27 އެޕްރީލް 2023
ދައުލަތުގެ ހަރަދުގައި ބޭސް ފަރުވާ ކުރުމުގެ ނިޒާމެއް ތައާރަފްކޮށް ތަންމިނަށް ހުޅުވާލުމާ އެކު އެތައް ދިވެހިންނަށް ބޮޑު ލުއި ފަސޭހައެއް ލިބިއްޖެ އެވެ. ސަލާން ޖަހައިގެން ބޭސް ފަރުވާ ކުރަމުން ދިޔަ ދިއުމަށް ބޮޑު ލުޔެއް ގެނެވުނެވެ. އެކަމަކު، 2011 ގައި އާސަންދަ ކުންފުނި އުފެއްދީއްސުރެ ވެސް ކުރާ އެއް ޝަކުވާއެއް އެބައޮތެވެ.
ދައުލަތުގެ ހަރަދުގައި ބޭސް ފަރުވާ ކުރުމުގެ ނިޒާމެއް ތައާރަފްކޮށް ތަންމިނަށް ހުޅުވާލުމާ އެކު އެތައް ދިވެހިންނަށް ބޮޑު ލުއި ފަސޭހައެއް ލިބިއްޖެ އެވެ. ސަލާން ޖަހައިގެން ބޭސް ފަރުވާ ކުރަމުން ދިޔަ ދިއުމަށް ބޮޑު ލުޔެއް ގެނެވުނެވެ. އެކަމަކު، 2011 ގައި އާސަންދަ ކުންފުނި އުފެއްދީއްސުރެ ވެސް ކުރާ އެއް ޝަކުވާއެއް އެބައޮތެވެ.
އެ ސްކީމްގެ ނާޖާއިޒު ފައިދާ ބޭރުގެ ހޮސްޕިޓަލްތަކުން ނަގައި މުއްސަނދިވަމުންދާ ކަމެވެ. އަނެއްކޮޅުން، ރާއްޖެއިން ލިބެން ހުންނަ ފަރުވާތަކާ އެކު ވެސް ބޭރަށް ފޮނުވުމާ އެކު، އެ ހުރިހާ ފަސޭހަކޮށްދެނީ އާސަންދައާ ގުޅިގެން ކަމުގެ ތުހުމަތު ބޮޑެވެ.
ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް ވިދާޅުވި ގޮތުގައި އާސަންދައިގެ ނާޖާއިޒު ފައިދާ ނެގޭ ބައިވަރު ގޮތްތައް އެބަހުއްޓެވެ. އެގޮތަށް، ރާއްޖެއިން ލިބެން ހުންނަ ފަރުވާތަކަށް ވެސް ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ވެސް ބައެއް ފަހަރު ބޭރަށް ފޮނުވަން ރެފަ ކުރުމުން ބޭރަށް ފޮނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ވިޒިޓިން ޑޮކްޓަރުން ނުވަތަ ރާއްޖޭގައި ތިބޭ ބޭރު ޑޮކްޓަރުން ވެސް ބަލި މީހާ ރާއްޖެއިން ބޭރަށް ދާން ބޭނުންވާ ކަމަށް ބުނެ ލިޔުމެއް ހޯދަން މަޖުބޫރުކުރާ ކަމަށެވެ. އެއަށްފަހު، ސިޔާސީ މީހުން މެދުވެރިކޮށް އެ ސިޓީ ބޭނުންކޮށްގެން އާސަންދަ ހޯދާކަން އޭނާ ފާހަގަކުރެއްވި އެވެ.
އަމްރިތާ ހޮސްޕިޓަލުގައި ބަޔަކު ހިދުމަތް ހޯދަނީ.-- ފޮޓޯ: މިހާރު
އަނެއް ބައި ފަހަރު މީހުން ބޭރަށް ގޮސްފައި ވެސް އާސަންދައަށް ހުށަހަޅަ އެވެ.
"ސިޔާސީ ނުފޫޒު ގަދަ މީހުން އެބަ ބާރުއަޅާ އާސަންދަ މެދުވެރިކޮށް މީހުން ފަރުވާ އަށް ފޮނުވަން. މިއީ ހަމައެކަނި ރާއްޖެ އަށް ލިބޭ ގެއްލުމެއް ނޫން. މުޅި ރާއްޖެ އަށް." އަފްއާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފަރުވާ އަށް ބޭރަށް ފޮނުވާއިރު، ފައިސާ ބޭރުވާ އަދަދު އިތުރުވެ، އޭގެ މާލީ ގެއްލުންތަކާ ވެސް ދިމާވާ ކަމަށެވެ.
