމަނިކުފާނުގެ މޭޔަރު ކަމުގައި ކުރިމަތިވެވަޑައިގަތް ގޮންޖެހުންތަކުން މިސާލު ދައްކަވަ އެވެ.
ރައީސް ވިދާޅުވެފައި ވަނީ، މާލޭގެ ތަރައްގީއަށް ވެސް ހުރަސް ނޭޅޭނެ ގޮތަކަށް ކަންކަން ބައްޓަން ކުރެވޭނީ އެ ފިކުރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކު މާލޭގެ މޭޔަރަކަށް އިންތިހާބުވެގެންނެވެ.
މާލޭގެ ރައްޔިތުންގެ ނިންމުމާ އެކު އަނެއްކާވެސް މިއޮތީ ލާމަރުކަޒީ ނިޒާމުގެ އާ އިމްތިހާނެކެވެ. މަޝްރޫއުތަކަށް ހުރަހަކަށް ނުވާނޭ ކަމުގެ ޔަގީން އާ މޭޔަރު ދެއްވާއިރު، ސިޔާސަތުތަކަށް ތާއީދު ކުރެވިދާނެ ހެއްޔެވެ؟ ނޫނީ، ސިޔާސީ ހަލަބޮލިކަމުގައި މާލޭ ރައްޔިތުން އަނެއްކާވެސް ތާށިވާނީ ހެއްޔެވެ؟
ހުވާކުރެއްވުމުގެ ޖަލްސާގައި ވެސް ފެނުނީ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި މުޅިން ދެ ވިސްނުމެއް ސަރުކާރާއި އާ މޭޔަރު ދެއްކެވި ތަނެވެ. ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ސަރުކާރަށް އެންމެ މުހިއްމު މަޝްރޫއަކީ 30،000 މީހުންގެ އާބާދީއަކަށް ތަރައްގީކުރާ ފުށިދިއްގަރެވެ. އެކަމަކު، މާލޭގެ އާ މޭޔަރަށް މުހިއްމުވަނީ އޭނާ ނިސްބަތްވެވަޑައިގަތް އެމްޑީޕީގެ ސަރުކާރުގައި ފެށި ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒުކޮށް ނިންމުމެވެ.
އެންމެ ބޮޑު މައްސަލައާ ހަމައިން ވެސް ފެންނަން މިއޮތީ ދެ ކަފިވެފައިވާ މިސްރާބެކެވެ!
އެމްޑީޕީގެ ވެރިކަމުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ދެއްކި ހައްލަކީ ހުޅުމާލެ ތިނަކާއި ގުޅީފަޅާއި ގިރާވަޅު ފަޅެވެ. އެ ތަންތަނުން ގޯތި ވެސް ދޫކުރި އެވެ. ވެރިކަން ނިމުނުއިރު ވައުދުވެފައި އޮތީ އުތުރުތިލަފަޅު ހިއްކައިގެން ދަފްތަރުގައި ޖެހިފައި ތިބި މީހުންނަށް ގޯތި ދޭށެވެ.
އެކަމަކު ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެ ވިސްނުން ދޫކޮށްލެއްވީ އެވެ. ސަރުކާރުގެ ވިސްނުމަކީ އުތުރުތިލަފަޅު ދޫކޮށްލައި މާލޭއިން ފުރައިގެން ވާދޫ ކަނޑު ހުރަސްކޮށް ދަތުރުކުރާއިރު، 16 ކިލޯމީޓަރު ދުރުގައި އޮންނަ ފުށިދިއްގަރު ފަޅު ހިއްކައިގެން އެތަނުގައި މީހުން އާބާދުކުރުމެވެ.
ކުރިއަށް އޮތް 20 އަހަރަށް ޕްލޭންކޮށް، ރަސްމާލެ އުފަން ކުރުވައި، އެތަން ތަރައްގީ ކުރެވިއްޖެ ނަމަ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެއްކޮށް ހައްލުވެގެން ދާނެ ކަމަށް ރައީސް ގަބޫލުކުރައްވަ އެވެ.
"ގިރާވަރުފަޅާއި، ގުޅިފަޅާއި، ހުޅުމާލެ، މި ތަންތަނާ އެކީގައި، މި ފުށިދިއްގަރު ފަޅުގައި މި ހިއްކޭ ބިން ހިކިގެން ދިޔުމުން، މާލޭގެ ރައްޔިތުންނަށް، ޒަމާންތަކެއް ވަންދެން ހައްލުނުވެ އޮތް ގެދޮރުގެ މައްސަލައަށް ތާއަބަދަށް އިރާދަކުރެއްވިއްޔާ، ދާއިމަށް އެ މައްސަލަ ހައްލުވެގެންދާނެ،" ފުށިދިއްގަރު ފަޅު ހިއްކުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވެފައިވެ އެވެ.
