Roadha Mihaaru
ދެ އެޕާޓްމަންޓްގެ ފާރު ރާނަން 3މަސް ދޭން އެދިއްޖެ

ހިޔާގެ އެއްކޮށްލި ދެ އެޕާޓްމަންޓުގެ ފާރު ރާނަން ތިން މަސް ދޭން އެދިއްޖެ

07 ޖޫން 2023

ފާރު ތަޅާލައިގެން އެއްކޮށްލި ހިޔާގެ ދެ އެޕާޓްމަންޓް، ކުރިން ހުރި ގޮތަށް ފާރު ރާނައިގެން ވަކިކުރަން ތިން މަސް ދޭން ވެރިފަރާތުން އާބަންކޯގައި އެދިއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފާރު ތަޅާލައިގެން އެއްކޮށްލި ހިޔާގެ ދެ އެޕާޓްމަންޓް، ކުރިން ހުރި ގޮތަށް ފާރު ރާނައިގެން ވަކިކުރަން ތިން މަސް ދޭން ވެރިފަރާތުން އާބަންކޯގައި އެދިއްޖެ އެވެ.

ހިޔާ ފްލެޓް ދޫކުރި އެއްބަސްވުމާ ޚިލާފަށް ދެ އެޕާޓްމަންޓް އެއްކޮށްލައިގެން އުޅެނިކޮށް ފަޅާއެރުމުން އާބަންކޯ އިން ވަނީ އެ ދެތަނުގެ ވެރިފަރާތް 100،000ރ. އިން ޖޫރިމަނާކޮށްފަ އެވެ. އެ ފައިސާ ފަސް ދުވަހުގެ ތެރޭގައި ދައްކައި އެޕާޓްމަންޓް ކުރިން ހުރި ގޮތަށް ބަދަލުކުރަން ދިން މުއްދަތުގައި ވެރިފަރާތުން އެގޮތަށް އަމަލެއް ނުކުރި އެވެ.

އެހެންވެ، އެ ދެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، ހުސްކުރަން 14 ދުވަހުގެ ނޯޓިސްއެއް އާބަންކޯ އިން ފްލެޓްގެ ވެރިފަރާތަށް ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު ދީފަ އެވެ. އެ މުއްދަތު މި މަހުގެ އެއްވަނަ ދުވަހަށް އޮތީ ހަމަވެފަ އެވެ.

ދެތަން ހުސްކުރަން ދިން މުއްދަތު ހަމަވި ނަމަވެސް ތަން ހުސްކޮށްފައި ނުވާ ކަމަށް އާބަންކޯއިން ބުންޏެވެ.

އެ ކުންފުނީގެ އޮފިޝަލަކު މިރޭ "މިހާރު" އަށް ވިދާޅުވީ ދެ އެޕާޓްމަންޓް އެއްކޮށްލަން، ތަޅާލި ފާރު ރޭނުމަށް ތިން މަސް ދޭން ފްލެޓްގެ ވެރިފަރާތުން އާބަންކޯގައި އެދިފައިވާ ކަމަށެވެ. އެޗްޑީސީގެ ބޯޑުން މަޝްވަރާ ކުރުމަށްފަހު ނިންމީ ބޯހިޔާވަހިކަމާ ގުޅޭ މައްސަލައަކަށްވާތީ، އެ ފްލެޓްގެ ވެރިފަރާތުން ފާރު ރޭނުމުގެ މަސައްކަތް ފަށާތޯ ބެލުމަށް ހަތް ދުވަސް ދޭން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދިނީ ހަތް ދުވަސް. އެއީ ފާރު ރާނަން ފަށާތޯ ބަލަން. އެ ހަތް ދުވަހަށް ބެލުމަށްފަހު 90 ދުވަސް އިތުރުކުރުމާ މެދު ގޮތެއް ނިންމާނީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ފްލެޓްގެ ފާރު ތަޅާލި މައްސަލާގައި ކޮށްފައިވާ ޖޫރިމަނާ ދެއްކުމަށް ފެލްޓްގެ ވެރިފަރާތުން ލުއިގޮތެއް ހަމަޖައްސައިދިނުމަށް އެދިފައިވާ ކަމަށެވެ. ނަމަވެސް އެއާމެދު އަދި ގޮތެއް ނިންމާފައި ނުވާ ކަމަށާއި އެކަމާ މެދު ގޮތެއް ނިންމޭނީ ފާރު ރޭނުމުގައި އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

ދެ އެޕާޓްމަންޓް އެއްކޮށްލައި އެ ދެ ތަން ވަނީ ވަރަށް ލަގްޒަރީކޮށް ހަދައިފަ އެވެ. މައުލޫމާތު އެނގޭ ބައެއް މީހުން ބުނާގޮތުގައި އެ މަސައްކަތް ނިންމައި އެ ފެންވަރަށް ހަދަން ގާތްގަނޑަކަށް 600،000ރ. ހަރަދު ވާނެ އެވެ. ދެ ފްލެޓް އެއްކޮށްލި އެކަކީ ހިޔާގެ ކުލި ކުޑަކުރަން ގޮވާލަމުން އަންނަ މީހެކެވެ. އޭނާ ގަވައިދުން އެތަނަށް ކުލި ވެސް ނުދައްކާ ކަމަށް ވެ އެވެ.