Roadha Mihaaru
ރެއާލަށް ދެން ބޭނުންވަނީ މެޑްރިޑްގައި ޖާދޫގެ ރެއެއް

ވިނީގެ ޕެނަލްޓީން ހަމަހަމަ، "ދެން ބޭނުންވަނީ އަމިއްލަ ދަނޑުގައި ޖާދޫގެ ރެއެއް"

01 މެއި 2024

މިޔުނކް (މެއި 1) - ރެއާލް މެޑްރިޑަށް ދެން ބޭނުން ވަނީ އަމިއްލަ ދަނޑުގައި ޖާދޫގެ ރެޔެއް ކަމަށް ރޭ ބެޔާން މިޔުނިކާ ދެކޮޅަށް ރެއާލް އަށް މެޗު އެއްވަރުކޮށް ދިން ވިނީޝިއުސް ޖޫނިއާ ބުނެފި އެވެ.

މިޔުނކް (މެއި 1) - ރެއާލް މެޑްރިޑަށް ދެން ބޭނުން ވަނީ އަމިއްލަ ދަނޑުގައި ޖާދޫގެ ރެޔެއް ކަމަށް ރޭ ބެޔާން މިޔުނިކާ ދެކޮޅަށް ރެއާލް އަށް މެޗު އެއްވަރުކޮށް ދިން ވިނީޝިއުސް ޖޫނިއާ ބުނެފި އެވެ.

ބެޔާންގެ އެލިއަންޒް އެރީނާގައި ކުޅުނު ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ފުރަތަމަ ލެގް މެޗުގައި ރެއާލަށް މެޗުގެ ފުރަތަމަ ލީޑް ނަގައި ދިން ލަނޑާއި ފަހުން ނަތީޖާ ހަމަހަމަކޮށް ދިން ލަނޑު ޖެހީ ވެސް ވިނީޝިއުސް އެވެ.

ދެވަނަ ހާފުގައި ލިރޮއީ ސާނެގެ ލަނޑުން ބެޔާނުން ނަތީޖާ ހަމަހަމަ ކުރި އެވެ. އަދި އޭގެ ފަހުން ހެރީ ކޭންގެ ޕެނަލްޓީން ލީޑް ވެސް ނެގި އެވެ. ލީޑްގައި އޮވެގެން މެޗު ނިންމާލަކަށް ބެޔާން އަށް ފުރުސަތެއް ނުލިބުނެވެ. ޕެނަލްޓީން ލަނޑު ޖަހައި ވިނީ ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

ބެޔާން ކޮޅަށް އޭނާ ޖެހި ދެ ލަނޑުގެ ވާހަކަ އަށް ވުރެ ބޮޑަށް ސަމާލުކަން ލިބުނީ އޭނާގެ ފުރަތަމަ ލަނޑު ޖަހަން ޓޯނީ ކްރޫޒް ދިން ޕާހަށެވެ.

ކްރޫޒް، އެ ޕާސް ވިނީ އަށް ފޯރުކޮށް ދިން އިރު ބެޔާންގެ ހާފުގެ ތެރޭގައި އޭނާ ހުރީ މެދު ރޮނގާ ދެ ފިޔަވަޅު ކައިރީގަ އެވެ. ބެޔާންގެ ޑިފެންސް ރޫޅާލާފައި ފޮނުވާލި ޕާސް އޭރިއާގެ ބޭރުން ލިބިގަނެ ވިނީ، ރެއާލް އަށް ލީޑް ނަގައި ދިނެވެ.

މެޗަށް ފަހު ވިނީ ވެސް ވަނީ ޕާސް މާސްޓާ ކްރޫޒްގެ ޕާހާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ކްރޫޒް، އަބަދު ވެސް ކަންކަން ފަސޭހަކޮށް ދޭނެ ކަމަށެވެ.

"ޓޯނީ އަބަދުވެސް ކަންކަން ފަސޭހަކޮށްދެނީ. އޭނާ އަހަންނަށް ގޯލެއް ހަދިޔާ ކޮށްދިނީ. ޓްރެއިނިންގައި އެކުގައި ވަރަށް ގިނައިން އަހަރެމެން (މި ލަނޑު ޖަހަން) ޕްރެކްޓިސް ކުރަން،" ވީނީ ބުންޏެވެ.

"އަހަންނަށް ޓޯނީ ވަރަށް ރަނގަޅަށް އެނގޭ، އަދި އޭނާ އަހަރެން ދަންނާނެ.... އަހަރެން ވަރަށް އުފާވޭ ދެ ގޯލް ޖަހައި ދެވުނީމަ. މިހާރު އަހަރެމެން ބޭނުންވަނީ އަމިއްލަ ދަނޑުގައި ޖާދޫގެ ރެއެއް."

ކްރޫޒް ބުނީ، އެ ޕާސް ފުރިހަމަވީ އެ ޖާގަ ވިނީޝިއުސް ވެސް ހޯދައިގެން ހުރުމުން ކަމަށެވެ.

"އެ ޕާސް ޖަހަން ވިނީ އަހަންނަށް ފަހިކޮށް ދިނީ އޭނާގެ ހަރަކާތުން،" އުމުރުން 34 އަހަރުގެ ކްރޫޒް ބުންޏެވެ.

"އެ ޕާސް އެހާ ހާއްސައެއް ނޫން. އޭނާ އެ ޖާގަ ހުޅުވާލަދިނީ."

ރެއާލްގެ ފޯވާޑް ރޮޑްރީގޯ ގޮއިސް ބުނީ ކްރޫޒްގެ އެ ޕާސް ބަލަން ކޮންމެ މީހަކު ވެސް ޝައުގުވެރިވާނެ ކަމަށެވެ.

"ކޮންކަހަލަ އާދަޔާހިލާފް މޮޅު ޕާހެއް،" ރޮޑްރީގޯ ބުންޏެވެ.