Roadha Mihaaru
"މާލޭގެ ބިންތަކުން ފައިދާވާ ގޮތަށް ތަރައްގީކޮށްދޭނަން"

މާލޭގެ ބިންތަކުން ރައްޔިތުންނަށް ފައިދާވާ ގޮތަށް ތަރައްގީކޮށް ދޭނަން: އާޒިމް

04 ޖެނުއަރީ 2024

މާލޭގެ ބިންތަކުން ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ތަރައްގީކޮށް، އާމްދަނީ ހޯދައިދޭނެ ކަމަށް އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މާލޭގެ ބިންތަކުން ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ތަރައްގީކޮށް، އާމްދަނީ ހޯދައިދޭނެ ކަމަށް އެމްޑީޕީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އާދަމް އާޒިމް މިރޭ ވިދާޅުވެއްޖެ އެވެ.

މިރޭ ބޭއްވި އާޒިމްގެ ކެމްޕެއިން ޖަލްސާގައި އޭނާ ވިދާޅުވީ މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނަވައިގެން ކުރެއްވި ކަންކަމުން ރައްޔިތުންނަށް ފައިދާއެއް ކޮށްފައިނުވާ ކަމަށެވެ.

އާޒިމް ވިދާޅުވި ގޮތުގައި އޭނާ ނުކުމެވަޑައިގެންނެވީ ދެފުށް ފެންނަ ސިޔާސަތެއް ގާއިމް ކުރަން ކަމަށެވެ. އަދި ހުރިހާ ކަމެއްގައި ތެދުވެރިވެ، އަމާނާތްތެރިވެ ރައްޔިތުންނަށް ހިދުމަތް ދެވޭ ގޮތަށް ސިޓީ ކައުންސިލް ވެސް ބަދަލު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތި ބޭފުޅުންނަށް ފެންނާނެ އެތަނަށް ލިބޭ އާމްދަނީ. ތި ބޭފުޅުންނަށް ފެންނާނެ އެ ތަނުން ކުރާ ހަރަދު. ތި ބޭފުޅުންނަށް ފެންނާނެ އެތަނުން ބިންތައް ބޭނުންކުރާ ގޮތް. ތި ބޭފުޅުންނަށް ފެންނާނެ އެތަނުގެ ބިންތަކުގައި ރަނގަޅު ކަންތައްތައް ކުރަމުންދާ މަންޒަރު،" އާޒިމް ވިދާޅުވި އެވެ.

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާޒިމްގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެ ޕާޓީގެ އިސް ބޭފުޅުން.-- ފޭސްބުކް ފޮޓޯ: އާޒިމް ފޯ މޭޔާ

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އާޒިމްގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެ ޕާޓީގެ އިސް ބޭފުޅުން.-- ފޭސްބުކް ފޮޓޯ: އާޒިމް ފޯ މޭޔާ

"މިއަދު މިހާތަނަށް އެއްވެސް ސިޓީ ކައުންސިލަކުން ނެތް، ހާއްސަކޮށް އެންމެ ފަހުން މިދިޔަ މޭޔަރުގެ ބެލުމުގެ ދަށުގައި ނެތް އެއްވެސް ބިމަކުން ރައްޔިތަކަށް ފައިދާވާނެ އެއްވެސް ކަމެއް ކޮށްފައެއް ނެތް. ތި ބޭފުޅުން ހެކިވާނެ އެކަމަށް. އަޅުގަނޑުމެން އެމްޑީޕީން އަންނަނީ އިރާދަކުރެއްވިއްޔާ އެކަން ބަދަލުކޮށް، މާލެ ސިޓީގެ ރައްޔިތުންގެ ބިންތައް، މާލެ ސިޓީގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް އެކަންތައް ބިލްޑުކޮށް، ރަނގަޅުކޮށް އެތަނުން ނަފާ ހޯދައިދޭން. އިރާދަކުރެއްވިއްޔާ ތި ބޭފުޅުންނަށް އެ ތަން ފެނިގެންދާނެ."

މި މަހުގެ 13 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާ އާޒިމް ވިދާޅުވީ އޭނާއަކީ ގެއްލުމުގައި ހިންގަމުން ދިޔަ އެމްޓީސީސީ ފައިދާވާ ކުންފުންޏަކަށް ބަދަލުވިއިރު އެ ކުންފުނި ހިންގަން ހުންނެވި ބޭފުޅާ ކަމަށެވެ. އެ ބަދަލުތައް ގެނައީ ހިސާބުތައް ޖަހައިގެން ކަމަށާއި ނަމަވެސް މާލެ ރައްޔިތުންނަށް ކަމަށް ބުނެ ފުށިދިއްގަރުފަޅު ހިއްކަމުން ދިއުމަކީ ވަރަށް ބޮޑު އިސްރާފެއް ކަމަށް އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މަޝްރޫއިން އެއްވެސް ފައިދާއެއް ނުކުރާނެ އެވެ.

އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވެފައިވާ ގޮތުގައި ފުށިދިއްގަރުފަޅު ހިއްކަން 10 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ. އެކަމަކު އާޒިމް ވަނީ އެމްޓީސީސީއަށް ފަސް ބިލިއަން ރުފިޔާއަށް އެކަން ވާނެ ކަމަށް ވިދާޅުވެ، އެ މަޝްރޫއާ މެދު ސުވާލު އުފައްދަވައިފަ އެވެ.

އާޒިމް ވިދާޅުވީ އޭނާ އިންތިހާބުކޮށްފިނަމަ ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ދޭނެ ކަމަށެވެ. އަދި އެކަން ކުރާނީ ފެނާއި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށްފަހު ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އޭގެ އިތުރުން މަގުމަތީގައި އުޅޭ ބުޅާތަކަށް ހާއްސަކޮށް ޕާކެއް ހަދައި، ލަސްވެގެން ހަ މަސް ދުވަހުގެ ތެރޭގައި އެ މައްސަލަ ހައްލުކޮށްދިނުމަށް އޭނާ ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އާޒިމް ވިދާޅުވީ މި އިންތިހާބުގެ ތެރޭގައި އޭނާއަށް ވުރެ ގިނައިން މާލޭގެ ގޭގެއަށް ޒިޔާރަތްކުރި އެހެން ކެންޑިޑޭޓެއް ނެތް ކަމަށެވެ. މީހުންގެ ހިޔާލާއި ޝުއޫރު ހުރި ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި ނުކުމެ ވަޑައިގެން ހުންނެވީ އެ ކަންކަމަށް ހައްލެއް ހޯދުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.