Roadha Mihaaru
ސެލްޓިކް ސަޕޯޓަރުން ފަލަސްތީނު ދިދައިން ދަނޑުފުރާލައިފި

އިންޒާރަކަށް ނުސިހުނު، ސެލްޓިކްގެ ސަޕޯޓަރުން ފަލަސްތީނުގެ ދިދައިން ދަނޑު ފުރާލައިފި

26 އޮކްޓޯބަރ 2023

ގްލާސްގޯ (އޮކްޓޫބަރު 26) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސްކޮޓްލެންޑުގައި އެގައުމުގެ ޗެމްޕިއަން ސެލްޓިކުން 2-2 އިން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ އެއްވަރު ކުރި މެޗުގައި، ކްލަބްގެ ބޯޑުގެ އިންޒާރަކަށް ނުބަލައި ފަލަސްތީނުގެ ދިދައިން މުޅި ދަނޑު ފުރާލައި، އެ ގައުމަށް އޮތް ލޯބި ދައްކައިދީފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ގްލާސްގޯ (އޮކްޓޫބަރު 26) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ސްކޮޓްލެންޑުގައި އެގައުމުގެ ޗެމްޕިއަން ސެލްޓިކުން 2-2 އިން ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާ އެއްވަރު ކުރި މެޗުގައި، ކްލަބްގެ ބޯޑުގެ އިންޒާރަކަށް ނުބަލައި ފަލަސްތީނުގެ ދިދައިން މުޅި ދަނޑު ފުރާލައި، އެ ގައުމަށް އޮތް ލޯބި ދައްކައިދީފި އެވެ.

އެތުލެޓިކޯއާ އެއްވަރުކުރި މެޗަކީ މިހާތަނަށް ކުޅުނު ގުރޫޕް ސްޓޭޖުގެ ތިން މެޗުން ސެލްޓިކުން ޕޮއިންޓެއް ހޯދި ފުރަތަމަ މެޗެވެ. ނެދަލެންޑްސްގެ ފެއިނޫޑުން ވަނީ އަމިއްލަ ދަނޑުގައި ރޭ 3-1 އިން އިޓަލީގެ ލާޒިއޯ ބަލިކޮށް ހަ ޕޮއިންޓާ އެކު މި ގުރޫޕްގެ އެއްވަނައަށް ޖެހިލައިފަ އެވެ. އެތުލެޓިކޯ އަށް ލިބިފައި ވަނީ ފަސް ޕޮއިންޓެވެ. ލާޒިއޯ ތިންވަނައިގައި އޮތީ ހަތަރު ޕޮއިންޓާ އެކު އެވެ.

މިމަހު އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކުގެ ކުރިން ސެލްޓިކް ކުޅުނު ލީގުގެ ފަހު މެޗުގައި، އެ ކްލަބްގެ ސަޕޯޓަރުންގެ ގުރޫޕެއް ކަމަށްވާ ގްރީން ބްރިގޭޑުން، ލީގު މެޗެއްގައި ފަލަސްތީނު މިނިވަން ކުރަން ގޮވާލައި، ބެނާތަކާއި ދިދަތައް ދަމައި ޝުއޫރު ފާޅު ކުރުމުން، ކްލަބްގެ ބޯޑުން ވަނީ އެކަން ކުށްވެރިކޮށް، އެކަން ތަކުރާރު ނުކުރަން އަންގައިފަ އެވެ. އަދި މި ހަފްތާ ލީގުގައި ރަށުން ބޭރުގައި ހާޓްސް އާ ދެކޮޅަށް ކުޅުނު މެޗަށް އެ ގުރޫޕު ދަނޑަށް ވަނުން މަނާކުރި އެވެ.

އެތުލެޓިކޯއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ވެސް ސެލްޓިކްގެ ބޯޑުން ވަނީ "އަގްސާ ތޫފާން" ރަމްޒު ކޮށްދޭ އެއްވެސް ކަމެއް ނުކުރަން ސަޕޯޓަރުންނަށް އިލްތިމާސްކޮށް ބަޔާނެއް ނެރެފަ އެވެ. ނަމަވެސް ކްލަބުގެ އެ އެދުމަށް ސަޕޯޓަރުން ދިނީ ބީރު ކަންފަތެކެވެ.

