Roadha Mihaaru
އެ ދުވަސް: އިންޑިއާއިން ރާއްޖެއަށް ދިން ހޮސްޕިޓަލް

އެ ދުވަސް: އިންޑިއާއިން ރާއްޖެއަށް ދިން ބޮޑު ހޮސްޕިޓަލް

02 ފެބުރުއަރީ 2019

އެއީ ސެންޓްރަލް ހޮސްޕިޓަލްގެ ނަމުގައި ރާއްޖޭގެ މައި ހޮސްޕިޓަލް ހިންގި ޒަމާނެވެ. މަދު ވަސީލަތްތަކަކާއި މަދު ޑޮކްޓަރުންނާ އެކު އެވެ. މީހުންނަށް ދިމާވާ ސިއްހީ މައްސަލަތައް ގިނަ ފަހަރަށް ދެނެއެއް ނުގަނެވެ އެވެ. އެކަމަށް ނިމުމެއް އައިސް ރާއްޖޭގެ ސިއްހީ ދާއިރާ ދުޅަހެޔޮވާން ފެށީ އިންޑިއާ ސަރުކާރުން އަޅައިދިން އައިޖީއެމްއެޗުގެ ހިދުމަތް ފެށުމާ އެކު އެވެ. ބަލިއެނދުގައި އޮތް ރާއްޖޭގެ ސިއްހީ ދާއިރާ ޒަމާނާ އެއްވަރުގެ ހިދުމަތްތަކަށް މަގު ކޮށައިދިނީ އިންޑިއާއިން ހަދިޔާ ކުރި ޓާޝިއަރީ އެ ހޮސްޕިޓަލެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެއީ ސެންޓްރަލް ހޮސްޕިޓަލްގެ ނަމުގައި ރާއްޖޭގެ މައި ހޮސްޕިޓަލް ހިންގި ޒަމާނެވެ. މަދު ވަސީލަތްތަކަކާއި މަދު ޑޮކްޓަރުންނާ އެކު އެވެ. މީހުންނަށް ދިމާވާ ސިއްހީ މައްސަލަތައް ގިނަ ފަހަރަށް ދެނެއެއް ނުގަނެވެ އެވެ. އެކަމަށް ނިމުމެއް އައިސް ރާއްޖޭގެ ސިއްހީ ދާއިރާ ދުޅަހެޔޮވާން ފެށީ އިންޑިއާ ސަރުކާރުން އަޅައިދިން އައިޖީއެމްއެޗުގެ ހިދުމަތް ފެށުމާ އެކު އެވެ. ބަލިއެނދުގައި އޮތް ރާއްޖޭގެ ސިއްހީ ދާއިރާ ޒަމާނާ އެއްވަރުގެ ހިދުމަތްތަކަށް މަގު ކޮށައިދިނީ އިންޑިއާއިން ހަދިޔާ ކުރި ޓާޝިއަރީ އެ ހޮސްޕިޓަލެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ކުރި މަޝްވަރާތަކުގައި އިންޑިއާއިން ފުރަތަމަ އެއްބަސްވީ ސިއްހީ ހިދުމަތް ދިނުމަށް ވަކި ޑިޕާޓްމަންޓެއް ރާއްޖޭގައި ގާއިމްކޮށް ދިނުމަށެވެ. ނަމަވެސް ފަހުން އެ މަޝްވަރާތައް ފުޅާވެ އެންމެ ފަހުން ހޮސްޕިޓަލެއް ހަދިޔާކުރަން އިންޑިއާއިން ނިންމީ އެވެ.

އައިޖީއެމްއެޗުގެ ހިދުމަތް ދޭން ފެށިއިރު އެތަނުގެ ބޭރު ނަން ބޯޑާއި ގޭޓް

އައިޖީއެމްއެޗުގެ ހިދުމަތް ދޭން ފެށިއިރު އެތަނުގެ ބޭރު ނަން ބޯޑާއި ގޭޓް

އައިޖީއެމްއެޗަކީ އިންޑިއާގެ ހިލޭ އެހީގައި ތިން ބުރިއަށް އިމާރާތްކޮށްފައިވާ އޭރަށް ބަލާއިރު ޖާގައިގެ ގޮތުން ވަރަށް ތަނަވަސް ހޮސްޕިޓަލެކެވެ. މާލޭގައި އެވަރުގެ ބިމެއްގައި އެހާ ބޮޑު އިމާރާތެއް އޭރު ހަދާފައެއް ވެސް ނުވެ އެވެ.

އޭރުގެ ހެލްތު މިނިސްޓަރު އަހުމަދު އަބްދުﷲ ގަބޫލުކުރައްވާ ގޮތުގައި އައިޖީއެމްއެޗާ އެކު ރާއްޖޭގެ ސިއްހީ ހިދުމަތް 30 ޕަސެންޓުން 70 ޕަސެންޓްގެ ކުރިއެރުމެއް ހޯދި އެވެ.

