Roadha Mihaaru
ދެވަނަ ބުރުގެ ޖާގަ ފުރަތަމަ ހޯދީ ސިޓީ އާއި ލައިޕްޒިގް

ދެވަނަ ބުރުގެ ޖާގަ އެންމެ ފުރަތަމަ ހޯދީ ޗެމްޕިއަން ސިޓީ އާއި ލައިޕްޒިގް

08 ނޮވެމްބަރ 2023

މެންޗެސްޓާ (ނޮވެމްބަރު 8) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރު ކުރި ފުރަތަމަ ޓީމުތަކަކަށް ގުރޫޕް ޖީގެ މެންޗެސްޓާ ސިޓީ އާއި އާރުބީ ލައިޕްޒިގް ހޮވިއްޖެ އެވެ.

މެންޗެސްޓާ (ނޮވެމްބަރު 8) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް ދަތުރު ކުރި ފުރަތަމަ ޓީމުތަކަކަށް ގުރޫޕް ޖީގެ މެންޗެސްޓާ ސިޓީ އާއި އާރުބީ ލައިޕްޒިގް ހޮވިއްޖެ އެވެ.

މެވްޗެސްޓާ ސިޓީން އަމިއްލަ ދަނޑުގައި ރޭ ސްވިޒަލެންޑުގެ ޔަންގް ބޯއީސް އާ ވާދަކޮށް 3-0 އިން މޮޅުވިއިރު، ލައިޕްޒިގުން ވަނީ ރަށުން ބޭރުގައި 2-1 އިން ސާބިއާގެ ރެޑް ސްޓާ ބެލްގްރޭޑް ބަލިކޮށްފަ އެވެ.

އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ފެންނާނެ ކަމާ މެދު ޝައްކު ކުރެވުނު ސިޓީގެ ތަރި އާލިން ބްރައުޓް ހާލަންޑް، 23، ވަނީ މެޗު ސްޓާޓް ކޮށްގެން ކުޅެ، ދެ ގޯލު ޖަހައިފަ އެވެ. މިއާ އެކު އެންމެ ފަހުގެ ބެލޮންޑިއޯ އެވޯޑްގެ ދެވަނަ ހޯދި ހާލަންޑް ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު 34 މެޗުން 39 ގޯލު ހަމަކޮށްފަ އެވެ.

މެޗުގެ 23 ވަނަ މިނިޓުގައި ހާލަންޑް ސިޓީ އަށް ލީޑު ނަގައިދިން އިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލީޑު ފުޅާ ކޮށްދިނީ ފިލް ފޮޑެން އެވެ. އަދި ދެވަނަ ހާފުގެ ހަވަނަ މިނިޓުގައި ހާލަންޑް ވަނީ ސިޓީ އަށް ތިންވަނަ ގޯލެއް ޖަހައިދީފަ އެވެ.

ސިޓީގެ ތިންވަނަ ލަނޑު ޖެހިތާ ދެ މިނިޓު ތެރޭ ޔަންގް ބޯއީސްގެ މިޑްފީލްޑަރު ސަންޑްރޯ ލައުޕާ އަށް ރެފްރީ ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދެއްކުމުން މެޗުގެ ބާކީ ބައި އެޓީމު ފުރިހަމަ ކުރީ 10 ކުޅުންތެރިންނާ އެކު އެވެ. ނަމަވެސް މި ވަގުތުތެރޭ ސިޓީ އަށް އިތުރު ގޯލެއް ނުޖެހުނެވެ.

ސިމޮންސް، ލައިޕްޒިގަށް ލީޑު ނަގައިދިން ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ސިމޮންސް، ލައިޕްޒިގަށް ލީޑު ނަގައިދިން ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މި ގުރޫޕުގައި ހިމެނޭ ޖަރުމަންގެ ލައިޕްޒިގަށް މެޗުގެ އަށްވަނަ މިނިޓުގައި ލީޑު ނަގައިދިނީ ޒަވީ ސޮމޮންސް އެވެ. އަދި މެޗުގެ 77 ވަނަ މިނިޓުގައި ލޮއިސް އޮޕެންޑާ ލީޑު ފުޅާ ކޮށްދީފައި ވަނިކޮށް އޭގެ ހަތަރު މިނިޓު ފަހުން ބެލްގްރޭޑުން ސުން ކަނޑުވާލީ ލައިޕްޒިގް ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ.

މި ނަތީޖާއާ އެކު ކޮންމެ ޓީމަކަށް ގުރޫޕް ސްޓޭޖުގައި ބާކީ ދެ މެޗު އޮއްވައި، ސިޓީ ގުރޫޕްގެ އެއްވަނައިގައި އޮތީ ފުރިހަމަ ރެކޯޑަކާ އެކު 12 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ލައިޕްޒިގަށް ވަނީ ނުވަ ޕޮއިންޓް ލިބިފަ އެވެ. ބެލްގްރޭޑާއި ޔަންގް ބޯއީސް އަށް ވެސް އަދި ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

ގުރޫޕް އީ ގައި ހިމެނޭ އެތުލެޓިކޯ މެޑްރިޑް ވަނީ ރޭ އަމިއްލަ ދަނޑުގައި 6-0 ގެ ނަތީޖާއަކުން ސްކޮޓްލެންޑުގެ ސެލްޓިކް ބަލިކޮށް، އަށް ޕޮއިންޓް ހޯދައިގެން ގުރޫޕްގެ އެއްވަނައަށް ޖެހިލައިފަ އެވެ. އެންޓޮއިން ގްރީޒްމަން އާއި އަލްވަރޯ މޮރާޓާ، މިއިން ކޮންމެ ކުޅުންތެރިއެއް މި މެޗުގައި ދެ ގޯލު ޖެހިއިރު، ސެމިއުލް ލިނޯ އާއި ސައުލް ނިގޭޒް ވެސް ލަނޑެއް ޖަހާފައި ވެއެވެ.

އެތުލެޓިކޯގެ ފުރަތަމަ ގޯލު މެޗުގެ ހަވަނަ މިނިޓުގައި ޖަހާފައި ވަނިކޮށް، 23 ވަނަ މިނިޓުގައި ސެލްޓިކްގެ ސްޓްރައިކަރު ޑައިޒެން މޭޑާ އަށް ރަތް ކާޑު ދެއްކުމުން އެކަކު މަދުކޮށް ކުޅެން ޖެހުމުން އެޓީމަށް ވަނީ ގިނަ އުނދަގޫތަކަކާ ކުރިމަތިވެފަ އެވެ.

އެތުލެޓިކޯގެ ފަހަތުން ގުރޫޕްގެ ދެވަނައިގައި އޮތީ 1-0 އިން ނެދަލެންޑްގްގެ ފެއިނޫޑް ބަލިކޮށް ހަތް ޕޮއިންޓް ހޯދި އިޓަލީގެ ލާޒިއޯ އެވެ. ލާޒިއޯގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ ސީރޯ އިމޯބިލޭ އެވެ.

މި ނަތީޖާއާ އެކު، ހަ ޕޮއިންޓް ހޯދާފައިވާ ފެއިނޫޑް ވަނީ ގުރޫޕްގެ ތިްނވަނައަށް ވެއްޓިފަ އެވެ. ފުލުގައި އޮތީ އެންމެ ޕޮއިންޓެއް ހޯދާފައިވާ ސެލްޓިކެވެ.