ވިޔަފާރިއަށާއި އާންމުންގެ ފައިދާ އަށް ރާއްޖޭގައި ހޮސްޕިޓަލްތައް ކައިރީގައި ހަދާފައި ހުންނަނީ ހަމައެކަނި ފާމަސީތަކެވެ. އެކަމަކު، އަފްއާލް ވިދާޅުވީ އިންޑިއާގައި ނަމަ، ބޭސްފަރުވާ އަށް ދާ ދިވެހިންނަށް ހާއްސަކޮށް ރެއަލް އެސްޓޭޓް ވިޔަފާރި ފުޅާކޮށް ހޮޓާތައް ހަދާފައި އެބަހުރި ކަމަށެވެ. އޭނާ އެ މިސާލު ޖެއްސެވީ އިންޑިއާގައި ދިވެހި ބަލިމީހުންނަށް ވަރަށް ބޮޑު ޓާގެޓެއް ކޮށްފައިވާ ކަމެވެ.
"ރާއްޖޭގައި އެ ފައިސާ ބެހެއްޓިއްޖެ ނަމަ ވާދަވެރި މާކެޓެއް އުފެދި، ފަރުވާ އަށް މާލޭގައި ހެޔޮ އަގުގައި ހުރުމުގެ އިންތިޒާމް ހަމަޖެހުމުގެ ފުރުސަތު އޮތީސް. އޭގެ އިތުރުން، ރާއްޖޭގެ ޕްރައިވެޓް ހެލްތު ކެއާ ވެސް ފުޅާވެ، ތަރައްގީވެގެން ގޮސް، ޕަބްލިކް ހެލްތަށް ކުރާ މަސައްކަތް ފުޅާކުރެވޭނެ،" އަފްއާލް ވިދާޅުވި އެވެ.
އާސަންދައިގެ ވެބްސައިޓުގައިވާ ގޮތުން، އިންޑިއާ އަދި ލަންކާގެ 45 ހޮސްޕިޓަލަކުން އެ ހިދުމަތް ލިބެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ 35 ތަނަކާއި ލަންކާގެ 10 ހޮސްޕިޓަލެވެ. އޭގެ އިތުރުން، ސަރުކާރުގެ މައި ހޮސްޕިޓަލުގެ ބޮޑު ދެ ޑިޕާޓްމަންޓެއް ހިންގަން ވެސް އިންޑިއާ އަށް ބޮޑު ހަރަދެއް ކުރެ އެވެ. އެއީ އާސަންދައިން ކުރާ ހަރަދަކަށް ނުވިޔަސް، އެއީ ހަމަ ދައުލަތުން ކުރާ ހަރަދެކެވެ. އައިޖީއެމްއެޗްގައި އިންޑިއާގެ ދެ ހޮސްޕިޓަލަކާ ގުޅިގެން ހުޅުވާފައި ހުރި ދެ ކުލިނިކަކީ ވެސް އައިޖީއެމްއެޗްގެ ބަޖެޓުން އިންޑިއާގެ ހޮސްޕިޓަލްތަކަށް ފައިސާ ދީގެން ހިންގާ ދެ ތަނެވެ.
އިންޑިއާގެ އެންޔޫ ހޮސްޕިޓަލާ ގުޅިގެން، "ނެޝަނަލް ޔޫރޯ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރު"ގެ ނަމުގައި އައިޖީއެމްއެޗުގައި ސެންޓަރު ހުޅުވީ ނޮވެމްބަރު 20، 2016 ގަ އެވެ. އެ ތަނުން ކިޑްނީ ބަލިތަކުގެ އިތުރުން ދަރިމައިވުމުގައި ދިމާވާ މައްސަލަތަކާއި ކުޑަކަމުދާ ނިޒާމުގެ ހާއްސަ ބަލިތަކަށް ފަރުވާ ދެ އެވެ.
ހިތުގެ ބައްޔަށް ފަރުވާ ކުރުމަށް އިންޑިއާގެ މެޑްޓްރިނާ ހޮސްޕިޓަލާ ގުޅިގެން ކާޑިއެކް ސެންޓަރު ހުޅުވީ ޖޫން 7، 2016 އެވެ.
ހިތުގެ ބައްޔަށް ފަރުވާ ދިނުމަަށްފަހު އައިޖީއެމްއެޗުން ހެދި ބިލެއް.
އެކަމަކު، މައުލޫމާތު އެނގިވަޑައިގަންނަވާ ބައެއް ބޭފުޅުން، ހެއްކާ އެކު "މިހާރު" އަށް ހިއްސާކުރެއްވި ލިޔުންތަކުން އެނގެނީ ހިތުގެ ބަލިތަކަށް އައިޖީއެމްއެޗަށް ވުރެ އަމިއްލަ ތަންތަނުން ކުރާ ހަރަދު މާ ކުޑަ ކަމެވެ. ނަމަވެސް، އެ ތަނުން ފަރުވާ ހޯދުމަށް ދައުލަތުގެ ފުލް ކަވަރޭޓް ލިބޭތީ، އަމިއްލަ މީހާގެ ޖީބުން އެއްވެސް އެއްޗެއް ހަރަދުކުރާކަށް ނުޖެހެ އެވެ.