ނަމަވެސް އާ މޭޔަރު އާޒިމަށް ފުށިދިއްގަރަކީ "އޮޕްޝަން" އެއް ނޫނެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި މާލޭ ރައްޔިތުން އޭނާ އިންތިހާބުކުރީ ވެސް އެހެންވެ އެވެ. މާލެ ރައްޔިތުން ރަސްމާލެ ދާން ނޭދޭތީ އެވެ. އިންތިހާބުގެ ކުރިން ވެސް އަދި ފަހުން ވެސް އާޒިމް ތަކުރާރު ކުރައްވާ ވާހަކައަކީ އެއީ އެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި އާ މޭޔަރު އާދަމް އާޒިމް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަސްލަމް ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
"އުތުރު ތިލަފަޅުގައި ގަސް ހެއްދުން، ނޫނިއްޔާ އެގްރިކަލްޗަރަލް ޕްރޮޖެކްޓެއް އައިސްފިއްޔާ އެދެން، އެ ޕްރޮޖެކްޓް ކުރިއަށް ގެންގޮސްދެއްވަން ފުށިދިއްގަރު ފަޅަށް. ރައްޔިތުންނަށް ފަސޭހައިން ދަތުރުކުރެވޭ ގޮތް ހެދިދާނޭ. ފުށިދިއްގަރު ފަޅުގަ ތިބުނާ އެގްރިކަލްޗަރަލް މަސައްކަތް ކޮށްގެން ތިބުނާ އެއްޗެހި މާލެއަށް ވެސް ގެނެވިދާނެ، އެހެންތަނަކަށް ވެސް ގެންދެވިދާނެ. އެއީ ކޮންމެ ދުވަހަކު ކުރަންޖެހޭ ކަމެއް ނޫން،" މާލޭގެ ބިންވެރިންގެ ސައްލާގައި ވާހަކަދައްކަވަމުން އާޒިމް ހޮނިހިރު ދުވަހު ވިދާޅުވެފައިވެ އެވެ.
ހުވާކުރެއްވުމަށް ރައީސްގެ އަރިހުން ވެސް އޭނާ އެދިވަޑައިގަތީ އެކަމަށެވެ. މާލޭ ރައްޔިތުން އެދޭ ގޮތަށް ބްރިޖަކުން ނޫނީ ނުދެވޭނެ ތަނެއްގައި މާލޭ ރައްޔިތުން އާބާދު ނުކުރުމަށެވެ. އެމްޑީޕީގެ ވިސްނުމާ އެއްގޮތަށް އެކަން ކުރިއަށް ގެންދެވުމަށެވެ.
"މާލޭ ރައްޔިތުން އެދެނީ ބްރިޖަކުން ގުޅިފައިވާ އަވަށްތަތަކުން ދެވޭ ގޮތް ފަހިވާން. އެ މީހުން އެދެނީ ހުޅުމާލެ ފޭސް ތިނަކާއި ގުޅީފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅަށް އަމާޒުވި އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ އެއްގޮތަށް ކަން ވެގެން ދާން. ބްރިޖުން ގުޅާލެވޭ މި ތަންތަނުގައި ބޯހިޔާވަހިކަމުގެ ހަޔާތެއް ފަށަން،" އާޒިމް އެދިވަޑައިގަތެވެ.
"އަޅުގަނޑަށް ވިސްނޭ ގޮތުގައި އެންމެ އަވަސް ތަރައްގީ ކުރެވޭނީ އަދި އެތަނެއްގައި އުޅެވޭނީ ވެސް ބްރިޖަކުން ގުޅާލެވޭ ހިސާބުގައި ހުރި ތަންތަން. ދިމާވެފައިވާ މި ހައްސާސް މައްސަލައަށް އަވަސް ހައްލެއް ހޯދައިދެވެން އޮތް މަގަކީ އެއީ،"
މޭޔަރާއި ކައުންސިލަރުން ހުވާ ކުރުމަށް ބޭއްވި ޖަލްސާގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
އާޒިމަށް ރައީސްގެ ރައްދު ސާފެވެ؛ ހުޅުމާލެ އާއި ގުޅިފަޅާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު އެއްކޮށްގެން ވެސް މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވާކަށް ނެތެވެ. ދުރު ރާސްތާއަށް، ދެމެހެއްޓެނިވި ތަރައްގީއަކަށް އޮތް ހައްލަކީ ރަސްމާލެ އެވެ. މާލެ އާއި ރަސްމާލެއާ ގުޅައިލާ ރައްޔިތުންގެ އޮތް އެންމެ ކަންބޮޑުވުމަށް ވެސް ހައްލު ގެނެސްދެއްވާނެ އެވެ.
