Roadha Mihaaru
ކޯޓަށް ދިޔަޔަސް ނިންމުން ބަދަލެއް ނުވާނެ: އާބަންކޯ

ފާރު ތަޅާލި މީހުން ކޯޓަށް ދިޔަޔަސް އާބަންކޯގެ ނިންމުން ބަދަލެއް ނުވާނެ: އޮފިޝަލް

29 މެއި 2023

ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލާގައި އެ ދެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން އެންގި އެންގުން ހުއްޓުވައި ދިނުމަށް އެދި އެޕާޓްމެންޓްގެ ވެރިފަރާތުން ކޯޓަށް ހުށަހެޅި ނަމަވެސް އާބަންކޯގެ ނިންމުން ބަދަލު ނުވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލާގައި އެ ދެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން އެންގި އެންގުން ހުއްޓުވައި ދިނުމަށް އެދި އެޕާޓްމެންޓްގެ ވެރިފަރާތުން ކޯޓަށް ހުށަހެޅި ނަމަވެސް އާބަންކޯގެ ނިންމުން ބަދަލު ނުވާނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ފްލެޓްގެ ފާރެއް ތަޅާލައި ދެ އެޕާޓްމަންޓް އެއްކޮށްލުމުން ކޮންމެ ފްލެޓެއްގެ ވެރިފަރާތް 100،000ރ. އިން ޖޫރިމަނާ ކުރީ މި މަހުގެ ފަސްވަނަ ދުވަހު އެވެ. އެ ފައިސާ ދައްކަން ފަސް ދުވަސް ދިނަސް އެ އަށް ވެސް ދެ އެޕާޓްމަންޓުގެ ވެރިފަރާތުން އަމަލެއް ނުކުރި އެވެ. ފާރު ރާނަން ދިން 10 ދުވަހުގެ ތެރޭގައި އެ ކަމެއް ވެސް ނުކުރި އެވެ.

އެހެންވެ، އެ ދެ ތަނުގެ އެއްބަސްވުން ބާތިލްކޮށް، ދެ ތަން ހުސްކުރަން 14 ދުވަހުގެ ނޯޓިސްއެއް އާބަންކޯ އިން ފްލެޓްގެ ވެރިފަރާތަށް ވަނީ މި މަހުގެ 18 ވަނަ ދުވަހު ދީފަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ އެކަކަށެވެ.

އާބަންކޯ އިން ފޮނުވި ނޯޓިސްގައި ވަނީ ދެ އެޕާޓްމަންޓް ދެ ހަފުތާގެ ތެރޭގައި ހުސްކުރުމުގެ އިތުރުން މިހާތަނަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް 30 ދުވަހުގެ ތެރޭ ދެއްކުމަށެވެ.

އެއްކޮށްލި ދެ އެޕާޓްމަންޓަށް ބަދަލު ގެނެސްފައި: މި އެޕާޓްމަންޓް މި ފެންވަރަށް ހަދަން ހަ ލައްކައެއްހާ ރުފިޔާ ހަރަދުކުރި ކަމަށް ބެލެވޭ.

އެއްކޮށްލި ދެ އެޕާޓްމަންޓަށް ބަދަލު ގެނެސްފައި: މި އެޕާޓްމަންޓް މި ފެންވަރަށް ހަދަން ހަ ލައްކައެއްހާ ރުފިޔާ ހަރަދުކުރި ކަމަށް ބެލެވޭ.

އެކަމަކު، އާބަންކޯގެ އެންގުންތަކަށް ތަބާވުމުގެ ބަދަލުގައި ދެ ފްލެޓްގެ ވެރިފަރާތުން ދިޔައީ ސިވިލް ކޯޓަށެވެ. ދެ އެޕާޓްމެންޓް އާބަންކޯ އަށް ނެގުން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި ފްލެޓްގެ ވެރިފަރާތުން އެދުމުން މިހާރު ވަނީ އެ އެ މައްސަލަ އެ ކޯޓުގައި ރަޖިސްޓަރީ ވެސް ކޮށްފަ އެވެ.

އެކަމާ ގުޅިގެން ސުވާލު ކުރުމުން އާބަންކޯގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ކުންފުނީގެ އެންގުން ހުއްޓުވައި ދިނުމަށް އެދި ކޯޓަށް ދިޔަ ނަމަވެސް އާބަންކޯގެ ނިންމުން ބަދަލު ނުވާނެ ކަމަށެވެ.

އެ ތަނުން އެއް ފްލެޓް ދޫކޮށްފައި ވަނީ ފްލެޓް ލިބުނު މީހުންގެ ހައްގުގައި މަސައްކަތްކުރުމަށް އުފެއްދި "ހިޔާ ޔޫނިއަން"ގެ ނައިބު ރައީސް އަހުމަދު ޝަމާލަށެވެ. ފްލެޓްގެ ފާރެއް ތަޅާލައި އެއްކޮށްލި އަނެއް ފްލެޓްގައި ދިރިއުޅެނީ އޭނާގެ އާއިލާގެ ބައެކެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން އެންމެ ގަދައަށް އަޑުއުފުލާ މީހުންގެ ތެރޭގައި ހިމެނޭ ޝަމާލް އޭނާގެ ފްލެޓަށް ގަވާއިދުން ކުލި ވެސް ނުދައްކާ ކަން ވަނީ އެނގިފަ އެވެ. މި މައްސާލާގައި ޝަމާލަށް ގިނަ ބައެއްގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ.