Roadha Mihaaru
100 ދުވަސްތެރޭ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންދަނީ

ވެރިކަމުގެ ފުރަތަމަ 100 ދުވަސްތެރޭ ކައުންސިލްގެ ދަށަށް ހުޅުމާލެ ގެންދަނީ

28 އޮކްޓޯބަރ 2023

ހުޅުމާލެ ހިންގުން މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ވެ ވަޑައިގެންނެވި ރިޔާސީ ވައުދާ އެއްގޮތަށް، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެކަން ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލެ ހިންގުން މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ވެ ވަޑައިގެންނެވި ރިޔާސީ ވައުދާ އެއްގޮތަށް، ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެކަން ކުރައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މުއިއްޒު ވަނީ މުނިސިޕަލް ހިދުމަތްތައް ދިނުމާއި ރައްޔިތުންނަށް ދޭންޖެހޭ ރަށްވެހިކަމުގެ ހިދުމަތް ދޭން ޖެހޭނީ ރައްޔިތުންގެ ފަރާތުން ހޮވާފައި ތިބޭ ކައުންސިލަރުން ކަމަށް ވިދާޅުވެފަ އެވެ. މިހާރު އާބަންކޯ އިން ބަލަހައްޓާ ހުޅުމާލެ، ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރަނީ އިންތިހާބުކޮށްފައި ތިބޭ ބަޔަކާ ހަވާލުވުމުން ރައްޔިތުންގެ އިހުސާސްތައް އަޑު އަހައި އެގޮތަށް ހިންގޭނެތީ ކަމަށް މުއިއްޒު އޭރު ވިދާޅުވި އެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި އާންމުންނާ ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ ހުޅުމާލޭގައި ރައްޔިތުންނަށް ދުވަހުން ދުވަހަށް ދޭންޖެހޭ ހުރިހާ ހިދުމަތްތަކެއް، ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރައްވާނެކަަމަށެވެ.

"އަޅުގަނޑުމެން ފުރަތަމަ 100 ދުވަހު ކުރާ ކަންކަމުގެ ތެރޭގައި ހުޅުމާލޭގެ ދެ ފިޔަވަހީގެ މުނިސިޕަލް ހިދުމަތް ކައުންސިލާ ހަވާލުކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

ހުޅުމާލޭގެ މަގަކުން ބަޔަކު ވެހިކަލްގައި ދަތުރުކުރަނީ: -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ހުޅުމާލޭގެ މަގަކުން ބަޔަކު ވެހިކަލްގައި ދަތުރުކުރަނީ: -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މުއިއްޒު ވިދާޅުވީ އޭގެ ތެރޭގައި ހިމެނެނީ މަގުތަކާއި ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމާއި މަގުތައް ދިއްލުން ފަދަ ކަންކަމުން ފެށިގެން ލާމަރުކަޒީ ގާނޫނުގައި ބަޔާންކުރާ، ކައުންސިލުން ދޭން ޖެހޭ ހިދުމަތްތަކެއް ކަމަށެވެ. އަދި މިހާތަނަށް ކައުންސިލަށް ހަވާލުނުކޮށް ހުރި ހުރިހާ ކަމެއް ހަވާލު ކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"އޭރުން ރައްޔިތުން އެދޭގޮތަށް މާލޭގައި ހިދުމަތްދޭ ގޮތަށް ހުޅުމާޅެ ދެ ފިޔަވަހި ވެސް ބަދަލުވާނެ، ރައްޔިތުންނަށް ވަރަށް ފަސޭހަވާނެ. އެގޮތަށް ބަދަލުކުރާއިރު ހަމަޖައްސާނީ އެކަމަށް ބޭނުންވާ ހުރިހާ ވަސީލަތަކާ އެކު،" އިންތިހާބީ ރައީސް ވިދާޅުވި އެވެ.

ހުޅުމާލެ ބިމުގެ އިހުތިސާސް އަދި މިލްކުވެރިކަމާ ގުޅޭ ގޮތުން، ހުޅުމާލެ މިހާރު ހިންގުމާ ހަވާލުވެފައިވާ އާބަންކޯ އާއި މާލެ ސިޓީ ކައުންސިލާ ދެމެދެ ހިޔާލު ތަފާތުވުންތައް އޮތީ ބޮޑުވެފަ އެވެ. ހުޅުމާލެއަށް ވަކިން ކައުންސިލަރުން ހޮވާފައި ތިބޭއިރު އެތަން ބަލަހައްޓާ ތަނަކަށް ވާން ޖެހޭނީ ކައުންސިލް ކަމަށް ކައުންސިލުން ބުނެ އެވެ.

އެކަމަކު އާބަންކޯއިން ބުނެފައިވަނީ އެއީ ހުޅުމާލެ އަކީ އެތަނުގެ ބިން ކުންފުނީގެ ރައުސުލްމާލުގެ ގޮތުގައި ކަނޑައަޅައި، ސަރުކާރުގެ 100 ޕަސެންޓް ހިއްސާއާ އެކު އުފައްދައި އޭގެ މައްޗަށް ބޮޑެތި ލޯނުތައް ނަގައި ބޭންކުތަކުގައި މޯގޭޖްކޮށްފައިވާ ތަނަށް ވާތީ ހުޅުމާލެ ކައުންސިލްގެ ދަށަށް ގެންދެވިގެން ނުވާނެ ކަމަށެވެ.

މި ދެބަސްވުމުގެ ތެރޭ 2021 ވަނަ އަހަރު ހުޅުމާލޭގެ ރަޖިސްޓްރީ ސިޓީ ކައުންސިލުން ބާތިލްކުރި އެވެ. އެއީ ޕީޕީއެމްގެ ޖަލްސާއެއް ހުޅުމާލޭގައި ބާއްވަން އުޅުމުން، ހުއްދަ ނެތި ޖަލްސާ ނުބޭއްވުމަށް އަންގައި އެކަން ފުލުހުން ލައްވައި ހުއްޓުވި މައްސަލައަކާ އެކު ކުރި ކަމެކެވެ.

ރަޖިސްޓްރީ ބާތިލްކުރި މައްސަލަ އާބަންކޯއިން ކޯޓަށް ހުށަހެޅުމުން މައްސަލަ ނިމުނީ އާބަންކޯއާ އެއްކޮޅަށެވެ.