Roadha Mihaaru
ސޯލާ ޕެނަލްތަކުން އަންނަމަހު ކަރަންޓް އުފައްދަނީ

މާލެ-ހުޅުމާލެ ހައިވޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުން އަންނަ މަހު ކަރަންޓު އުފައްދަން ފަށަނީ

02 ޖުލައި 2023

މާލެ-ހުޅުމާލެ ހައިވޭގައި މިހާރު ހަރުކުރަމުން އަންނަ ސޯލާ ޕެނަލްތަކުން އަންނަ މަހު ކަރަންޓު އުފައްދަން ފަށާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ-ހުޅުމާލެ ހައިވޭގައި މިހާރު ހަރުކުރަމުން އަންނަ ސޯލާ ޕެނަލްތަކުން އަންނަ މަހު ކަރަންޓު އުފައްދަން ފަށާނެ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ވޯލްޑް ބޭންކުގެ އެހީގައި ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހިންގާ "އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަބަލް އެނާޖީ (އެސްޕަޔާ)" ޕްރޮޖެކްޓުގެ ދަށުން މާލެ-ހުޅުމާލެ ލިންކް ރޯޑުގައި ހަދަމުން އަންނަ ސޯލާ ހަކަތައިގެ ނިޒާމުގެ ސްޓަރަކްޗާގައި ސޯލާ ޕެނަލްތައް ހަރުކުރަން ފެށީ މިދިޔަ މެއި މަހު އެވެ.

މާލެ-ހުޅުމާލެ ހައިވޭގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ކުރަނީ: މި މަސައްކަތް ކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލެ-ހުޅުމާލެ ހައިވޭގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ކުރަނީ: މި މަސައްކަތް ކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑުން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މިނިސްޓްރީން ދިން މައުލޫމާތުގައިވާ ގޮތުގައި، ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މި މަހު ނިންމާލެވޭނެ އެވެ. އަދި ސޯލާ ހަކަތައިގެ ނިޒާމު ސްޓެލްކޯގެ ގްރިޑަށް ގުޅައި، ސޯލާ ހަކަތައިން ކަރަންޓް އުފައްދަން އަންނަ މަހުގެ ތެރޭގައި ފަށާނެ އެވެ.

"މި މަޝްރޫއުގެ ދަށުން އުފައްދާ ކަރަންޓް ގުޅާނީ ސްޓެލްކޯގެ މެއިން ގްރިޑަށް. މި މަޝްރޫއުގެ މަސައްކަތް ނިމި ސްޓެލްކޯގެ ގްރިޑަށް ގުޅުމުން ސްޓެލްކޯ އިން ޑީސެލް ބޭނުންކޮށްގެން އުފައްދާ ހަކަތައިގެ މިންވަރު ދަށްވެ ތެލަށް ކުރާ ހޭދަކުޑަކުރެވޭނެ. އަދި ދައުލަތުން ތެލުގެ ސަބްސިޑީ އަށް ހޭދަކުރާ މިންވަރު ވެސް ކުޑަކުރެވޭނެ،" މިނިސްޓްރީން ބުންޏެވެ.

މާލެ-ހުޅުމާލެ ހައިވޭގެ ސޯލާ އެނާޖީ ޕްރޮޖެކްޓުން ކުރާނެ ފައިދާގެ ތަފުސީލު | މައުލޫމާތު: އެންވަޔަރަމަންޓް މިނިސްޓްރީ

މާލެ-ހުޅުމާލެ ހައިވޭގެ ސޯލާ އެނާޖީ ޕްރޮޖެކްޓުން ކުރާނެ ފައިދާގެ ތަފުސީލު | މައުލޫމާތު: އެންވަޔަރަމަންޓް މިނިސްޓްރީ

މިނިސްޓްރީން ބުނީ އެ ޕްރޮޖެކްޓްގެ ދަށުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ ހައިވޭގެ މޫދާވީ ފަޅި އާއި ހުޅުމާލޭ ބޯށިމާހިނގުމުގައި (ސީޕްލޭން ސަރަހައްދުގައި) ސްޓީލް ސްޓްރަކްޗާ ހަރުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި ހައިވޭގެ މެދުގައި އޮންނަ ސަރަހައްދުގައި ސޯލާ ޕެނަލްތައް ހަރުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި ޕްރޮޖެކްޓުގެ މަސައްކަތުގެ 70 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ސިނަމާލެ ބްރިޖުން މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅުވައިދޭ ލިންކު ރޯޑުގައި ނުވަތަ ހައިވޭގައި 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރަނީ ތައިލެންޑުގެ އެންސިސް ކޯ ލިމިޓެޑް ކުންފުންޏާ ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ ނޮވެމްބަރު 2020 ގަ އެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު ޑިސެމްބަރުގަ އެވެ.

ރާއްޖޭގައި ސޯލާ ހަކަތައިގެ ނިޒާމުގެ މި ވަރުގެ ބޮޑު ޕްރޮޖެކްޓެއް ހިންގާ މިއީ ފުރަތަމަ ފަހަރެވެ. މި ޕްރޮޖެކްޓުގެ ސަބަބުން ސަރުކާރުން ތެލަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަވާނެ އެވެ.