އެތުލެޓިކޯ ކޮޅަށް ގޯލެއް ޖެހުމަށް ފަހު ސެލްޓިކް ކުޅުންތެރިން އުފާފާޅުކުރާއިރު، ސަޕޯޓަރުން ވެސް ފަލަސްތީނުގެ ދިދަ އާއެކު އުފާޅު ކުރުމުގައި.-- ފޮޓޯ: އޭއެފްޕީ

އެތުލެޓިކޯ ކޮޅަށް ގޯލެއް ޖެހުމަށް ފަހު ސެލްޓިކް ކުޅުންތެރިން އުފާފާޅުކުރާއިރު، ސަޕޯޓަރުން ވެސް ފަލަސްތީނުގެ ދިދަ އާއެކު އުފާޅު ކުރުމުގައި.-- ފޮޓޯ: އޭއެފްޕީ

ސެލްޓިކްގެ ގްރީން ބްރިގޭޑް ސަޕޯޓާސް ގުރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެމީހުނަށް ކުރިމަތިކުރުވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ، ސިޔާސީ ހިޔާލު ފާޅުކުރުންތައް ހުއްޓުވުމުގެ މަގްސަދުގައި ކުރާ ކަމެއް ކަމަށެވެ.

"މި ހުރިހާ ކަމަކާ އެކު ވެސް، އަދި ކުރިމަގުގައި ދިމާވާނެ ދަތިތަކާ އެކު ވެސް އަހަރެމެން މި ގޮވާލަނީ ބިރެއް ނެތި ފަލަސްތީނުގެ ދިދަ ވިހުރާލަދޭން،" ގްރީން ބްރިގޭޑްގެ ބަޔާނުގައި ވެއެވެ.

ފަލަސްތީނާއި އިޒްރޭލްގެ ދިދަ ވެސް ދަނޑަށް ވެއްދުން މަނާކޮށްފައި އޮތަސް، ގްރީން ބްރިގޭޑުން ވަނީ އެތުލެޓިކޯ މެޗުގެ ކުރިން ސެލްޓިކްގެ ދަނޑު ބޭރުގައި އެތައް ހާސް ފަލަސްތީނު ދިދަ، ސަޕޯޓަރުންނަށް ބަހައިފަ އެވެ.

ސެލްޓިކްގެ ސަޕޯޓަރުންނަކީ ޖެހިލުމެއް ނެތި ޒަމާނުއްސުރެން ފަލަސްތީނުގެ ރައްޔިތުންނަށް އޮންނަ ލޯބި ހާމަ ކޮށްދެމުން އަންނަ ބަޔެކެވެ. މިއާ ގުޅިގެން ޔޫއެފާ އިން އެ ކްލަބް ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.

އައިސްލެންޑްގެ ކްލަބަކާ ދެކޮޅަށް 2014 ވަނަ އަހަރު ކުޅުނު މެޗެއްގައި ސަޕޯޓަރުން ފަލަސްތީނުގެ ދިދަ ވިހުރާލުމުން ޔޫއެފާ އިން 16،000 ޕައުންޑުން ސެލްޓިކް ޖޫރިމަނާ ކުރި އެވެ. އޭގެ ދެ އަހަރު ފަހުން ޗެމްޕިއަންސް ލީގު ކޮލިފައިންގައި އިޒްރޭލުގެ ކްލަބަކާ ދެކޮޅަށް ކުޅުނު މެޗެއްގައި ގްރީން ބްރިގޭޑުން ފަލަސްތީނުގެ ދިދަ ބޭނުން ކުރުމުން އެޓީމު ވަނީ 8،600 ޕައުންޑުން ޖޫރިމަނާ ކޮށްފަ އެވެ. ނަމަވެސް އެ ސަޕޯޓަރުންގެ ގުރޫޕުން ހުއްޓައެއް ނުލި އެވެ.