Roadha Mihaaru
ޔޫރޯ އަދި ކާޑިއެކް ސެންޓަރަށް ބިލިއަނެއްހާ ރުފިޔާ

އައިޖީއެމްއެޗްގެ ބޮޑު ދެ ސެންޓަރު ހިންގަން އިންޑިއާގެ ދެ ހޮސްޕިޓަލަށް ބިލިއަނެއްހާ ރުފިޔާ

08 އޮކްޓޯބަރ 2023

އައިޖީއެމްއެޗްގެ އެންމެ ބޮޑު ދެ ސެންޓަރު ހިންގަން ހަވާލުކޮށްފައިވާ އިންޑިއާގެ ދެ ހޮސްޕިޓަލަށް ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައިޖީއެމްއެޗްގެ އެންމެ ބޮޑު ދެ ސެންޓަރު ހިންގަން ހަވާލުކޮށްފައިވާ އިންޑިއާގެ ދެ ހޮސްޕިޓަލަށް ބިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "މިހާރު" އިން ފޮނުވި ސުވާލުތަކަށް އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލްގެ ޑިޕާޓްމަންޓުތަކުގެ ތެރެއިން ބޭރުގެ ސެންޓަރުތަކާ ގުޅިގެން ހިންގަނީ ނެޝަނަލް ކާޑިއެކް ސެންޓަރާއި ޔޫރޯ-ރީޖަނަލް އެންޑް ފާޓިލިޓީ ސެންޓަރު އެކަނި ކަމަށެވެ.

ހިތުގެ ބަލިތަކަށް ފަރުވާދޭ ކާޑިއެކް ސެންޓަރު ހިންގަން އިންޑިއާގެ މެޑިޓްރީނާ ހޮސްޕިޓަލާ ހަވާލުކުރީ ނޮވެމްބަރު 15، 2015 ގައި 10 އަހަރުގެ މުއްދަތަށެވެ. އެ ހޮސްޕިޓަލާ އެކު އައިޖީއެމްއެޗުން ހެދި އެއްބަސްވުމުގައި ކްލިނިކަލް ހިދުމަތްތައް ދީ އަދި ކްލިނިކަލް ކަންކަން ބެލެހެއްޓުމާއި އެ ސެންޓަރުގެ ތެރެއިން ދިވެހި ޑޮކްޓަރުންނަށް އިތުރު ތަޖުރިބާ ދިނުން ހިމެނެ އެވެ.

އައިޖީއެމްއެޗުން ބުނީ ރާއްޖޭގައި ނުކުރެވޭ ތަހުލީލުތަކާއި އޮޕަރޭޝަންތައް، މެޑިޓްރީނާއާ އެކު ހެދި އެއްބަސްވުމުގެ ދަށުން އަލަށް ފަށައި ހިދުމަތް ދެމުން އަންނަ ކަމަށެވެ. އޭގެ އިތުރުން، މިހާރު ދޭ ފަރުވާތަކުގެ އިތުރަށް، އާ ފަރުވާތައް ފެށުމަށް މަޝަވަރާކުރަމުން އަންނަ ކަމަށް ބުންޏެވެ.

އައިޖީއެމްއެޗްގައި އައުޓްސޯސްކޮށްފައިވާ ޑިޕާޓްމަންޓުތަކަށް ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލުތައް.

އައިޖީއެމްއެޗްގައި އައުޓްސޯސްކޮށްފައިވާ ޑިޕާޓްމަންޓުތަކަށް ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލުތައް.

އެ ސެންޓަރު ހިންގަން ސޮއިކުރި ދުވަހުން ފެށިގެން މިދިޔަ ޖުލައި މަހުގެ ނިޔަލަށް މެޑިޓްރީނާއަށް 28.7 މިލިއަން ޑޮލަރު (442 މިލިއަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ. އޭގެ އިތުރުން، މެޑިޓްރީނާ ހޮސްޕިޓަލުގެ ޑޮކްޓަރުންނަށް ހަމަ އެ މުއްދަތުގެ ތެރޭގައި މުސާރައިގެ ގޮތުގައި 355،647ރ. ދީފައިވާ ކަމަށް، އައިޖީއެމްއެޗުން ހިއްސާކުރި މައުލޫމާތުތަކުގެ ތެރޭގައި ހިމެނެ އެވެ.

