Roadha Mihaaru
އެއާޕޯޓު ނިންމަން ފަންޑު ހަމަޖެހޭނެ ކަމުގެ ޔަގީންކަން

ހާރިޖީ ސިޔާސަތު ބައްޓަން ކުރާ ގޮތުން ފަންޑު ހޯދުމަކީ މާ ބޮޑުކަމެއް ނޫން: މުއިއްޒު

12 ނޮވެމްބަރ 2023

ހާރިޖީ ސިޔާސަތު ބައްޓަން ކޮށްފައިވާ ގޮތުން މަޝްރޫއުތަކަށް ފައިސާ ހަމަޖެއްސުމަކީ މާ ބޮޑު ކަމެއް ނޫން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހާރިޖީ ސިޔާސަތު ބައްޓަން ކޮށްފައިވާ ގޮތުން މަޝްރޫއުތަކަށް ފައިސާ ހަމަޖެއްސުމަކީ މާ ބޮޑު ކަމެއް ނޫން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ކުރަމުންދާ ސައިޓަށް ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވިދާޅުވީ މިފަހުން އަބޫދާބީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގެ ތެރެއިން 80 މިލިއަން ޑޮލަރު ހަމަޖެހިފައި ވަނީ ސީދާ އެ މަނިކުފާނު ހުށަހަޅުއްވައިގެން ކަމަށެވެ.

އެއީ އެ ބައްދަލުވުމުގައި ހުށަހެޅި ނިމުނު ކަމެއް ކަމަށާއި އޭގެ ކުރިން އެފަދަ އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭގެ ކުރިން ސައުދީ ފަންޑުން ވެސް 100 މިލިއަން ޑޮލަރު ހަމަޖެހިފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެއާޕޯޓުގައި އިތުރަށް ކުރަން ޖެހޭ މަސައްކަތްތަކަށް އަނެއްކާވެސް ފައިސާ ހޯދަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން ކަން އެބައޮތް އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރާ ގޮތަށް ކުރިޔަށް ގެންދާއިރު [ފަންޑު ހޯދުމަކީ] އެއީކީ މާ ބޮޑު ކަމަކަށް ނުވާނެ. އަޅުގަނޑުގެ އެއްވެސް ކަންބޮޑުވުމެއް ނެތް މި މަޝްރޫއު ނިންމުމަށްޓަކައި ފައިސާ ހަމަޖެއްސުމަށް،" މުއިއްޒު ވިދާޅުވި އެވެ.

ހަވާލު ނުކުރާ މުހިންމު މަސައްކަތްތަކެއް!

ޓާމިނަލްގެ މަސައްކަތް ކުރިޔަށް ދާ ގޮތް ބެއްލެވުމަށް ފަހު މުއިއްޒު ވިދާޅުވީ އެ މަސައްކަތް ކުރަމުން އަންނަ ބިންލާދިން ގްރޫޕް އާ ހަވާލު ކުރި މަސައްކަތުގެ 54 ޕަސެންޓު ނިމިފައިވާ ކަމަށާއި އެ މަންޒަރު ފެންނަން ވެސް ހުރި ކަމަށެވެ.

ނަމަވެސް އެ ކުންފުނީގެ ސްކޯޕްގައި ނުހިމެނޭ ވަރަށް މުހިންމު މަސައްކަތްތަކެއް ހުރި ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އެއް މަސައްކަތަކީ އެއާޕޯޓުގެ ހުރިހާ އޮޕަރޭޝަނެއް ގުޅޭ ސާވިސް ރޯޑްގެ މަސައްކަތް ކަމަށާއި ނަމަވެސް އެ މަގު ހަދާކަށް އަދި ހަވާލު ވެސް ނުކުރާ ކަމަށެވެ. ވެރިކަމާ ހަވާލުވާ ގޮތަށް ވީހާވެސް އަވަހަށް އެ މަސައްކަތް ހަވާލު ކުރައްވާނެ ކަމަށާއި އެ މަސައްކަތް ނިންމަން 10 ވަރަކަށް މަސް ނަގާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"މިހާރުން މިހާރަށް އެކަން ހަވާލު ކޮށްގެން ނޫނީ މި ދެންނެވި ތާރީހަށް [އަންނަ އަހަރުގެ އޮކްޓޯބަރު މަހަށް] ނުނިމޭނެ،" މުއިއްޒު ވިދާޅުވި އެވެ.

ޑިއުޓީ ފްރީ އޭރިއާއެއް ހަދަން ވެސް އެއްވެސް ބަޔަކާ ހަވާލު ކޮށްފައި ނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އެއާޕޯޓަށް އެންމެ ގިނައިން ފައިސާ ވައްދާ އެއް ތަން ނެތި އޮޕަރޭޝަނަށް ވެސް ނުގެނެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން އޭޕްރަން ބޮޑު ކުރަން ޖެހޭ ކަމަށާއި ޓޫރިސްޓު އެރައިވަލް އޭރިއާ ނިންމަން ވެސް ބަޔަކާ ހަވާލު ކުރަން ޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ޖެޓް ޓާމިނަލް އަކާއި އެއާޕޯޓް ޕާކިން ވެސް އެކަށީގެންވާ ހައްލެއް ގެންނަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ހިމެނޭ ގޮތަށް ޕެރަލަލްކޮށް މަސައްކަތް ކުރުމާއި އަދި މިކަމަށް ފަންޑިން އަށް ބޭނުންވާ ނަމަ އެކަން ވެސް ހަމަޖެހޭނެ،" މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް މީގެ ކުރިން ވެސް ވިދާޅުވެފައިވާ ގޮތުގައި އެ މަނިކުފާނު އެންމެ އިސްކަމެއް ދެއްވާނެ ޕްރޮޖެކްޓަކީ އެއާޕޯޓް މަޝްރޫއު ނިންމުމެވެ.