Roadha Mihaaru
ސޯލާ ޕެނަލް ހަރުކުރަން ހައިވޭގެ ލޭނެއް ބަންދުކުރަނީ

ސޯލާ ޕެނަލް ހަރުކުރަން ބައެއް ގަޑިތަކުގައި ހައިވޭގެ ލޭނެއް ބަންދުކުރަނީ

22 ޑިސެމްބަރ 2022

ސިނަމާލެ ބްރިޖުން ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރުމަށް ބައެއް ގަޑިތަކުގައި އެ މަގުގެ އެއް ލޭން ބަންދުކުރަން ނިންމާފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ސިނަމާލެ ބްރިޖުން ހުޅުލެ އާއި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރުމަށް ބައެއް ގަޑިތަކުގައި އެ މަގުގެ އެއް ލޭން ބަންދުކުރަން ނިންމާފައިވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލެ-ހުޅުމާލެ ލިންކް ރޯޑުގެ މޫދާވީ ފަޅީގައި ސޯލާ ޕެނަލްގެ ސްޓްރަކްޗާ ހަރުކުރުމުގެ މަސައްކަތް ކުރުމަށް، އެ މަގުން ހުޅުމާލެ އިން މާލެ ދަތުރުކުރާ ފަޅީގެ އެއް ލޭނު ކަނޑައެޅިފައިވާ ވަކި ގަޑިތަކެއްގައި ބަންދުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެ ލޭން ބަންދުކުރަން ހަމަޖެހިފައި ވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ދުވާލުގެ ވަކި ވަގުތުތަކެއްގަ އެވެ. އެއީ:

• ހެނދުނު: 9:30 އިން 11:30 އަށް

• މެންދުރު: 1:30 އިން 4:30 އަށް

ލިންކު ރޯޑުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ: އެ މަސައްކަތަށް ލިންކް ރޯޑުގެ ލޭނެއް ބައެއް ގަޑިތަކުގައި ބަންދުކުރަން ވަނީ ނިންމައިފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

ލިންކު ރޯޑުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރިއަށް ދަނީ: އެ މަސައްކަތަށް ލިންކް ރޯޑުގެ ލޭނެއް ބައެއް ގަޑިތަކުގައި ބަންދުކުރަން ވަނީ ނިންމައިފައި -- ފޮޓޯ: ނިޝާން އަލީ | މިހާރު

މިނިސްޓްރީން ބުނިގޮތުގައި އެ މަސައްކަތް ފަށާނީ އަންނަ އާދިއްތަ ދުވަހު އެވެ. މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީ ފަހެއްގަ އެވެ.

"މަގު ބަންދުކުރުމުގެ ތަރުތީބު އަދި ގަޑިތަށް ކަނޑައެޅިފައި ވަނީ ކަމާގުޅޭ އެންމެ ހައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރުމަށް ފަހު އެވެ. އަދި މި ގަޑިތަކުގައި ލިންކް ރޯޑްގައި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކުން ސަމާލުކަން ދިނުމަށް މިކަމާ ގުޅޭ އެއްމެހައި އިދާރާތަކުން އިލްތިމާސްކުރެ އެވެ،" ބަޔާނުގައިވެ އެވެ.

މިއީ ވޯލްޑް ބޭންކްގެ އެހީގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހިންގާ އެކްސެލެރޭޓިން ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔަ) ޕްރޮޖެކްޓުގެ ބައެކެވެ. އެ ޕްރޮޖެކްޓުގެ ދަށުން ލިންކް ރޯޑުގައި 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްގެންނެވެ.

ރާއްޖޭގައި ސޯލާ ހަކަތައިގެ ނިޒާމުގެ މި ވަރުގެ ބޮޑު ޕްރޮޖެކްޓެއް ހިންގާ މިއީ ފުރަތަމަ ފަހަރެވެ. އޭގެ ސަބަބުން ސަރުކާރުން ތެލަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަވާނެ އެވެ.