Roadha Mihaaru
ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ކައުންސިލަށް

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަން ފަށައިފި

21 ނޮވެމްބަރ 2023

މާލެ ސިޓީގެ ހުރިހާ މުނިސިޕަލް ހިދުމަތެއް މާލެ ސިޓީ ކައުންސިލަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މާލެ ސިޓީގެ ހުރިހާ މުނިސިޕަލް ހިދުމަތެއް މާލެ ސިޓީ ކައުންސިލަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވާފައިވަނީ މާލެ އާއި، ހުޅުމާލެ އާއި ވިލިމާލޭގެ މުނިސިޕަލް ހުރިހާ ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ކަމަށާއި އެކަމުގެ އިދާރީ މަސައްކަތްތައް ފަށާފައިވާ ކަމަށެވެ.

ހުޅުމާލޭގެ މައިގަނޑު މުނިސިޕަލް ހުރިހާ ހިދުމަތެއް މިހާރު ދެމުން އަންނަނީ އާބަންކޯއިންނެވެ. އެކަން ބަދަލުކޮށް އެ ހިދުމަތްތައް ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ސިޓީ ކައުންސިލްގެ ދަށަށް ބަދަލު ކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

ކެމްޕެއިންގައި ރައީސް ވިދާޅުވެފައިވަނީ ހުޅުމާޅެ އަކީ މާލޭގެ ރައްޔިތުން ހޮވާފައި ހުންނަ ކައުންސިލުން ބަލަހައްޓާ ތަނަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ.

"އޭރުން ރައްޔިތުންގެ އިހުސާސްތައް އަޑު އިވޭނެ. ކުންފުންޏަކުން ކިހިނެތްތޯ ރައއްޔިތުންގެ އިހުސާސްތައް އަޑު އަހާނީ. ކުންފުނި އޮންނާނީ ވިޔަފާރި ކުރަން،" އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

މުނިސިޕަލް ހިދުމަތްތައް ދިނުމާއި ރައްޔިތުންނަށް ދޭން ޖެހޭ ރަށްވެހިކަމުގެ ހިދުމަތް ދޭން ޖެހޭނީ ރައްޔިތުންގެ ފަރާތުން ހޮވާފައި ތިބޭ ކައުންސިލަރުން ކަމަށް ރައީސް ވިދާޅުވި އެވެ.

ހުޅުމާލެ ބިމުގެ އިހުތިސާސް އަދި މިލްކުވެރިކަމާ ގުޅޭ ގޮތުން، ހުޅުމާލެ މިހާރު ހިންގުމާ ހަވާލުވެފައިވާ އާބަންކޯ އާއި މާލެ ސިޓީ ކައުންސިލާ ދެމެދެ ހިޔާލު ތަފާތުވުންތަކެއް އުފެދި ބޮޑު ކޯޅުމަކަށް ދިޔަ އެވެ.

ހުޅުމާލެ އިހުތިސާސްގެ މައްސަލައިގައި ކައުންސިލުން އޭރު ބުނަމުން ދިޔައީ ހުޅުމާލެއަކީ ކައުންސިލްގެ އިހްތިސާސްގައި ހިމެނޭ ތަނެއް ކަމަށާއި އެ ކައުންސިލަރުންނަކީ ހުޅުމާލެ ރައްޔިތުންގެ ވޯޓުން ހޮވާފައި ތިބި ބައެއް ކަމަށެވެ. އެހެންކަމުން އެތަން ބަލަހައްޓާ ތަނަކަށް ވާން ޖެހޭނީ ކައުންސިލް ކަމަށެވެ.

ނަމަވެސް އާބަންކޯއިން ބުނީ ހުޅުމާލެއަކީ އެ ކުންފުނީގެ ރައުސުލްމާލެއް ކަމަށާއި 100 ޕަސަންޓު ސަރުކާރު ހިއްސާވާ އެކުންފުނި އުފެއްދީ ވެސް ހުޅުމާލެ ލިބޭ ގޮތަށް ކަމަށެވެ.

އެ މައްސަލަ ބޮޑުވެ 2021ވަނަ އަހަރު ހުޅުމާލޭގެ ރަޖިސްޓްރީ ސިޓީ ކައުންސިލުން ބާތިލްކުރި އެވެ. އެއީ ޕީޕީއެމްގެ ޖަލްސާއެއް ހުޅުމާލޭގައި ބާއްވަން އުޅުމުން، ހުއްދަ ނެތި ބާއްވާ ޖަލްސާއެއް ކަމަށް ވާތީ އެކަން އާބްންކޯއިން ފުލުހުން މެދުވެރިކޮށް ހުއްޓުވުމުންނެވެ.

އާބަންކޯއިން އެ މައްސަލަ ކޯޓަށް ހުށަހެޅުމުން މައްސަލަ ނިމުނީ ހުޅުމާލެއަކީ އެ ކުންފުނީގެ ބިމެއްގެ ގޮތަށެވެ.