"ވަރަށް ގާބިލް ކުންފުނިތަކާ އެކު އަޅުގަނޑުމެން މިހާރު ވާނީ މަޝްވަރާ ފަށާފައި، މުޅި ދުނިޔޭގައި ވެސް ފުރަތަމަ ފަހަރަށް ގާއިމްކުރެވޭ އަންޑަވޯޓާ ޓަނަލް، މާލެއިން ރަސްމާލެއަށް އިރާދަކުރެއްވިއްޔާ ގުޅުވާލުމުގެ މަސައްކަތް،" ވާދަވެރިންގެ އެންމެ ބޮޑު ފާޑުކިޔުމުގެ ހައްލު ރައީސް ދެއްވެވި އެވެ.
"އަޅުގަނޑުމެން ކުރާނީ ދެކޮޅުޖެހޭ މަސައްކަތް. އިރާދަކުރެއްވިއްޔާ، ލިންކް އެޅިފައި އޮންނަ، ގުޅިފައިވާ ތަންތަނުގައި، މާލެ ސަރަޙައްދުގައިވެސް މީހުން ދިރިއުޅޭނެ."
ނުސީދާކޮށް އާޒިމަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ، އެމްޑީޕީން ފެށި "ފޭރާން ހެޔޮ ނޫން ސިޔާސަތު"ގެ ބަދަލުގައި އެމަނިކުފާނު ދައްކަވަނީ މައްސަލަ ހައްލުވާނެ، ހެޔޮވަރު ސިޔާސަތެއް ކަމެވެ.
އާޒިމްގެ ކޮންމެ ވާހަކައަކަށް ރައްދު ދެއްވައި ރައީސް ދެއްކެވި ވާހަކަފުޅުން ސާފުވަނީ އެމަނިކުފާނުގެ ތަރައްގީގެ ވިސްނުމަށް ހިޔަނި އެޅެން ނޭދޭ ކަމެވެ. އެމަނިކުފާނަށް ކުރިމަތިވި ހިތި ތަޖުރިބާ އިއާދަވާން ނޭދޭ ކަމެވެ.
"އަޅުގަނޑު މޭޔަރަކަށް ހުރި އިރުގައި، އަޅުގަނޑު ހުވާކުރިއިރުގައި، އޭގެ ކުރީގެ މޭޔަރު ޝިފާ ހުންނެވިއިރުގައި، ފެށިފައި އޮތް މަޝްރޫއެއް އޮތް، މަގުހެދުމުގެ މަޝްރޫއެއް. ގާތްގަނޑަކަށް 400 މިލިއަން ރުފިޔާ ބަޖެޓުގައި ވެސް އޮތް. އަޅުގަނޑުމެން ބެލީ އެ މަސައްކަތް ކުރިއަށް ގެންދަން. އެހެން ނަމަވެސް، ކުރިއަށްދިޔުމުގެ ފުރުޞަތެއް އެއްގޮތަކަށްވެސް ނުލިބުނު. ވަކި ހިސާބަކުން ޕްރޮޖެކްޓް މަޝްރޫއު އަތުލެއްވީ. އަތުލީމާ މަސައްކަތެއް ނުކުރެވުނު،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ މަސައްކަތް ކުރިއަށް ގެންދަވަން ބޭނުންފުޅު ވަނީ ކައުންސިލް މެދުވެރިކޮށް ކަމަށެވެ. މާލެއަށް ހުރި ރައީސްގެ ގިނަ މަޝްރޫއުތަކަކީ ސިޓީ ކައުންސިލްގެ އިހުތިސޯސްގެ ތެރޭގައި ހިމެނޭ ކަންކަމަށްވާއިރު، ރައީސްގެ ޕްލޭނަކީ މި މަޝްރޫއުތައް ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ކައުންސިލުން ކުރުމެވެ. މޭޔަރު ކަމުގައި އެމަނިކުފާނަށް ނުކުރެވުނު ކަންކަން ކައުންސިލަށް މަގުފަހިކޮށްދިނުމެވެ.
