Roadha Mihaaru
"އެއާޕޯޓަށްް ބޭނުންވި 80 މިލިއަން ހޯދީ މިސަރުކާރުން"

އެއާޕޯޓަށް އިތުރަށް ބޭނުންވި ފައިސާ ހުރީ ކުރިން ހޯދާފައި: އަމީރު

08 ނޮވެމްބަރ 2023

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރަށް ބޭނުންވި 79.8 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ހޯދުމުގެ މަސައްކަތްތައް ކުރީ މި ސަރުކާރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އިތުރަށް ބޭނުންވި 79.8 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ހޯދުމުގެ މަސައްކަތްތައް ކުރީ މި ސަރުކާރުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު ވިދާޅުވީ، އެއާޕޯޓުގެ މަސައްކަތްތައް ކުރުމަށް ބޭނުންވާ ފަންޑު ހޯދުމުގެ މަސައްކަތް ވޭތުވެދިޔަ ދެ އަހަރު އަބޫދާބީ ފަންޑާއި ސައުދީ ފަންޑާއި ކުވައިތު ފަންޑާއި އޯޕެކް ފަންޑް ފޯ ޑިވަލޮޕްމެންޓް (އޮފިޑް) އާ އެކު މުހިއްމު މަޝްވަރާތަކެއް ކުރި ކަމަށެވެ. އޭނާ ވިދާޅުވީ، އެގޮތުން ސައުދީން 100 މިލިއަން ޑޮލަރާއި ބާކީ އެއާޕޯޓަށް ބޭނުންވާ ފައިސާ ހަމަޖައްސައިދޭން އަބޫދާބީ ފަންޑުން އެއްބަސްވެފައިވާ ކަމަށެވެ.

މިދިޔަ އޮކްޓޫބަރު މަހު ސައުދީ ފަންޑުން ވެސް ވަނީ އެއާޕޯޓު ޕްރޮޖެކްޓަށް އިތުރަށް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ވަނީ ދޭން ނިންމައި އެކަން އިއުލާނުކޮށްފަ އެވެ.

ޓްރާންސިޝަން ކޮމިޓީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު ވިދާޅުވީ، މިދިޔަ ހޯމަ ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަބޫ ދާބީ އަށް ކުރެއްވި ދަތުރުފުޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޕްރޮޖެކްޓް އަވަސް ކުރަން 79.8 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)، އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ހަމަޖެއްސި ކަމަށެވެ.

ފިރުޒުލް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދަށް މިވަގުތަށް އެންމެ މުހިއްމު މަޝްރޫއުއަކީ އެއާޕޯޓު މަޝްރޫއު ކަމަށް ވާތީ، އެ މަސައްކަތް އަވަހަށް ނިންމުމަށް އިންތިހާބީ ރައީސް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.

މުއިއްޒު ކުރިން ވިދާޅުވީ، އަންނަ އަހަރު ފަހުކޮޅު އެއާޕޯޓުގެ މަސައްކަތް ނިންމާލައި އޮޕަރޭޝަނަށް ގެނައުމަށް ވަރަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށެވެ. އަންނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މަސައްކަތަށް އެއް ބިލިއަން ރުފިޔާ ވަނީ ހަމަޖައްސައިފަ އެވެ. ޕްރޮޖެކްޓް އަވަސް ކުރާ ނަަމަ، އެއަށް ވުރެ އިތުރަށް ހަރަދުވާނެ ކަމަށް ބެލެވެ އެވެ.

އާ ޓާމިނަލް އެޅުމަށް ސައުދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގައި ހަދާ، ގާތްގަނޑަކަށް 78،000 އަކަމީޓަރުގެ ޓާމިނަލަށް 5.5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވެ.