Roadha Mihaaru
ހައުސިން މަޝްރޫއުގެ ލިޔެކިޔުންތައް ނެތް: ކައުންސިލް

ސިނަމާލެ އާއި މާލެ ހިޔާގެ ހައުސިން މަޝްރޫއުގެ ލިޔެކިޔުންތަކެއް ނެތް: ސިޓީ ކައުންސިލް

07 ފެބުރުއަރީ 2024

ސިނަމާލެ އާއި މާލެހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން ސިޓީ ކައުންސިލުން ކުރިން ފަށަން އުޅުނު ހައުސިން ޕްރޮޖެކްޓާ ގުޅޭ އެއްވެސް ޑޮކިއުމެންޓެއް ކައުންސިލްގައި ނެތް ކަމަށް މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސިނަމާލެ އާއި މާލެހިޔާ ފްލެޓުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން ސިޓީ ކައުންސިލުން ކުރިން ފަށަން އުޅުނު ހައުސިން ޕްރޮޖެކްޓާ ގުޅޭ އެއްވެސް ޑޮކިއުމެންޓެއް ކައުންސިލްގައި ނެތް ކަމަށް މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާ މޭޔަރު ހުވާކުރަން މިދިޔަ މަހުގެ 22 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި، ދެ އަހަރު މާލޭގެ މޭޔަރުކަން ކުރެއްވުމަށްފަހު ވެރިކަމަށް ވަޑައިގެންނެވި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލުން ސިނަމާލެ ސަރަހައްދުގައި ގެދޮރު ބިނާކުރުމަށް މަޝްރޫއުތަކެއް ފަށަން މަސައްކަތްކުރި ކަމަށެވެ.

ނަމަވެސް، އެކަމަށް ބޭނުންވާ ހުއްދަތައް އޭރު ނުލިބުނު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެކަމަކު، ޕީއެންސީގެ މި ވެރިކަމުގައި ސިނަމާލެ އާއި މާލެ ހިޔާ ހުރި ބިމުގައި ހައުސިންގެ އާ އިމާރާތްތަކެއް އަޅަން ފަށާނެ ކަމަށާއި އެކަމަށްޓަކައި، އެ ތަންތަނުގައި ދިރިއުޅޭ މީހުންނަށް ހާއްސަކޮށްގެން އެހެން ހިސާބެއްގައި ފްލެޓުތަކެއް އަޅަން އަންނަ އޭޕްރީލް މަހު މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ސުވާލުކުރުމުން މޭޔަރު ވިދާޅުވީ ހައުސިންގެ އެ މަޝްރޫއާ ގުޅޭ އެއްވެސް ޑޮކިއުމެންޓެއް ކައުންސިލްގައި ނެތް ކަމަށެވެ. އެހެންވެ، އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިވަޑައިނުގަންނަވާތީ، ފްލެޓު އަޅަން ހަމަޖައްސާފައިވާ ތަން އަދި އަމަލީ މަސައްކަތާ ގުޅޭ އެއްވެސް ކަމެއް ސާފު ނުވާ ކަމަށް ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީން ބުނީ ސިނަމާލެ އަދި މާލެ ހިޔާ އަލުން ތަރައްގީކުރުމަކީ ސިޓީ ކައުންސިލްގެ ޕްރޮޖެކްޓަކަށް ވާތީ އެކަން އެނގޭނީ އެ ކައުންސިލަށް ކަމަށެވެ.

ރައީސް އެ ރޭ ވިދާޅުވީ ސިނަމާލެ 1، 2، 3 އަދި މާލެ ހިޔާ 1، 2 ގައި އުޅޭ މީހުންނަށް ހާއްސަކޮށްގެން އަޅާ އާ އިމާރާތް ނިމުމުން، އެ ތަންތަނަށް ވުރެ ފުރިހަމަ އަދި ޖާގަ ބޮޑު ފްލެޓުތަކެއް ލިބިގެންދާނެ ކަމަށެވެ.

"މި ފަސް އިމާރާތުގެ ރައްޔިތުންނަށް އެއަށްވުރެ ފުރިހަމަ، އެއަށްވުރެ ޖާގަ ބޮޑު ފްލެޓްތަކެއް އެ ތަނުން ލިބިގެންދާނެ. ލިބިގެން ދިޔައިމާ، ބާވެފައި ހުރި މި ދެންނެވި ފަސް އިމާރާތް ތަޅާލެވި، އެތަންތަނުގައި އާ އިމާރާތް އެޅިގެންދާނެ. އެ މަޝްރޫއު އިރާދަކުރެއްވިއްޔާ ފެށިގެންދާނެ." ރައީސް ވިދާޅުވި އެވެ.

އާ ވެރިކަމާއެކު ސިޓީ ކައުންސިލްގެ ގިނަ މެމްބަރުންނާއި ޕްރޮޖެކްޓުތައް ހަވާލުވެހުންނެވި ގިނަ ކޮންސަލްޓަންޓުންތަކެއް ވަނީ އެ ވަޒީފާއިން ވަކިވެ، ސަރުކާރާ ގުޅިވަޑައިގެންފަ އެވެ.