އޭގެ ތެރޭގައި އާޒިމްގެ މެނިފެސްޓޯގައި ހިމެނޭ މަސްމާރުކޭޓު މަސައްކަތާއި ވެހިކަލް މަދުކުރުމާއި، ޕާކިން ބިލްޑިންތަކާއި ޕާކުތައް އެޅުމާއި ގަރާޖުތަކާއި، ގުދަންތަކާއި ވޯކްޝޯޕް ފަދަ މަޝްރޫއުތައް ހިމެނެ އެވެ. ރައީސް ފާހަގަކުރެއްވީ މިފަދަ ގިނަ މަޝްރޫއުތަކަކީ އެމަނިކުފާނުގެ މޭޔަރު ކަމުގައި ކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް ފުރުސަތު ނުދެއްވި ކަންކަން ކަމަށެވެ.
"މިކަން ކުރަން ވެސް މިވަނީ ސަރުކާރުން ދޭންޖެހޭ ހުރިހާ އެއްބާރުލުން ދީގެން، އެކަން ކުރެވޭގޮތް ފަހިވެފައި. އަޅުގަނޑު ޔަގީންކުރަނީ، ކައުންސިލުން މި މަސައްކަތްވެސް ބާރުމިނުގައި ކުރިއަށް ގެންދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި އާ މޭޔަރު އާދަމް އާޒިމް ސަލާމް ކުރައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ރައީސް ވިދާޅުވީ، ތަރައްގީގެ އެއްވެސް ޕްލޭނަކަށް ސިޔާސީ ހިޔަނި އެޅި، ރައްޔިތުންނަށް އޭގެ ގެއްލުން ވާން އެދިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެ ފުރުސަތު ވެސ ނުދެއްވާނެ ކަމަށެވެ. ސިޔާސީ ފިކުރު ތަފާތުވިޔަސް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދިނުމަށް ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަމެވެ.
"އަޅުގަނޑުމެންނާ ރައްޔިތުން ހަވާލުކުރީ އަމާނާތެއް، ޒިންމާއެއް، މަސްއޫލިއްޔަތެއް. މިއަށް ސިޔާސީ ކުޅިސަމާސާ ވެއްދުމަކީ، ރައްޔިތުން މަގުމަތިވާނެ ކަމެއް. އެ ފުރުސަތެއް އަޅުގަނޑެއް ނުދޭނަން. ރައްޔިތުންނަށް ބޭނުންވަނީ، އުފާފާގަތިކަން ގެނެސްދޭން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވެސް މޭޔަރު ވެސް ދެއްވީ ގުޅިގެން އެކުގައި ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް މަސައްކަތް ކޮށްދޭނެ ކަމުގެ ޔަގީންކަމެވެ. މާޒީގައި ރައީސަށް ކުރެވުނު ހިތި ތަޖުރިބާގެ އަލީގައި ކަންކަން ރަނގަޅުކޮށްދެއްވާނެ ކަމުގެ ފެހި ސިގްނަލެވެ.
އެމްޑީޕީ ޓިކެޓުން އިންތިހާބުވި ކައުންސިލަރު ޕީއެންސީއަށް
އާޒިމް އެދިވަޑައިގަތީ އެމްޑީޕީގެ ސިޔާސަތު ތަންފީޒުކުރަން
ރައްޔިތުންނަށް މަންފާ ލިބޭ ކަމެއްގެ ހުރަހަކަށް ނުވާނަން
އާޒިމް މާލޭގެ މޭޔަރުކަމުގެ ހުވާ ކުރައްވައިފި
"މުޅި ރާއްޖޭން މި ސަރުކާރަށް ނޫނެކޭ ބުނާނެ"
އާޒިމަށް ރައީސް ދެއްވީ އެއްބާރުލުމުގެ ޔަގީންކަން
"މާލޭގެ ބިންތަކުން ފައިދާވާ ގޮތަށް ތަރައްގީކޮށްދޭނަން"
އާޒިމްގެ މެނިފެސްޓޯ: މާލޭގެ ކޮންމެ އުނދަގުލަކަށް ހައްލު!
ބުޅަލުގެ މައްސަލަ ހައްލުކުރަން އާޒިމްގެ ބޮޑު ޕްލޭނެއް
މޭޔަރަކަށް ވާދަކުރައްވަން އާޒިމް ފޯމު ހުށަހަޅުއްވައިފި