"އައިޖީއެމްއެޗާ އެކު އެކި ކަންކަމަށް އެކި ޑިޕާޓްމަންޓުތައް ހަދައި ފަރުވާ ދޭން ފެށުނީ. ބަލިތައް ޑައިގްނޯސް ކުރެވެން ފެށުނީ. އެއީ ވަރަށް ބޮޑު ކުރިއެރުމަކަށް ވީ،" އަހުމަދު ވިދާޅުވި އެވެ.

"ހޮސްޕިޓަލް ހުޅުވުމާ އެކު ވަރަށް ޑިމާންޑް ބޮޑުވި."

ބުރަ މަސައްކަތެއްގެ ނަތީޖާ

އިންޑިއާ އިން ހަދިޔާކުރި އެވަރުގެ ތަނަކަށް އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު، އިންދިރާ ގާންދީގެ ނަމުން ނަން ދިނުމަކުން ދިވެހިންގެ ޝަކުވާއެއް ނެތެވެ. އެހާ ވެސް ބޮޑަށް ސިއްހީ ހިދުމަތުގެ ފެންވަރު މަތިވާން ދިވެހިން ތިބީ އެދިއެދި އެވެ. އަދި އެ ހޮސްޕިޓަލް ވެގެންދިޔައީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމުގެ ރަމްޒަކަށެވެ.

ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށް ދިޔަ އިރު ހެލްތު މިނިސްޓަރުގެ ގޮތުން އަހުމަދު އަބްދުﷲ ވެސް ގިނަ ވަގުތުތަކެއް އެކަމަށް ހޭދަކުރެއްވި އެވެ. އިމާރާތަށް ސިފަ އަންނަމުން ދިޔަ ގޮތުގެ ހަނދާންތައް ތާޒާކަމާ އެކު ހުންނާނެ ވަރަށް އެކަން ބެއްލެވި އެވެ. ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް އެކަންޏެއް ނޫނެވެ. ހިދުމަތް ފެށުމާ އެކު ވެސް ގިނަ ވަގުތުތަކެއް ހޮސްޕިޓަލްގެ ކަންކަން ބެއްލެވުމުގައި ހޭދަކުރެއްވި އެވެ.

"ބަލި މީހުންގެ ހާލު ބަލައި ހެދުމުން އެބޭފުޅުންނަށް ހިތްވަރު ލިބިގެން ދިޔަ. އަދި ތަނުގެ ފެންވަރު އެނގޭ. ރަނގަޅު ކުރަންވީ ކަންކަން އެނގިގެން ދިޔަ. އެއީ ކަންކަން ރަނގަޅު ކުރަން ލިބުނު ބޮޑު ހިތްވަރެއް،" އަހުމަދު ވިދާޅުވި އެވެ.

ބޮޑު އިމާރާތެއް ލިބުނު ނަމަވެސް އެ ވަރުގެ ސިއްހީ ހިދުމަތެއް ފޯރުކޮށްދެވޭނެހާ ގިނަ ޑޮކްޓަރުންނާއި ނަރުހުންނެއް ރާއްޖެއަކު ނެތެވެ. އެހެންކަމުން އައިޖީއެމްއެޗު ފަދަ ހޮސްޕިޓަލެއް އެޅުމުން ސިއްހީ ދާއިރާއަށް ދިވެހިން ތަމްރީނުކުރުމުގެ މަސައްކަތަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭން ސަރުކާރަށް ޖެހުނެވެ.

"ބޭރަށް ގޮސް އެކިއެކި މަސައްކަތުން ދިވެހި ޑޮކްޓަރުން ތަމްރީނު ކުރަން ފުރުސަތު ހޯދިން. އެކި ދާއިރާތަކުން ސްޕެޝަލައިޒް ވުމުގެ ފުރުސަތު ވެސް ހޯދިން. އެފަދަ އެތައް ފުރުސަތެއް ހިލޭ ހޯދިގެން ދިޔަ،" އަހުމަދު ވިދާޅުވި އެވެ.

އައިޖީއެމްއެޗް ރަސްމީކޮށް ހުޅުވަން ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު: އިންޑިއާގެ ވަރަށް ބޮޑު އެހީއެއް -- ފޮޓޯ: އާކައިވް

އައިޖީއެމްއެޗް ރަސްމީކޮށް ހުޅުވަން ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު: އިންޑިއާގެ ވަރަށް ބޮޑު އެހީއެއް -- ފޮޓޯ: އާކައިވް

އޭގެ ނަތީޖާ ވަރަށް އަވަހަށް ފެންނަން ފެށި އެވެ. އައިޖީއެމްއެޗާ ގުޅެމުން ދިޔަ ދިވެހި ޑޮކްޓަރުންނާއި ނަރުހުންގެ އަދަދު މަތިވި އެވެ.

