Roadha Mihaaru
ސޯލާ ހަކަތަ ނިޒާމު ގާއިމްކުރަން އިންވެސްޓަރުން ހޯދަނީ

13 ރަށެއްގައި ސޯލާ ހަކަތަ ނިޒާމު ގާއިމްކުރަން އިންވެސްޓަރުން ހޯދަނީ

23 ޖުލައި 2024

ރާއްޖޭގެ 13 ރަށެއްގައި ސޯލާ ހަކަތަ ނިޒާމު ގާއިމްކުރަން އިންވެސްޓަރުން ހޯދަން ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ 13 ރަށެއްގައި ސޯލާ ހަކަތަ ނިޒާމު ގާއިމްކުރަން އިންވެސްޓަރުން ހޯދަން ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ޑިޒައިން، ބިލްޑް، ފައިނޭންސް، އޯން، އޮޕަރޭޓް އަދި ޓްރާންސްފާގެ އުސޫލުން 13 ރަށެއްގައި 15 މެގަވޮޓްގެ ސޯލާ ޕެނަލް ޖަހައިގެން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނެ ބަޔަކު ބޭނުންވާ ކަމަށެވެ. އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލައިފަ އެވެ.

މިއީ ދިވެހި ސަރުކާރުން ވޯލްޑް ބޭންކުގެ އެހީގައި ހިންގަމުން އަންނަ އެކްސެލެރޭޓިން ރިނިއުވަބަލް އެނާޖީ އިންޓެގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާޖީ (އެރައިޒް) މަޝްރޫއުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.

މި މަޝްރޫޢުގެ ދަށުން ލ. ހިތަދު އާއި ލ. ކުނަހަންދު އާއި ލ. މައިބާދު އާއި ލ. މާމެންދު އާއި ލ. މާވައް އަދި ލ. ދަނބިދޫގައި ދެ މެގަވޮޓްގެ ސޯލާ ޕެނަލް ހަރުކޮށް ކަރަންޓު އުފައްދައި ހިދުމަތް ދޭން ޖެހޭނެ އެވެ. އަދި ށ. ފުނަދު އާއި ޅ. ނައިފަރާއި ލ. އިސްދު އާއި ލ. ކަޅައިދު އާއި ލ. ފޮނަދު އާއި ލ. ގަމާއި ގއ. ވިލިނގިލީގައި 13 މެގަވޮޓްގެ ސޯލާ ޕެނަލް ހަރުކޮށް، ކަރަންޓު އުފައްދައި ހިދުމަތް ދޭން ޖެހޭނެ އެވެ.

މިނިސްޓްރީގެ އިއުލާނުގައި ބުނީ މި ޕްރޮޖެކްޓުގެ ބީލަމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިނަލްއަގުވާމީ ވާދަވެރި ޕްރޮކިއުމަންޓްގެ އުސޫލުން "ވޯލްޑް ބޭންކްސް ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯ އައިޕީއެފް ބޮރޮވަސް" ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ކަމަށެވެ. ބީލަން ހުޅުވުން އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ނިމި، ސޯލާ ހަކަތައިން ކަރަންޓުން އުފައްދަން ފެށުމުން އަހަރަކު ހަ މިލިއަން ލީޓަރުގެ ތެޔޮ ބޭނުންކުރުން މަދުކުރެވޭނެ ކަމަށާއި ދައުލަތުގެ ބަޖެޓުން ތެލަށް ކުރާ ހަރަދުން އަހަރަކު 48 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި އުފައްދާ ހަކަތައިގެ 33 ޕަސެންޓަކީ އިޔާދަކުރަނިވި ހަކަތައަށް ހެދުމަކީ މި ސަރުކާރުގެ އަމާޒެކެވެ. އެ ސިޔާސަތުގެ ދަށުން ސަރުކާރުން މިފަހުން ވަނީ އެހެން ބައެއް ޕްރޮޖެކްޓުތައް ވެސް އިއުލާންކޮށްފަ އެވެ.