Roadha Mihaaru
155 މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރަނީ

155 ރަށެއްގެ މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއެއް ފަށަނީ

31 ޖުލައި 2023

ރާއްޖޭގެ 155 ރަށެއްގެ މިސްކިތުގައި ސޯލާ ޕެނަލް ހަރުކޮށް، ހަމައެކަނި އަވީގެ ހަކަތަ ބޭނުންކުރާ ގޮތަށް ބަދަލުކުރުމުގެ މަޝްރޫއެއް ފަށަން ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ 155 ރަށެއްގެ މިސްކިތުގައި ސޯލާ ޕެނަލް ހަރުކޮށް، ހަމައެކަނި އަވީގެ ހަކަތަ ބޭނުންކުރާ ގޮތަށް ބަދަލުކުރުމުގެ މަޝްރޫއެއް ފަށަން ތިމާވެއްޓާ ބެހޭ މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގެ މީހުން ދިރިއުޅޭ 155 ރަށެއްގެ 155 މިސްކިތެއްގައި ސޯލާ ޕީވީ ނިޒާމު ގާއިމްކުރުމަށް މަޝްރޫއެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި އެ ނިޒާމު ގާއިމްކުރުމަށް ބޭނުންވާ ސޯލާ ފީވީ ސިސްޓަމްތައް ސަޕްލައިކޮށްދޭނެ ބަޔަކު ހޯދަން މި މަހު އިއުލާންކޮށްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 17 ގެ ކުރިން ބިޑް ހުށަހަޅަން ޖެހެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، ދައުލަތުން 10 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ހަވާލުކުރާނީ ފެނަކަ ކޯޕަރޭޝަންއާ އެވެ. އަދި އެ ނިޒާމު ބަލަހައްޓާނީ ރަށު ކައުންސިލުތަކުންނެވެ.

"މިއީ ސަރުކާރުން ކައުންސިލްތަކަށް ހިލޭ ފޯރުކޮށްދޭ އެހީތެރި ކަމެކެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

މި ވަގުތު މިނިސްޓްރީގައި ހުރި ސާމާނު ބޭނުންކޮށްގެން އަންނަ މަހު ބައެއް މިސްކިތްތަކުގައި މަސައްކަތް ފަށާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

ޑެޕިއުޓީ މިނިސްޓަރު އަލީ މާޖިދު ވިދާޅުވީ، މި މަޝްރޫއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާންކުރައްވާފައިވާ "ނެޓް-ޒީރޯ 2030" ޓާގެޓް ހާސިލްކުރުމަށާއި ކައުންސިލުތަކުން މިސްކިތްތަކުގެ ކަރަންޓް ބިލަށް ކުރާ ހަރަދުގެ ބޮޑު ބައެއް އެހެން މަސައްކަތްތަކަށް ބޭނުންކުރުމަށް އެހީވުމުގެ ގޮތުން، ރައީސްގެ އިސްނެންގެވުމަށް ހިންގާ މަޝްރޫއެއް ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ވެސް ކައުންސިލުތަކަށް އަމާޒުކޮށްގެން މިފަދަ އިތުރު މަޝްރޫއުތައް ހިންގުމަށް ވެސް ސަރުކާރުވަނީ ނިންމާފައި،" މާޖިދު ވިދާޅުވި އެވެ.

މި މަޝްރޫއުގެ ސަބަބުން ދައުލަތުގެ ބަޖެޓުން އަހަރަކު އަށް މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް މިނިސްޓްރީން އަންދާޒާކުރެ އެވެ.