Roadha Mihaaru
ބަދަލު ހޯދަން ޔުނިވަސިޓީން އެޗްޑީސީ އަށް ދައުވާކޮށްފި

ބިން ނުދިނުމުން ބަދަލު ހޯދަން ޔުނިވަސިޓީން އެޗްޑީސީ އަށް ދައުވާކޮށްފި

26 ޖޫން 2019

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާންކުރި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ގައުމީ ޔުނިވަސިޓީން ދެ ޓަވަރު އިމާރާތް ކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބިން ދޭން އެއްބަސްވުމަށް ފަހު އެގޮތަށް އަމަލުނުކުރި މައްސަލާގައި ބަދަލު ހޯދަން ޔުނިވާސިޓީން ދައުވާކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާންކުރި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ގައުމީ ޔުނިވަސިޓީން ދެ ޓަވަރު އިމާރާތް ކުރަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބިން ދޭން އެއްބަސްވުމަށް ފަހު އެގޮތަށް އަމަލުނުކުރި މައްސަލާގައި ބަދަލު ހޯދަން ޔުނިވާސިޓީން ދައުވާކޮށްފި އެވެ.

ޔުނިވަސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފް، "މިހާރު" އަށް ވިދާޅުވީ އެ މައްސަލަ މިދިޔަ އާދިއްތަ ދުވަހު ސިވިލް ކޯޓަށް ހުށަހެޅީ ގާނޫނާ ހިލާފަށް އެޗްޑީސީން އެ އެއްބަސްވުން މީގެ ދެ މަހެއްހާ ދުވަސް ކުރިން ބާތިލްކޮށްފައިވާތީ ބަދަލު ހޯދަން ކަމަށެވެ.

"ޑީޓެއިލް ޑްރޯވިންތައް އެޗްޑީސީ އަށް ހުށަހަޅާފައިވަނިކޮށް ގާނޫނާއި ގަވައިދާ ހިލާފަށް އެއްބަސްވުން ބާތިލް ކުރީ. އެހެންވެ ގެއްލުމުގެ ބަދަލު ހޯދަން އަޅުގަނޑުމެން އެދިފައިވާނީ،" ފަވާޒް ވިދާޅުވި އެވެ.

ފަނަރަ ބުރީގެ ދެ ޓަވަރު އެޅުމަށް ގައުމީ ޔުނިވާސިޓީން ސިންގަޕޫރުގެ އާރުއައި އިންޖީނިއަރިންއާ ހަވާލުކޮށް ކުރެހުންތައް ވަނީ ނިންމާފަ އެވެ. އެކަމަށް 21 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ޔުނިވާސިޓީން ބުނެ އެވެ. ނަމަވެސް އިމާރާތް ހެދުމުގެ އަމަލީ މަސައްކަތެއް އަދި ނުފަށަ އެވެ.

ޔުނިވަސިޓީން އެދިފައިވަނީ ބަދަލުގެ މިންވަރު ޝަރީއަތުން ކަނޑައަޅައިދިނުމަށެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ އެ އެއްބަސްވުން ބާތިލްކުރަން ނިންމީ ސަރުކާރުން އެގޮތަށް ނިންމާފައިވާތީ ކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ ހިޔާ މަޝްރޫއުގެ ދަށުން ނުފެށި ހުރި ޕްރޮޖެކްޓްތައް މަޑުޖައްސާލުން ކަމަށް ސުހެއިލް ވިދާޅުވި އެވެ.

"ވަކި، ޔުނިވާސިޓީ ވެގެންނެއް ނޫން އެގޮތަށް ނިންމީއެއް. ނުފެށި ހުރި ޕްރޮޖެކްޓްތައް މަޑުޖައްސާލަން ސަރުކާރުން ނިންމާފަ ވާތީ އެގޮތަށް ނިންމީ،" ސުހެއިލް ވިދާޅުވި އެވެ.

ޔުނިވަސިޓީން ޓަވަރު އަޅަން ނިންމާފައިވަނީ، ކޮންމެ އިމާރާތެއް 10،000 އަކަފޫޓުގެ ބިމެއްގަ އެވެ. ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 80،000 މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން 25 ބުރީގެ 62 ޓަވަރު އަޅަން ކުރީގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން ކަސްޓަމްސް އިން ހަތަރު ޓަވަރު، އައިލެންޑް އޭވިއޭޝަނުން ތިން ޓަވަރު، ސްޓެލްކޯ އިން ދެ ޓަވަރު، އެމްޓީސީީސީން ދެ ޓަވަރު، އެމްޕީއެލް އާއި ވެމްކޯ އިން ދެ ޓަވަރު އަޅަން ވަނީ އިއުލާންކޮށްފަ އެވެ.