އެ ބަދަލުތައް އެންމެ ކައިރިން ދެކެވަޑައިގެންނެވި އެއް ބޭފުޅަކީ އެ ހޮސްޕިޓަލްގެ ހިދުމަތް ފެށިއިރު މެޑިކަލް އޮފިސަރަކަށް ހުންނެވި އަދި ފަހުން އައިޖީއެމްއެޗު ހިންގެވުމާ ވެސް ހަވާލުވި ޑރ. މުހައްމަދު ހަބީބެވެ. ސެންޓްރަލް ހޮސްޕިޓަލްގައި ވެސް މަސައްކަތްކުރެއްވި ޑރ. ހަބީބް ވިދާޅުވި ގޮތުގައި އޭރަށް ބަލާއިރު ޖާގަ ތަނަވަސް އަދި ވަސީލަތްތައް ވެސް ގިނަ ހޮސްޕިޓަލާ އެކު ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޮޑު އިންގިލާބެއް އަ އެވެ.

"އިންޑިއާއިން ގިނަ އަދަދަކަށް ސްޕެޝަލިސްޓުން ގެނައި. އިކުއިޕްމެންޓްގެ ގޮތުން ރަނގަޅުވި،" އައިޖީއެމްއެޗްގައި 19 އަހަރު އުޅުއްވި އަދި ރާއްޖޭގެ އެންމެ ފުރަތަމަ ކަށީގެ ޑޮކްޓަރު ވިދާޅުވި އެވެ.

މިހާރު އައިޖީއެމްއެޗުން ދުވާލަކު އެތައް ހާސް ބަޔަކު ހިދުމަތް ހޯދަ އެވެ. އެކަމަކު ހޮސްޕިޓަލް ހުޅުވުނު އިރު އެ އަދަދު އުޅުނީ ގާތްގަނޑަކަށް 400 ގަ އެވެ.

ހިދުމަތާ މެދު ފަހުރުވެރި، އުއްމީދު ބޮޑު

އައިޖީއެމްއެޗަށް މިހާރު އައިސްފައިވާ ކުރިއެރުންތަކާ މެދު އަހުމަދު އަބްދުﷲ ހިތްޕުޅުހަމަޖެހިވަޑައިގަންނަވަ އެވެ.

"ހަގީގަތުގައި އެއީ ވަރަށް ބުރަ މަސައްކަތްތަކެއް. މިއަދު އެހުރީ ގިނަ ހިދުމަތްތަކެއް ލިބެން. ވަރަށް އުފާވޭ. ވަރަށް ހިތްހަމަޖެހޭ،" އަހުމަދު ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުން އޭރު އައިޖީއެމްއެޗު އިމާރާތްކޮށްދިނީ އޭރުގެ އާބާދީ އާއި ސިއްހީ ހިދުމަތް ހޯދާ މީހުންގެ އަދަދަށް ބަލައިފަ އެވެ. އެކަމަކު ރާއްޖޭގެ އެކި ހިސާބުތަކުން މާލެއަށް ބަދަލުވަމުން ދިޔަ ބޮޑު އާބާދީއަށް އެކަށީގެންވާ ތަނެއްގެ ގޮތުގައި އައިޖީއެމްއެޗު ހިންގުނީ ނިސްބަތުން ކުޑަ ދުވަސްކޮޅަކަށެވެ. ތަން ފުރި، ސިއްހީ ހިދުމަތަށް އޮތް ޑިމާންޑް އެހާ މައްޗަށް ދިޔަ އެވެ.

އައިޖީއެމްއެޗުގެ އިމާރާތް ރާއްޖެއާ ހަވާލުކުރިތާ މިއަދު 25 އަހަރު ފުރޭ އިރު ރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާ ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. އަމިއްލަ ހޮސްޕިޓަލްތަކާއި ކްލިނިކްތައް ވަނީ ގިނަވެފަ އެވެ. އެކަމަކު އަދިވެސް ވެސް އައިޖީއެމްއެޗަކީ ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލެވެ.

އައިޖީއެމްއެޗުގެ ބައެއް ތާރީޚުތައް

- ޖެނުއަރީ 14، 1990: އައިޖީއެމްއެޗުގެ ބިންގާ، ރައީސް މައުމޫން އަބްދުލްގައްޔޫމް އަޅުއްވައިދެއްވި

- ފެބްރުއަރީ 4، 1994: ހޮސްޕިޓަލްގެ މަސައްކަތް ނިންމާ، ސަރުކާރާ އެ ތަން ހަވާލުކުރި

- ފެބްރުއަރީ 2، 1995: އައިޖީއެމްއެޗުގައި ހިދުމަތް ދޭން ފަށައި، ކުރީގެ ސަރުކާރު ހޮސްޕިޓަލް، މާލޭ ސެންޓްރަލް ހޮސްޕިޓަލް ބަންދުކުރި

- އެޕްރީލް 15، 1995: ރައީސް މައުމޫނާއި އިންޑިއާގެ ބޮޑުވަޒީރު ޕީ.ވީ ނަރަސިންހަ ރާއޯ، އައިޖީއެމްއެޗު ރަސްމީކޮށް ހުޅުއްވާ ދެއްވި