Roadha Mihaaru
އަދުރޭ، އަމީރަށް: އޮޅުވާލުމުގެ ނަތީޖާ އަދިވެސް ނުފެންނަނީތޯ؟

އަބްދުއްރަހީމްގެ ވަރުގަދަ ރައްދެއް އަމީރަށް، އޮޅުވާލުމުގެ ނަތީޖާ އަދިވެސް ނުފެންނަނީތޯ؟

08 ނޮވެމްބަރ 2023

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް އަވަހަށް ނިންމަން އިތުރަށް ބޭނުންވާ 79.8 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ހަމަޖެއްސީ އެމްޑީޕީގެ ސަރުކާރުން ކަމަށް ވިދާޅުވެ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ދެއްކެވި ވާހަކަ އަށް ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް އަވަހަށް ނިންމަން އިތުރަށް ބޭނުންވާ 79.8 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ހަމަޖެއްސީ އެމްޑީޕީގެ ސަރުކާރުން ކަމަށް ވިދާޅުވެ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ދެއްކެވި ވާހަކަ އަށް ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

"ރޯމާދުވާލު މި ވަރުގެ ބޮޑެތި ދޮގު ހަދާއިރު ރައްޔިތުންނަށް އޮޅުވާލުމުގެ ނަތީޖާ އަދިވެސް ނުފެންނަނީތޯ،" މި މަހުގެ 17 އިން ފެށިގެން ސަރުކާރު ހިންގާ މައި ޕާޓީގެ ޝަރަފު ލިބޭ ޕީއެންސީގެ ޗެއާޕާސަންކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމްގެ ރައްދު މާލީ ވަޒީރު އަމީރަށް މި އަމާޒު ކުރެއްވީ އެއާޕޯޓްގެ ޓާމިނަލްގެ މަސައްކަތް މި ސަރުކާރުން ކަނޑައެޅި މުއްދަތަށް ވުރެ މާ އަވަހަށް ނިންމަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާތީ، އަބޫދާބީ އަށް މިދިޔަ އާދިއްތަ ދުވަހު ކުރެއްވި ކުއްލި ދަތުރުފުޅުގެ ނަތީޖާއެއްގެ ގޮތުން 1.2 ބިލިއަން ރުފިޔާ އަބޫދާބީ ފަންޑުން ހަމަޖައްސާފައިވާ ކަމަށް މިއަދު އިއުލާން ކުރެއްވުމުން އަމީރު ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

އިންތިގާލީ ތަރުޖަމާން މުހައްމަދު ފިރުޒުލް 1.2 ބިލިއަން ރުފިޔާގެ ވާހަކަ އިއުލާން ކުރެއްވުމާ އެކު، އަމީރު މީޑިއާގައި ވިދާޅުވީ، އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރީ މި ސަރުކާރުން ކަމަށެވެ.

އެއާޕޯޓުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ވޭތުވެދިޔަ ދެ އަހަރު އަބޫދާބީ ފަންޑާއި ސައުދީ ފަންޑާއި ކުވައިތު ފަންޑާއި އޯޕެކް ފަންޑް ފޯ ޑިވެލޮޕްމެންޓް (އޮފިޑް) އާ އެކު މުހިއްމު މަޝްވަރާތަކެއް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އަމީރު ވިދާޅުވީ، ސައުދީން 100 މިލިއަން ޑޮލަރާއި ބާކީ އެއާޕޯޓަށް ބޭނުންވާ ފައިސާ ހަމަޖައްސައިދޭން އަބޫދާބީ ފަންޑުން އެއްބަސްވެފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އަމީރު

ފިނޭންސް މިނިސްޓަރު އަމީރު

އަމީރު އެހެން ވިދާޅުވިޔަސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި އެ މަޝްރޫއު މި ސަރުކާރުގެ ފަސް އަހަރު ނުނިމި ދިގުލައިގެން ދިޔައީ ވެސް ފައިސާގެ ކަންކަން ހަމަނުޖެހިގެންނެވެ.

އަމީރަށް ދެއްވި ރައްދުގައި، މި މަހުގެ 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ މުއިއްޒުގެ އެންމެ އަރިސް އެއްބޭފުޅާ އަބްދުއްރަހީމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އޮޅުވައިލުމާއި މަކަރާއި ހީލަތް ދިވެހިން މިހާރު ބަލައިނުގަންނަކަން މިދިޔަ އޮކްޓޫބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އިން ވަރަށް ރީއްޗަށް ފެންނަން އެބަހުރި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެއާޕޯޓް ނިންމަން ހޯދި 80 މިލިއަން ޑޮލަރު ހޯދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެއް ނޫނެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް: މި ތަނުގެ މަސައްކަތް 8 މަސް ތެރޭގައި ނިންމުމަކީ އިންތިހާބީ ރައީސްގެ ވަރަށް ބޮޑު އަމާޒެއް.---ފޮޓޯ: ނިޝާން އަލީ| މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް: މި ތަނުގެ މަސައްކަތް 8 މަސް ތެރޭގައި ނިންމުމަކީ އިންތިހާބީ ރައީސްގެ ވަރަށް ބޮޑު އަމާޒެއް.---ފޮޓޯ: ނިޝާން އަލީ| މިހާރު

"އެއީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޔޫއޭއީ އަށް ކުރެއްވި ނުރަސްމީ ދަތުރުފުޅުގައި ހަމަޖައްސަވައި ދެއްވި އެހީއެއް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މުއިއްޒު މިދިޔަ އާދިއްތަ ދުވަހު އަބޫދާބީ އަށް ނުރަސްމީ ދަތުރުފުޅުގައި ވަޑައިގަތީ އެ ގައުމުގެ ސަރުކާރުން ހަމަޖައްސައި ދެއްވި ރޯޔަލް ޖެޓެއްގަ އެވެ. އެ ދަތުރުފުޅުގައި އަބޫދާބީ ފަންޑުގެ އިސްވެރިންނާ ވެސް އެ މަނިކުފާނު ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި އެވެ.

އިންތިހާބީ ރައީސް މުއިއްޒު އެންމެ އިސްކަން ދެއްވާ ކަންތައްތަކުގެ ތެރޭގައި އެއާޕޯޓްގެ އާ ޓާމިނަލް 8 މަސް ތެރޭގައި ނިންމައި ބޭނުންކުރަން ފެށުން ހިމެނެ އެވެ. މި ސަރުކާރުން އަމާޒަކަށް ހަދާފައި އޮތީ 2025 ގައި އެ މަސައްކަތް ނިންމާށެވެ.