Roadha Mihaaru
އެއްކޮށްލި ދެ ފްލެޓް އަތުލުން ހުއްޓުވަން އަމުރު ނުދިން

ފާރު ތަޅާލައިގެން އެއްކޮށްލި ދެ އެޕާޓްމެންޓް އަތުލުން ހުއްޓުވުމުގެ އަމުރެއް ނުދިން

01 ޖޫން 2023

ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓެއް އެއްކޮށްލި މައްސަލާގައި އެ ތަން އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހިޔާ ފްލެޓްގެ ދެ އެޕާޓްމެންޓެއް އެއްކޮށްލި މައްސަލާގައި އެ ތަން އަތުލުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

ހިޔާ ފްލެޓެއްގެ ފާރު ތަޅާލުމަށް ފަހު ދެ އެޕާޓްމެންޓް އެއްކޮށްލި މައްސަލާގައި އެ ދެތަނުގެ ވެރިފަރާތް 200،000ރ. އިން ޖޫރިމަނާކޮށް އަދި ފާރު އަލުން ރާނަން އެންގުމުން އެއަށް އަމަލު ނުކުރި މައްސަލާގައި އެ ދެ އެޕާޓްމެންޓް އަތުލަން އާބަންކޯ އިން ވަނީ ނިންމައިފަ އެވެ.

އެ މައްސަލާގައި އެ ދެތަނުގެ ވެރިފަރާތްތަކުން ސިވިލް ކޯޓުގައި އެދުނީ އެއްބަސްވުން ބާތިލްކޮށް، އެޕާޓްމެންޓްތައް އަތުލަން އާބަންކޯއިން ނިންމި ނިންމުން ބާތިލްކުރަން ކޯޓަށް ހުށަހަޅަން ގަސްދު ކުރާތީ އެ މައްސަލަ ނިމެންދެން، އެތަން އަތުލުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

އެކަމަކު، ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން ނިންމި ނިންމުމުގައި ވަނީ އެ ތަން އަތުލީ ގޯސްކޮށް ކަމަށް ކޯޓުން ނިންމާ ހާލަތުގައި ވެސް ނަތީޖާއަކަށް ވާނީ އެތަން އަނބުރާ ހަވާލުކުރަން އެންގުން ކަމަށެވެ. އެހެންވެ، އަމުރެއް ނުނެރުނަސް، އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެ މައްސަލާގައި އަމުރަށް އެދިފައިވަނީ ފްލެޓް އެއްބަސްވުމުގެ މާއްދާތަކާއި އެއްމެދު އިމާރާތުގެ ގާނޫނާ ހިލާފަށް ކަންކަން ކުރުމަށް ފަހު ކަމަށް ވާތީ އަމުރަށް އެދުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.

އެކަންކަން ފާހަގަކޮށް، ކޯޓުގެ ނިންމުމުގައިވަނީ އާބަންކޯގެ އެންގުމަށް އަމަލުކުރުން މަޑުޖައްސާލުމުގެ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.