Roadha Mihaaru
ސަރުކާރާއެކު ކޯޅެން ފުރުސަތު ނުދޭނަން: އާޒިމް

އާޒިމްގެ ފުރަތަމަ ބައްދަލުވުން: ސަރުކާރާ އެކު ކޯޅެން ފުރުސަތު ނުދޭނަން!

24 ޖެނުއަރީ 2024

މާލޭ ސިޓީ ކައުންސިލާއި ސަރުކާރާ ދެމެދު ކޯޅެން ފުރުސަތު ނުދޭނެ ކަމަށާއި އާންމުންނަށް ފައިދާވާ ކަމެއްގައި ސަރުކާރަށް ޒައްރެއްގެ މިންވަރަށް ވެސް އުނދަގޫ ވާ ވަރުގެ ކަމެއް އޭނާ ނުކުރައްވާނެ ކަމަށް މާލޭގެ އާ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލޭ ސިޓީ ކައުންސިލާއި ސަރުކާރާ ދެމެދު ކޯޅެން ފުރުސަތު ނުދޭނެ ކަމަށާއި އާންމުންނަށް ފައިދާވާ ކަމެއްގައި ސަރުކާރަށް ޒައްރެއްގެ މިންވަރަށް ވެސް އުނދަގޫ ވާ ވަރުގެ ކަމެއް އޭނާ ނުކުރައްވާނެ ކަމަށް މާލޭގެ އާ މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާޒިމް އެހެން ވިދާޅުވީ، އޭނާ ބައިވެރިވެވަޑައިގެން، މިއަދު ހެނދުނު ބޭއްވި މާލޭ ސިޓީ ކައުންސިލުގެ ފުރަތަމަ އާންމު ޖަލްސާގަ އެވެ.

އާޒިމް ވިދާޅުވީ، ސިޓީ ކައުންސިލުގެ މަސައްކަތްތައް ކުރިއަށް ގެންދާނީ ސަރުކާރާ ގުޅިގެން ކަމަށާއި ސަރުކާރުން ބޭނުންވާ ހުރިހާ ކަމެއްގައި އެއްބާރުލުން ދެއްވާނެ ކަމަށެވެ. ސިޓީ ކައުންސިލުގެ ފަރާތުން ސަރުކާރަށް އެއްވެސް ކަމެއް ދަތިވިޔަ ނުދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންނަށް ފައިދާވާ، ފަސޭހަވާ، ރައްޔިތުންގެ ދިރިއުޅުމަށް ކުރިއެރުމެއް ލިބޭ އެއްވެސް ކަމެއްގައި، ސަރުކާރަށް ޒައްރެއްގެ މިންވަރަށް ވެސް އުނދަގުލެއް ނުކުރާނެ ކަމަށް އަޅުގަނޑު ފުރިހަމަ ޔަގީންކަން އަރުވަން: އާޒިމް

"ރައްޔިތުންނަށް ފައިދާވާ، ފަސޭހަވާ، ރައްޔިތުންގެ ދިރިއުޅުމަށް ކުރިއެރުމެއް ލިބޭ އެއްވެސް ކަމެއްގައި، ސަރުކާރަށް ޒައްރެއްގެ މިންވަރަށް ވެސް އުނދަގުލެއް ނުކުރާނެ ކަމަށް އަޅުގަނޑު ފުރިހަމަ ޔަގީންކަން އަރުވަން،" އާޒިމް ވިދާޅުވި އެވެ.

ސިޓީ ކައުންސިލުގެ ފަރާތުން ސަރުކާރަށް އުނދަގޫވާ ކަމުގެ އިހުސާސެއް ކުރެވުނަސް، އެކަން އޭނާ އަށް ދެންނެވުމަށް ކައުންސިލަރުންގެ ފަރާތުން އާޒިމް އެދިވަޑައިގަތެވެ.

އާ މޭޔަރު ހުވާކުރައްވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި އާ މޭޔަރު އާދަމް އާޒިމް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަސްލަމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އާ މޭޔަރު ހުވާކުރައްވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒާއި އާ މޭޔަރު އާދަމް އާޒިމް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް އަސްލަމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"އެއްވެސް ކޮންފްލިކްޓެއް، އެއްވެސް ކަމެއް އަންނާކަށް ބޭނުމެއް ނޫން. އެއްވެސް ކޯޅުމެއް އަންނާކަށް ބޭނުމެއް ނޫން، އެއްވެސް މުއައްސަސާއަކާ އެއްކޮށް ވިޔަސް، ސަރުކާރާ އެއްކޮށް ވެސް،" އާޒިމް ވިދާޅުވި އެވެ.

އާންމުންނަށް ހިދުމަތެއް ދިނުމަށް އޭނާގެ ފަރާތުން އެއްވެސް ބަޔަކަށް އުނދަގުލެއް ކުރިމަތިނުވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އާޒިމް ދެއްވި އެވެ.

"އެންމެންނާ ގުޅިގެން ކުރިއަށް ދާނީ، އަޅުގަނޑަކީ އެންމެން މޭޔަރު،" އާޒިމް ވިދާޅުވި އެވެ.

މާލޭ ސިޓީ ކައުންސިލުގެ މަޖޯރިޓީ އަދިވެސް އޮތީ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނަށެވެ. އާޒިމާ އެކު، ސިޓީ ކައުންސިލުގައި މިހާރު ތިއްބަވަނީ އިދިކޮޅު އެމްޑީޕީގެ އެންމެ ދެ މެމްބަރުންނެވެ.