Roadha Mihaaru
އާޒިމް އެދިވަޑައިގަތީ އެމްޑީޕީގެ ސިޔާސަތު ތަންފީޒުކުރަން

އާޒިމް އެދިވަޑައިގަތީ މާލޭގެ ބޯހިޔާވަހިކަމަށް އެމްޑީޕީގެ ސިޔާސަތު ތަންފީޒު ކޮށްދޭން

23 ޖެނުއަރީ 2024

މާލޭގެ މޭޔަރުގެ މަގާމުގެ ހުވާ ރޭ ކުރެއްވުމަށް ފަހު، މާލެ ސަރަހައްދަށް އެމްޑީޕީން ގެންގުޅުނު ބޯހިޔާވަހިކަމުގެ ބައެއް ސިޔާސަތުތައް މި ސަރުކާރުން ތަންފީޒު ކޮށްދެއްވުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އާދަމް އާޒިމް އެދިވަޑައިގެންފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މާލޭގެ މޭޔަރުގެ މަގާމުގެ ހުވާ ރޭ ކުރެއްވުމަށް ފަހު، މާލެ ސަރަހައްދަށް އެމްޑީޕީން ގެންގުޅުނު ބޯހިޔާވަހިކަމުގެ ބައެއް ސިޔާސަތުތައް މި ސަރުކާރުން ތަންފީޒު ކޮށްދެއްވުމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އަރިހުން އާދަމް އާޒިމް އެދިވަޑައިގެންފި އެވެ.

އާ މޭޔަރު އެމްޑީޕީގެ އާޒިމް ވަނީ މާލޭގެ ބޯހިޔާވަހިކަން ހައްލު ކުރުމަށް މާލޭގެ އިހުތިސާސުގެ ތެރެއަށް ހުޅުމާލެ ފޭސް ތިނަކާއި ގުޅިފަޅާއި ގިރާވަރު ފަޅާއި އުތުރުތިލަފަޅު ހިމަނައިދިނުމަށް އެދިވަޑައިގެންފަ އެވެ.

އެއީ އެމްޑީޕީގެ ސަރުކާރުން މާލެ ސަރަހައްދަށް ގެންގުޅުނު ބޯހިޔާވަހިކަން ކަމަށާއި އެ ކަން ތަންފީޒު ކޮށްދެއްވުމަށް އާޒިމް ވަނީ ރޭގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވި ރައީސް ޑރ. މުއިއްޒުގެ އަރިހުން އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑަށް ވިސްނޭ ގޮތުގައި އެންމެ އަވަސް ތަރައްގީ ގެނެވޭނީ، އަދި އެތަނެއްގައި އުޅެވޭނީ ވެސް، ބްރިޖަކުން ގުޅާލެވޭ ހިސާބުގައި ހުރި ތަންތަން. ދިމާވެފައިވާ މި ހައްސާސް މައްސަލައަށް އަވަސް ހައްްލެއް ހޯދައިދެވެން އޮތް މަގަކީ އެއީ، ހައްލެއް އޮތީ ފުރަތަމަ މަރުހަލާގައި ވެސް އެ ތަންތަން ތަރައްގީ ކޮށްގެން،" އޭނާ ވިދާޅުވި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ކަމަށް އާދަމް އާޒިމް ހުވާ ކުރައްވަނީ .-- ފޮޓޯ: ނިޝާން އަލީ / މިހާރު

ރޭ ބޭއްވި ރަސްމިއްޔާތުގައި މާލޭގެ މޭޔަރު ކަމަށް އާދަމް އާޒިމް ހުވާ ކުރައްވަނީ .-- ފޮޓޯ: ނިޝާން އަލީ / މިހާރު

މާލޭގެ ދިރިއުޅުމުގެ ހާލަތަށް ބަލާއިރު، ފެންނަމުން ދަނީ "ފިއްކަނޑައިގެންދާހާ" ހިތްދަތި މަންޒަރެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ ސިޔާސީ މީހުން އެކަން ކަމަށް ހައްލު ހޯދައި ނުދެއްވާތީ އެތައް ރައްޔިތުންނެއް ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ އޭނާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެހެން ކަންކަން ހާސިލް ކުރެވޭނީ ސަރުކާރާއި އެހެނިހެން މުވައްސަސާތަކުގެ ފުރިހަމަ އެއްބާރުލުމާއި އެކުގައި ކަމަށެވެ.

- މަސްމާރުކޭޓް ޒަމާނީ ކުރުން.

- ޕާކިންގް ބިލްޑިންގް ހެދުން.

- ގަރާޖުތައް މާލެ ސަރަހައްދުން ދުރަށް ގެންދިއުން.

- މާލޭގެ ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމާއެކު އެތަން ޒަމާނީ ފެންވަރަށް ހެދުން.

- ބަނދަރު ތޮށް ޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުން.

- ބުޅަލުގެ މައްސަލައަށް ހައްލެއް ހޯދުން.

- ވިލިމާލެ އާއި ހުޅުމާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުން.

އާޒިމް ވިދާޅުވި ގޮތުގައި އޭނާ ޔަގީން ކުރައްވަނީ ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށް ލިބޭނެ ކަަމަށެވެ. އަދި މާލޭގެ މީހުންގެ ލާބަ އާއި މަންފާ އަށް ލިބޭ އެއްވެސް ކަމެއްގެ ހުރަހަކަށް ނުވެ، އެފަދަ ކަންކަމުގައި ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން ފުރިހަމައަށް ދެއްވާނެ ކަމުގެ ޔަގީންކަން އާޒިމް ރޭ ދެއްވި އެވެ.