ކިޑްނީ އާއި ކުޑަކަމުދާ ނިޒާމު އަދި ދަރިން ނުލިބުމުގެ މައްސަލަ ދިމާވާ މީހުންނަށް ފަރުވާ ދިނުމަށް ނޭޝަނަލް ޔޫރޯ - ރީނަލް އެންޑް ފާޓިލިޓީ ސެންޓަރު ގާއިމްކޮށް އެ ތަން 15 އަހަރަށް ހިންގަން ހަވާލުކުރީ އެންޔޫ ހޮސްޕިޓަލަށެވެ.

އެ އެއްބަސްވުމުގައި ސޮއިކުރީ މެއި 2، 2016ގަ އެވެ.

އެ ހޮސްޕިޓަލާ އެކު އައިޖީއެމްއެޗުން ހެދި އެއްބަސްވުމުގައި، ކްލިނިކަލް ހިދުމަތްތައް ދީ، ކްލިނިކަލް ކަންކަން ބެލެހެއްޓުން އަދި އެ ސެންޓަރުގެ ތެރެއިން ދިވެހި ޑޮކްޓަރުންނަށް އިތުރު ތަޖުރިބާ ދިނުން ހިމެނެ އެވެ. ކިޑްނީ އާއި ކުޑަކަމުދާ ނިޒާމުގެ ބަލިތަކަށް ދޭ ފަރުވާގެ ކަންކަން އިތުރަށް ތަރައްގީކުރުމަށް އެހީތެރިވެދިނުމަކީ އެ އެއްބަސްވުމުގައި ހިމެނޭ ކަމެކެވެ.

އައިޖީއެމްއެޗުގައި އެންޔޫ ހޮސްޕިޓަލުން ހިންގާ ޔޫރޯ ސެންޓަރުގެ ބޭރު. މި ސެންޓަރަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވޭ.-- ފޮޓޯ: މިހާރު

އައިޖީއެމްއެޗުގައި އެންޔޫ ހޮސްޕިޓަލުން ހިންގާ ޔޫރޯ ސެންޓަރުގެ ބޭރު. މި ސެންޓަރަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވޭ.-- ފޮޓޯ: މިހާރު

އެ ޑިޕާޓްމަންޓުން ވެސް އިތުރު ފަރުވާތައް ފެށުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ބުންޏެވެ.

އެންޔޫއާ އެކު އެއްބަސްވުމުގައި ސޮއިކުރި ތާރީހުން ފެށިގެން މިދިޔަ ޖުލައި މަހާ ހަމައަށް އެ ހޮސްޕިޓަލަށް 33.7 މިލިއަން ޑޮލަރު (521 މިލިއަން ރުފިޔާ) ހަރަދުކުރި އެވެ. އައިޖީއެމްއެޗުގައި މަސައްކަތްކުރި އެންޔޫގެ ޑޮކްޓަރުންނަށް މުސާރައިގެ ގޮތުގައި 3.8 މިލިއަން ރުފިޔާ ދީފައިވެ އެވެ.

އެ ދެ ސެންޓަރު ހިންގަން އެކަނި ވެސް އެންޔޫ އަދި މެޑިޓްރީނާއަށް ސަރުކާރުން 963،997،830ރ. ދީފައިވެ އެވެ. މުވައްޒަފުންގެ މުސާރައާއެކު އެ އަދަދު 968 މިލިއަން ރުފިޔާއަށް އަރަ އެވެ.

އައިޖީއެމްއެޗުން ބުނި ގޮތުގައި، ބޭރުގެ ހޮސްޕިޓަލްތަކާ ގުޅިގެން ބައެއް ޑިޕާޓްމަންޓުތައް ހިންގަނީ ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުން ދޭން ޖެހޭ އާ ހިދުމަތްތައް ދިނުމަށް ތަޖުރިބާކާރުންގެ އެހީ އާއި އިރުޝާދު ބޭނުންވާތީ އެވެ. އަދި އެ ހިދުމަތްތައް ދިނުމަށް ދިވެހިން ތަމްރީނު ވަންދެން ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.