Roadha Mihaaru
އެއާޕޯޓް އަވަސްކުރަން އިތުރަށް އެއް ބިލިއަން ހޯދައިފި

އެއާޕޯޓް ޕްރޮޖެކްޓް އަވަސްކުރަން މުއިއްޒުގެ އާބޫ ދާބީގެ ދަތުރުން އެއް ބިލިއަން ރުފިޔާ ހޯދައިފި

08 ނޮވެމްބަރ 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު އަބޫ ދާބީ އަށް ކުރެއްވި ދަތުރުފުޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޕްރޮޖެކްޓް އަވަސް ކުރަން 79.8 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)، އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ހޯދައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު އަބޫ ދާބީ އަށް ކުރެއްވި ދަތުރުފުޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޕްރޮޖެކްޓް އަވަސް ކުރަން 79.8 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)، އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ހޯދައިފި އެވެ.

ޓްރާންސިޝަން ކޮމިޓީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އޭޑީއެފްޑީން އެ ފައިސާ ހަމަޖައްސައިދިން ކަން އިއުލާންކުރައްވައިފަ އެވެ.

ފިރުޒުލް ވިދާޅުވީ، ރާއްޖޭގެ އިގްތިސާދަށް މިވަގުތަށް އެންމެ މުހިއްމު މަޝްރޫއުއަކީ އެއާޕޯޓު މަޝްރޫއު ކަމަށް ވާތީ، އެ މަސައްކަތް އަވަހަށް ނިންމުމަށް އިންތިހާބީ ރައީސް ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ.

"އެ މަޝްރޫއަށް ކުރިން ކަނޑައެޅި އަގަށް ވުރެ އެތައްތަނެއް ބޮޑަށް އަގު އުފުލިފައިވާކަން، ބޭނުންވެފައިވާކަން ވަނީ ފާހަގަކުރެވިފައި. އަދި ހަމަ އެހެންމެ، އިތުރުވި އަގުގެ ތެރެއިން މަސައްކަތް ނިންމުމަށްޓަކާ އިތުރަށް 79.8 މިލިއަން ޑޮލަރު ހޯދަން ޖެހިފައިވާ ކަން. ކުރިން އަޅުގަނޑު ފާހަގަކުރިން ޔޫއޭއީ އަށް އަމިއްލަ ދަތުރުފުޅުގައި ލިބިވަޑައިގެން ފުރުސަތުގެ ތެރެއިން ޔޫއޭއީ ސަރުކާރުން އަބޫ ދާބީ ފަންޑުގައި އެ ފައިސާ ހަމަޖައްސަވާދޭން އެދިފައިވޭ،" އޭނާ ވިދާޅުވި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު. އާ ޓާމިނަލްގެ މަސައްކަތް އަށް މަސް ތެރޭގައި ނިންމުމަށް އާ ސަރުކާރުން ވަނީ އަމާޒު ހިފާފައި-- ފޮޓޯ: ނިޝާން އަލީ / މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު. އާ ޓާމިނަލްގެ މަސައްކަތް އަށް މަސް ތެރޭގައި ނިންމުމަށް އާ ސަރުކާރުން ވަނީ އަމާޒު ހިފާފައި-- ފޮޓޯ: ނިޝާން އަލީ / މިހާރު

އެ އެދުމުގެ މަތިން މިހާރު އޭޑީއެފްޑީން ވަނީ އެ ފައިސާ ހަމަޖައްސާ ދީފައި ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައި، އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް މުއިއްޒު ވަރަށް އަވަހަށް ސައިޓަށް ވެސް ޒިޔާރަތް ކުރައްވާނެ އެވެ.

މުއިއްޒުގެ އަމާޒަކީ ވެރިކަމުގެ އަށް މަސް ތެރޭ އެއާޕޯޓު ހުޅުވުމެވެ. އަބޫދާބީ ފަންޑުން 80 މިލިއަން ޑޮލަރު ހަމަޖެއްސި އިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަޝްރޫއުއަށް އެއް ބިލިއަން ރުފިޔާ ބަޖެޓުގައި ވެސް ހިމަނާފައިވެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައިވާ ގޮތުން އިގްތިސާދީ ދާއިރާ އާއި ސިނާއީ ކުރިއެރުވުމަށް ކުރާ ހަރަދުގެ 12 ޕަސެންޓު ހޭދަކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. ޓާމިނަލް ހެދުމަށް ކަނޑައަޅާފައިވާ އެއް ބިލިއަން ރުފިޔާގެ ތެރެއިން 666 މިލިއަން ރުފިޔާ އަދި ހަމަޖެހިފައެއް ނުވެ އެވެ. ސައުދީ ފަންޑުން 185 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު ކެވައިތު ފަންޑުން 149 މިލިއަން ރުފިޔާއިން ހަރަދުކޮށްފައިވާ އިރު އޮޕެކް ފަންޑުން 37 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އަދި އަބޫދާބީ އިން ވެސް ވަނީ 18 މިލިއަން ރުފިޔާ އަންނަ އަހަރަށް ކަނޑައަޅާފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު. އާ ޓާމިނަލްގެ މަސައްކަތް އަށް މަސް ތެރޭގައި ނިންމުމަށް އާ ސަރުކާރުން ވަނީ އަމާޒު ހިފާފައި-- ފޮޓޯ: ނިޝާން އަލީ / މިހާރު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު. އާ ޓާމިނަލްގެ މަސައްކަތް އަށް މަސް ތެރޭގައި ނިންމުމަށް އާ ސަރުކާރުން ވަނީ އަމާޒު ހިފާފައި-- ފޮޓޯ: ނިޝާން އަލީ / މިހާރު

މުއިއްޒު ދާދި ފަހުން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވެސް ވަނީ އެއާޕޯޓު ވީ އެންމެ އަވަހަކަށް ހުޅުވަން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މުއިއްޒު ވަނީ، ރާއްޖޭގެ އިގްތިސާދު ކުރިއަށް ގެންދިއުމަށް އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މަސައްކަތް ނިންމައި، އާމްދަނީ ލިބޭނެ ގޮތްތައް އިތުރު ކުރުމަށް ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހު ސައުދީ ފަންޑުން ވެސް ވަނީ އެއާޕޯޓު ޕްރޮޖެކްޓަށް އިތުރަށް 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ވަނީ ދޭން ނިންމާފަ އެވެ.

އާ ޓާމިނަލް އެޅުމަށް ސައުދީ ބިންލާދިން ގްރޫޕާ ސަރުކާރުން ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ. ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓްގައި ހަދާ، ގާތްގަނޑަކަށް 78،000 އަކަމީޓަރުގެ ޓާމިނަލަށް 5.5 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވެ އެވެ.