Roadha Mihaaru
"ހައިވޭގައި ސޯލާ ހަރުކުރަން ނިންމީ ކުރީގެ ސަރުކާރުން"

ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ނިންމީ ކުރީގެ ސަރުކާރުގައި: މިނިސްޓްރީ

31 އޮކްޓޯބަރ 2023

މާލެ-ހުޅުމާލެ ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓުގައި ހުންނެވި އިރުގައި ކަމަށް މި ސަރުކާރުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ-ހުޅުމާލެ ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކެބިނެޓުގައި ހުންނެވި އިރުގައި ކަމަށް މި ސަރުކާރުން މިއަދު ބުނެފި އެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ނިންމާފައި ވަނީ 2017 ވަނަ އަހަރު މިހާރުގެ އިންތިހާބީ ރައީސް ޑރ. މުއިއްޒު ކެބިނެޓް މިނިސްޓަރެއްގެ ގޮތުގައި ހިމެނިވަޑައިގެންނެވި ކުރީގެ ރައީސް އަބްދުﷲ ޔަމީނުގެ ވެރިކަމުގައި ކަމަށެވެ.

މިނިސްޓްރީން ބުނީ ހައިވޭގައި ސޯލާ ނިޒާމެއް ގާއިމްކުރުމުގެ މަޝްރޫއަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއިން މިހާތަނަށް ކުރިއަށް ގެންދިޔަ އެންމެ ބޮޑު ޕްރައިވެޓް އެއް އިންވެސްޓްމަންޓް ކަމަށެވެ. އެއީ 2010 ވަނަ އަހަރު އެކުލަވާލި ކާބަން ނިއުޓްރަލް އިންވެސްޓްމަންޓް ޕްލޭންގެ ދަށުން ފެށި ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިންގި މަޝްރޫއު ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"ސޯލާ ޕެނަލްތައް ނެގުން ވެގެންދާނީ މި ދާއިރާގައި އިންވެސްޓް ކުރާ ފަރާތްތަކުގެ ކޮންފިޑެންސް ރާއްޖެއާ މެދު ގެއްލި ރާއްޖެ އަށް ލިބެން އޮތް އިންވެސްޓްމަންޓްތައް ހުއްޓޭނެ ކަމަކަށް،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ސިނަމާލެ ބްރިޖުގެ ލިންކްރޯޑުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް މިނިސްޓަރު ޝައުނާ އާއި ވޯލްޑް ބެންކުގެ ބޭފުޅުން ފައްޓަވައިދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ސިނަމާލެ ބްރިޖުގެ ލިންކްރޯޑުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް މިނިސްޓަރު ޝައުނާ އާއި ވޯލްޑް ބެންކުގެ ބޭފުޅުން ފައްޓަވައިދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އެންވަޔަރަމަންޓް މިނިސްޓްރީން މި ބަޔާން ނެރުނީ ހައިވޭގައި ހަރުކޮށްފައި ހުރި ސޯލާ ޕެނަލްތައް އެތަނުން ނަގައި އެހެން ރަށަކަށް ބަދަލުކުރާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ވިދާޅުވެފައި ވާތީ އެވެ. އެތަނުން ސޯލާ ޕެނަލްތައް ނަގަނީ ހައިވޭގެ ރީތި ވިއު ބްލޮކްވުމުން އާންމުންގެ ޝަކުވާ ލިބޭތީ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މި މަޝްރޫއު އެކުލަވާލައި ކޮންސެޕްޓް ޑިޒައިން ތައްޔާރުކޮށް، ގުޅުން ހުރި ފަރާތްތަކުގެ މަޝްވަރާތައް ފަށައި އަދި ނަގަން ޖެހޭ ހުއްދަތައް ވެސް ނަގާފައި ވަނީ 2017-2018 ވަނަ އަހަރާ ދެމެދުގައި އޭރުގެ ސަރުކާރުން ކަމަށް މިނިސްޓްރީން ބުންޏެވެ.

"އެއް ސަރުކާރުން ފަށާ ގައުމީ ތަރައްގީގެ މިފަދަ މަޝްރޫއުތައް ދެން އަންނަ ސަރުކާރަކުން ހުއްޓާ ނުލައި ކުރިއަށް ގެންދިއުމަކީ ގައުމެއް ކުރިއަރައި ދިއުމުގައި ދަމަހައްޓަން ޖެހޭ އަސާސެއް ކަމަށް ދެކި މި މަޝްރޫއު ރައީސް ޔާމީނުގެ ސަރުކާރުން އެކުލަވާލި ކޮންސެޕްޓާ އެއްގޮތަށް މިހާރުގެ ސަރުކާރުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މާލީ ގޮންޖެހުންތަކެއް ކުރިމަތިވާނެ

އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލަކު ކުރިން "މިހާރު" އަށް ވިދާޅުވި ގޮތުގައި، އެކްސެލެރޭޓިން ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) މަޝްރޫއުގެ ދަށުން ހުޅުމާލެ ލިންކް ރޯޑްގައި ގާއިމުކޮށްފައިވާ ސޯލާ ޕީވީ ނިޒާމު އެތަނުން ނަގައި، އެހެން ލޮކޭޝަނަކަށް ބަދަލުކުރުމުގެ ވާހަކައެއް ޓްރާންސިޝަނަލް ކޮމިޓީގައި އިންތިހާބީ ރައީސްގެ ފަރާތުން މިނިސްޓްރީއާ ހިއްސާކޮށްފައި ވެސް ނުވެ އެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، އެ ޕްރޮޖެކްޓުގެ 95 ޕަސެންޓް މަސައްކަތް ނިމި، މިހާރު ކުރިއަށް ދަނީ ސްޓެލްކޯގެ ގްރީޑަށް ގުޅުމަށް ކުރަން ޖެހޭ ކަންކަމެވެ.

އެ ސޯލާ ޕެނަލްތައް އެހެން ތަނަކަށް ބަދަލުކުރާ ނަމަ، ދައުލަތަށް މާލީ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ވޯލްޑް ބޭންކްގެ އެހީގައި ހިންގަމުން އަންނަ އެ މަޝްރޫއުގެ އަގަކީ 11 މިލިއަން ޑޮލަރު (169 މިލިއަން ރުފިޔާ) އެވެ. މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫ އަށް ހަރަދު ކުރަނީ އިންވެސްޓަރު އަމިއްލަ އަށެވެ. ދައުލަތުން މި މަޝްރޫއަށް އެއްވެސް ހަރަދެއް ކުރާކަށް ނުޖެހެ އެވެ. އިންވެސްޓަރުގެ އިންވެސްޓްމަންޓް ރިކަވާ ކުރާނީ ސޯލާ އިން ގްރިޑަށް ކަރަންޓު ވިއްކައިގެންނެވެ. ކަރަންޓު ވިއްކާ ރޭޓަކީ ޔުނިޓަކަށް 10.9 ޔޫއެސް ސެންޓެވެ. އެއީ ކިލޯވޯޓަކަށް 0.109 ޑޮލަރެވެ.

ހައިވޭގައި 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 2020 ގަ އެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ.