Roadha Mihaaru
އެތުލެޓިކޯ އިން އަނެއްކާ ވެސް ބަޔާން ބަލިކޮށްފި

އެތުލެޓިކޯ އިން އަނެއްކާ ވެސް ބަޔާން ބަލިކޮށްފި

29 ސެޕްޓެމްބަރ 2016

މެޑްރިޑް (ސެޕްޓެމްބަރު 29) - ޗެމްޕިއަންސް ލީގުގައި ރޭ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އަތުން 1-0 އިން ބަލިވެ ޖަރުމަނުގެ ބަޔާން މިއުނިކް، އާ ކޯޗު ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ފުރަތަމަ ފަހަރަށް މެޗަކުން ބަލިވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެޑްރިޑް (ސެޕްޓެމްބަރު 29) - ޗެމްޕިއަންސް ލީގުގައި ރޭ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އަތުން 1-0 އިން ބަލިވެ ޖަރުމަނުގެ ބަޔާން މިއުނިކް، އާ ކޯޗު ކާލޯ އަންޗެލޮޓީގެ އިރުޝާދުގެ ދަށުން ފުރަތަމަ ފަހަރަށް މެޗަކުން ބަލިވެއްޖެ އެވެ.

މިދިޔަ ސީޒަނުގެ މުބާރާތުގެ ސެމީ ފައިނަލުން އެތުލެޓިކޯ އިން ބަޔާން ކަޓުވާލުމުން ބެލެވުނީ ރޭގެ މެޗުގައި ބަޔާނުން ބަދަލު ހިފާނެ ކަމަށެވެ. އެކަމަކު 35 ވަނަ މިނެޓުގައި ޔަނިޗް ކަރަސްކޯ ޖެހި ލަނޑާ އެކު، މި ފަހަރު ވެސް ބަޔާނުގެ މައްޗަށް އެތުލެޓިކޯ ކުރި ހޯދީ އެވެ.

މެޗުގެ ކުރީކޮޅު ބަޔާނުގެ ތޯމަސް މުލާ އަށް ރަނގަޅު ފުރުސަތެއް ލިބުނު އިރު އެ ފުރުސަތަށް ހުރަސް އެޅީ އެތުލެޓިކޯގެ ގޯލްކީޕަރު ޔަން އޮބްލަޗް އެވެ. މެޗުގެ ފަހުކޮޅު އެތުލެޓިކޯ އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެންޓޮއިން ގްރިޒްމަން ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލް މަތިންނެވެ.

"މި ޓީމުގެ ކޯޗުކަން ކުރުމަކީ ވަރަށް ބޮޑު ފަހުރެއް. މި މެޗާ ގުޅޭ ހުރިހާ ކަމަކާ މެދު ހިތްހަމަޖެހޭ. ވަރަށް ބޮޑަށް ކުރިއަށް ޖެހި، ކައުންޓާ އެޓޭކްކޮށް ހުސް ޖާގަތަކުގެ ބޭނުން ހިފި. ދުނިޔޭގެ އެންމެ މޮޅު އެއް ޓީމާ ދެކޮޅަށް 90 މިނެޓު އެއްވަރެއްގައި ކުޅުމަކީ ފަސޭހަކަމެއް ނޫން،" އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުންޏެވެ.

އެތުލެޓިކޯ މެޑްރިޑް ވަނީ މި މޮޅާ އެކު ހަ ޕޮއިންޓް ހަމަކޮށް ގްރޫޕް ޑީ ގެ އެއް ވަނަ އަށް އަރައިފަ އެވެ. ބަޔާން މިއުނިކް އޮތީ ތިން ޕޮއިންޓާ އެކު ދެ ވަނައިގަ އެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ރޭ ޕީއެސްވީ އާއި ރޮސްޓޯފް 2-2 އިން އެއްވަރުވިއިރު ދެ ޓީމަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ.

ގްރޫޕް ބީ ގައި ރޭ ބެންފީކާ 4-2 އިން ބަލިކޮށް ނަޕޯލީ ވަނީ ހަ ޕޮއިންޓާ އެކު އެއް ވަނަ ހޯދައިފަ އެވެ. ދެ ޕޮއިންޓާ އެކު ދެ ވަނައިގައި އޮތީ ރޭ ޑައިނަމޯ ކިއޭފްއާ 1-1 އިން އެއްވަރުވި ބެސިކްޓަސް އެވެ. ކިއޭވް އާއި ބެންފީކާ އަށް ލިބިފައިވަޖީ އެއް ޕޮއިންޓެވެ.