Roadha Mihaaru
ހިއްކަން އުޅޭ ފަޅަކީ އާބަންކޯގެ ތަނެއް ނޫން: މުއިއްޒު

ހުޅުމާލެ އިން ހިއްކަން އުޅޭ ފަޅަކީ އާބަންކޯގެ ތަނެއް ނޫން، އިސްލާހުކޮށްދީ: މުއިއްޒު

11 މެއި 2023

މާލެ ސަރަހައްދުގެ މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހުޅުމާލެ އިން އިތުރަށް ހިއްކަން އުޅެނީ އާބަންކޯގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނަކަށް ނުވާތީ އެ ކަން އިސްލާހު ކޮށްދިނުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މާލެ ސަރަހައްދުގެ މީހުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހުޅުމާލެ އިން އިތުރަށް ހިއްކަން އުޅެނީ އާބަންކޯގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ތަނަކަށް ނުވާތީ އެ ކަން އިސްލާހު ކޮށްދިނުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

"... ވުމާއެކު މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ އަދި އާބަންކޯގެ ރަޖިސްޓްރީގައި ނުހިމެނޭ ފަޅެއް ގާނޫނާ ހިލާފަށް، ހުޅުމާލޭގެ މާސްޓަޕްލޭނާ ވެސް ހިލާފަށް، ކައުންސިލްގެ މަޝްވަރާއެއް ނެތި، އަދި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ، ގާނޫނާ އެއްގޮތް ވާ ގޮތުގެ މަތިން ހޯދުމަކާ ނުލައި، ކުރަން އުޅޭ އުޅުން އިސްލާހު ކުރައްވަވައި، ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަމަލު ކުރެއްވުމަށް އިލްތިމާސް ކުރަން،" ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފަޅުން ބައެއް ހިއްކަން ސަރުކާރުން މަޝްވަރާ ފަށާފައިވާ ވާހަކަ އިއްޔެ މީޑިއާ އަށް ތިލަވުމުން ކުރެއްވި ޓުވީޓެއްގައި މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މާލޭގައި ދިރިއުޅޭ މީހުންނަށް ގެދޮރުވެރިކަމާއި އެހެނިހެން ނަފާތައް ލިބިދިނުމަށް ގާނޫނާއި ގަވާއިދާއި އުސޫލުތަކުގެ ތެރެއިން ކުރާ ކޮންމެ ކަމަކަށް މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަަމަށެވެ.

ސަރުކާރުން ހިއްކަން ބޭނުންވަނީ އެނގިފައިވާ ގޮތުގައި، ހުޅުމާލޭގެ ދެ ފޭސް ގުޅުވައިލާ ބްރިޖުތައް ހުންނަ ޓަނަލުގެ ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން ފެށިގެން އުތުރަށް އޮތް މުޅި ފަޅެވެ. އޭރުން މުޅި ފަރުކޮޅުފުށި ވެސް ދާނީ ހިއްކާ ހިސާބުގެ ތެރެއަށެވެ.

ކުރީގެ ރައީސް މުހައްމަދު ވަހީދާއި އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވިގޮތުގައި ހުޅުމާލޭގެ ރަޖިސްޓަރީގެ ގޮތުގައި އާބަންކޯ އަށް ހައްދައިދީފައިވާ ރަޖިސްޓަރީގައި، ހިއްކަން އުޅޭ ފަޅުގެ ސަރަހައްދު ނުހިމެނޭނެ އެވެ. މުއިއްޒު ވަނީ ހުޅުމާލޭގެ ރަޖިސްޓަރީ ކަމަށް ވިދާޅުވެ، އޭނާ ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރު ސޮއި ކުރައްވާފައިވާ ލިޔުމެއް ސޯޝަލް މީޑިއާގައި އާންމު ކުރައްވައިފަ އެވެ.

"ހިއްކަން އުޅޭ ކަމަށް ބުނާ ސަރަޙައްދަކީ އެޗްޑީސީ އަށް (މިހާރު އާބަންކޯ) އަށް ހަދައިދީފައިވާ ރަޖިސްޓަރީގައި ނުހިމެނޭ ސަރަޙައްދެއް،" ހުޅުމާލޭ ފަޅުން ހިއްކަން އުޅޭތީ ކަންބޮޑުވުން ފާޅުކުރައްވައި މުއިއްޒު އާންމުކުރެއް 6 ޕޮއިންޓް ހިމެނޭ ސްޓޭޓޭމަންޓްގައި ވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލޭގެ ފަޅަށް ވެސް ހިނގަނީ މާލޭ ސިޓީ ކައުންސިލްގެ އިހްތިސޯސެވެ. އެ ފަޅު ހިއްކަން އުޅެނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ފަޅު ހިއްކާ ނަމަ އެކަން ކުރަން ޖެހޭނީ ގާނޫނާ އެއްގޮތަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަރުހަލާތައް ފުރިހަމަނުކޮށް ކުރާ ކަމެއް ނަމަ އެ މަސައްކަތް ހުއްޓާލުމަށް މުއިއްޒު ގޮވައިލެއްވި އެވެ.

އޭނާ ވިދާޅުވީ، ރައްޔިތުންނާ ގުޅުން ހުރި އެފަދަ ބޮޑެތި ކަންތައްތަކާއި މާސްޓަޕްލޭނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ވާނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް އާއި ރާއްޖޭގެ ގާނޫނުތަކާއި އުސޫލުތަކާއި ހަމަތަކާ އެއްގޮތަށް ކަމަށެވެ.

ހުޅުމާލެ ފޭސް 2 ން ފަރުކޮޅުފުށި ސަރަހައްދު

ހުޅުމާލެ ފޭސް 2 ން ފަރުކޮޅުފުށި ސަރަހައްދު

ހުޅުމާލޭގެ މާސްޓަ ޕްލޭންގައިވާ ގޮތުން ކުރިން އެ ފަޅުގައި ހަދަން އުޅުނީ ކްރޫޒް ޓާމިނަލެކެވެ. އެ ޓާމިނަލް ހަދައި ދޭނެ ބަޔަކު ހޯދަން އިއުލާން ކުރުމުން އެކަމުގެ ތަޖުރިބާ ހުރި ބޮޑެތި ބައެއް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށް އާބަންކޯ އިން 2021 ވަނަ އަހަރު ބުނެފައި ވެ އެވެ. އެއީ "އޯޝަން ފްރޮންޓް" ލަގްޒަރީ އެޕާޓްމަންޓްތައް ވެސް ހަދަން ޕްލޭންކޮށްފައި އޮތް ސަރަހައްދެވެ. އެ މަސައްކަތް މިދިޔަ އަހަރު ބަޔަކާ ހަވާލުކޮށްފައި ވެސް ވެ އެވެ.

ހުޅުމާލެ އިތުރަށް ހިއްކަން އިއުލާން ކުރި އިރު މާލޭގެ މީހުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ހިލޭ ގޯތި ދޭން ސަރުކާރުން އޮތީ ވައުދުވެފަ އެވެ. ނަމަވެސް، އެ ވައުދު ފުއްދުމަށް، ގޯތި ދޭވަރަށް ހުޅުމާލޭގެ ބިމުގައި ޖާގައެއް ނެތް މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ.