Roadha Mihaaru
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރަން ފަށައިފި

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރަން ބަޔަކާ ހަވާލުކޮށް، މަސައްކަތް ފަށައިފި

06 ޖެނުއަރީ 2024

ހުޅުމާލެ 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކޮންމެ ޓަވަރަކަށް އިތުރު ދެ ލިފްޓު ހަރުކުރުމަށް ބަޔަކާ ހަވާލުކޮށް، މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލެ 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކޮންމެ ޓަވަރަކަށް އިތުރު ދެ ލިފްޓު ހަރުކުރުމަށް ބަޔަކާ ހަވާލުކޮށް، މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހިޔާގެ ޓަވަރުތަކުގައި އިތުރު ލިފްޓު ބަހައްޓައި ދިނުމަކީ މިދިޔަ އަހަރުގެ ރިޔާސީ ކެމްޕެއިންގައި މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ.

މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވިދާޅުވީ، ހުޅުމާލެ 2 ގައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ރާވާފައިވާ ގިނަ ކަންކަމަކީ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ކަންކަން ކަމަށެވެ.

އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް ބޭއްވެވި ބައްދަލުވުމަށްފަހު ރައީސް ޑރ. މުއިއްޒު، ހުޅުމާލެ މީހުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް ބޭއްވެވި ބައްދަލުވުމަށްފަހު ރައީސް ޑރ. މުއިއްޒު، ހުޅުމާލެ މީހުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އޭގެ ތެރެއިން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެ މަނިކުފާނު ވިދާޅުވީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމެވެ.

"އެއް ކަމަކީ މި ޓަވަރުގައި އިތުރު ލިފްޓުތަކެއް ހަރުކުރުން. އެ ކަންތައް އެޗްޑީސީން [އާބަންކޯ އިން] މިހާރު ސަރުކާރުން ނިންމާފައިވާ ގޮތަށް އެ ވަނީ މަސައްކަތް ފަށައި ބަޔަކާ އެގްރިމެންޓް ހަދައި ލިފްޓުތައް ގެނެސް ހަރުކުރުމުގެ މަސައްކަތް ފަށާފައި،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ވަރަށް އަވަސް މުއްދަތެއްގައި އެ މަސައްކަތް ނިންމާނެ ކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ފަހަގަ ކުރެއްވި އެވެ.

ރިޔާސީ ކެމްޕޭނުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ ހިޔާ ފްލެޓްތަކުގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާނެ ކަމަށެވެ. އެއް ލިފްޓަކީ ސްޓްރެޗާ އުފުލޭ ވަރުގެ ބޮޑު ލިފްޓެއް ކަމަށާއި އަނެއް ލިފްޓަކީ ގާތްގަނޑަކަށް 14 މީހުންގެ ކެޕޭސިޓީގެ ލިފްޓެއް ކަމަށް ރައީސް އޭރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ 2 ގައި އިމާރާތްކުރި ހިޔާ ފްލެޓްގެ 25 ބުރީގެ 16 ޓަވަރުގެ ތެރެއިން ބައެއް ޓަވަރުގައި ހަތަރެއް އަދި ބައެއް ތަންތަނުގައި ތިން ލިފްޓު ހުރެ އެވެ. ނަމަވެސް، ލިފްޓު މަދުވުމުގެ ސަބަބުން އަރައި ފޭބުމަށް ދަތި ވާތީ އެތަނުގައި ދިރިއުޅޭ މީހުންގެ ޝަކުވާ ބޮޑެވެ. އެ ޓަވަރުތަކުގައި 50،000 އެއްހާ މީހުން މިހާރު އަންނަނީ ދިރިއުޅެމުންނެވެ.