Roadha Mihaaru

ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެ އިން ފެނިއްޖެ

ރާއްޖެ އިން ނައްތާލާފައިވާ ފައިލޭރިއާ ޖެހިފައިވާ އިތުރު ބިދޭސީ މަސައްކަތްތެރިއަކު ހުޅުމާލެ އިން އިއްޔެ ފެނިއްޖެ އެވެ.

ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެ އިން ފެނިއްޖެ
އަހުމަދު ހަމްދޫން
އަހުމަދު ހަމްދޫން

23 ޑިސެމްބަރ 2023

ރާއްޖެ އިން ނައްތާލާފައިވާ ފައިލޭރިއާ ޖެހިފައިވާ އިތުރު ބިދޭސީ މަސައްކަތްތެރިއަކު ހުޅުމާލެ އިން އިއްޔެ ފެނިއްޖެ އެވެ.

ހެލްތު މިނިސްޓްރީގެ އިސް އޮފިޝަލަކު "މިހާރު" އަށް މިއަދު ވިދާޅުވީ، އިންޑިއާގެ އެ މަސައްކަތު މީހާ ފެނުނީ ފައިލޭރިއާ އަށް މިހާރު ފަށާފައިވާ ސްކްރީނިން ޕްރޮގްރާމްގެ ތެރެއިން ކަމަށެވެ. އެހެންވެ، އެ މީހާ އަށް ބޭސް ދޭން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެ އިން ފައިލޭރިއާ ޖެހިފައިވާ މީހުން ފެންނަން ފެށީ ހދ. ކުޅުދުއްފުށިންނެވެ. މި މަހުގެ މިހާތަނަށް އެ ރަށުން އެކަނި ވެސް ފައިލޭރިއާ ޖެހިފައިވާ 25 މީހަކު ފެނިފައި ވެ އެވެ. އެހެންވެ، މިހާތަނަށް ފައިލޭރިއާ ޖެހިފައިވާ 26 ބިދޭސީއަކު ރާއްޖެ އިން ވަނީ ފެނިފަ އެވެ.

އެޗްޕީއޭ އިން ބުނީ، އިންޑިއާގެ ބިހާރާއި އުއްތަރު ޕްރަދޭޝް އާއި ގޯޕާލްގަންޖާއި ޓެމިލްނާޑޫގެ އިތުރުން ބަންގްލަދޭޝްގެ ކުމިލާ ކިޔާ ސަރަހައްދުން އައިސްފައިވާ މީހުން އެ 26 ބިދޭސީންގެ ތެރޭގައި ހިމެނޭ ކަމަށެވެ.

"ކުޅުދުއްފުށިން ފައިލޭރިއާ ފެނުމާ އެކު ސްކްރީނިން ޕްރޮގްރާމެއް މިހާރު ވަނީ ފަށާފައި. އޭގެ ތެރޭގައި ދިވެހިން ވެސް އަދި ބިދޭސީން ވެސް އެބަ ސްކްރީން ކުރަން،" ހެލްތު މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފައިލޭރިއާ ޖެހިފައިވާ މީހުންނަށް ބޭނުންވާ ބޭސް މި ވަގުތު ރާއްޖޭގައި އެބަހުއްޓެވެ. އެކަމަކު، އެއީ މިހާތަނަށް ރާއްޖެ އިން ނައްތާލާފައިވާ ބައްޔަކަށް ވުމާ އެކު، އިތުރު ސްޓޮކް މި ވަގުތަށް ބޭނުންވާތީ ބޭސްތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ފައިލޭރިއާއަކީ ރާއްޖެ އިން ނައްތާލާފައިވާ ބައްޔެއް ކަމަށް ވިޔަސް އެ ބަލި ފެނުމާ ގުޅިފައި ވަނީ 2020 ވަނަ އަހަރުން ފެށިގެން މެޑިކަލް ޗެކަޕް ހެދުމެއް ނެތި ރާއްޖެ އަށް ބިދޭސީން އެތެރެކުރަން ފެށުމާ ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައިގަންނަވަ އެވެ.

ފައިލޭރިއާ ޖެހެނީ، ހަޑި ފެނުގައި އުފެދޭ ކިއުލެކްސް މަދިރީގެ ޒަރީއާއިންނެވެ. ފައިލޭރިއާ ޖެހިފައިވާ މީހެއްގެ ގައިން ކިއުލެކްސް މަދިރި ލޭ ބުއިމަށް ފަހު، އެހެން މީހެއްގެ ގައިގައި ހަމަ އެ މަދިރި ހަފައިފި ނަމަ ފައިލޭރިއާ ޖެހުމަށް ފުރުސަތު ބޮޑުވާނެ އެވެ. އެކަމަކު، އެންމެ ފަހަރަކު މަދިރި ހެފިއަސް ފައިލޭރިއާ ނުޖެހިދާނެ އެވެ.

އެ ބަލި ޖެހުމަށް ފަހު އެތައް ދުވަހެއް ވަންދެން އަލާމާތެއް ނުފެނި ހުރެދާނެ އެވެ. އެކަމަކު ދިގު މުއްދަތަކަށް ފަހު ހަށިގަނޑުގެ އެކި ބައިތައް ދުޅަވުމާއި ހަންގަނޑު ބޯވުން ފަދަ އަލާމާތްތައް ފެންނާނެ އެވެ. ފައިލޭރިއާގެ އެންމެ އާއްމު އަލާމާތަކީ ފައި ދުޅަވުމެވެ.