އިންޑިއާއާ އެކު ގާއިމްކޮށްފައިވާ ކެތު ލެބުގައި އެއް ސްޓެންޓު ލެއްވުމަށް ޗާޖުކުރަނީ 26،214ރ. އެވެ. އެކަމަކު، އަމިއްލަ ހޮސްޕިޓަލްތަކުގައި އެ ހަރަދަށް ކަނޑައަޅާފައި ވަނީ 14،977ރ. އެވެ. އޭގެ އިތުރުން، ހިތުގެ އެހެން މައްސަލަތަކާ އެކު، އެ ފަރުވާތަކަށް އައިޖީއެމްއެޗުގައި ޖުމްލަ 189،049ރ. ހަރަދުވެ އެވެ. އާސަންދައިގެ ފުލް ކަވަރޭޖު ލިބޭތީ ބަލި މީހާގެ އަތުން އެއްވެސް ހަރަދެއް ނުދެ އެވެ.
އެކަމަކު، އަމިއްލަ ހޮސްޕިޓަލެއްގައި ހަމަ އެ ފަރުވާތަކަށް އަރަނީ 140،482،78ރ. އެވެ. އާސަންދައިން ލިބެނީ 25،500ރ. އެވެ. ބަލި މީހާގެ ޖީބުން 114،982.78ރ. ދައްކަންޖެހެ އެވެ.
ޔޫރޮލޮޖީ ޑިޕާޓްމަންޓާ ގުޅޭގޮތުން އަފްއާލް ވެސް ހިއްސާކުރެއްވީ އެ ކަންބޮޑުވުންތަކެވެ.
"އައިޖީއެމްއެޗުގައި ޔޫރޮލޮޖީ އަށް ދައުލަތުން ވަރަށް ބޮޑު ހަރަދެއް އެބަކުރޭ. އެއީ ކޮން އެއްޗެއްކަން އާސަންދަ އަށް ވެސް ނޭނގޭ. މިއީ ރާއްޖޭގެ ހުރިހާ ޕްރޮފެޝަނަލް މީހުންނަށް ލިބޭ ނިކަމެތި ކަމެއް. އައިޖީއެމްއެޗާއި އެހެނިހެން ޕްރައިވެޓް ފެސިލިޓީތަކުގައި ވެސް ހަމަ އެހާމެ ރަނގަޅު ނުވަތަ ރަނގަޅު ހިދުމަތްތަކެއް ހުރިއިރު، ބޭރު މީހުންނަށް މިކަން ދެނީ ކީއްކުރަން.؟" އަފްއާލް ސުވާލު އުފެއްދެވި އެވެ.
ރާއްޖޭގައި ނުލިބޭ ހިދުމަތެއް ކަމަށް ބުނެ، މިއޮޓް ހޮސްޕިޓަލަށް ދިއުމަށް ރެފާ ކުރި ލިޔުން.
އޭނާ ވިދާޅުވި ގޮތުގައި މި ގޮތަށް ދިމާވަނީ ވެސް މީހުންގެ ވިސްނުމުގެ ސަބަބުންނެވެ. އެކަމަކު، ކުރިއަށް ވުރެ ރާއްޖޭގެ ސިއްހީ ނިޒާމަށް މީހުންގެ އިތުބާރު ހޯދިއްޖެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
އެ ޝަކުވާތައް ހުރި ނަމަވެސް، މި މައްސަލަތައް ހައްލުކުރަން ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ކުރާ ކަމަކަށް އަފްއާލް ގަބޫލެއް ނުކުރައްވަ އެވެ.
ސިއްހީ ދާއިރާގައި ކޮރަޕްޝަން އޮތް މިންވަރު ވަޒަންކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިދިޔަ މަހުގެ 9 ވަނަ ދުވަހު ނެރުނު ދިރާސާ ރިޕޯޓުން ވެސް ދައްކަނީ އެއް މަންޒަރެކެވެ.
އެ ރިޕޯޓުގައި ބުނީ ރާއްޖޭގައި ސިއްހީ ހިދުމަތްތައް ފުޅާވެގެން ދިޔަ ނަމަވެސް ހުރިހާ ބާވަތެއްގެ ބަލިތަކަށް އެކަށީގެންވާ ފަރުވާ ދިނުމުގެ ގާބިލްކަމެއް އެ ނިޒާމުގައި ނެތެވެ. އެކަމަށް އޮތް ހައްލެއްގެ ގޮތުން ބޭރުގެ ހޮސްޕިޓަލްތަކާ އެކު ސޮއިކޮށް، އާސަންދަ ނިޒާމުން ފަރުވާ ކޮށްދިނުމުގެ ހިދުމަތް ދެ އެވެ. ރިޕޯޓުގައި ބުނިގޮތުގައި އާސަންދައާ އެމްޕެނެލް ކުރުމަށް ހުށަހަޅަނީ ސީދާ ބޭރު ހޮސްޕިޓަލްތަކުންނެވެ. އެމްޕެނެލް ކުރަން އެދޭ ތަންތަން ބައެއް ފަހަރު އިންސްޕެކްޓުކުރެ އެވެ. އެކަމަކު، ހުއްދަ ދިނުމުގެ މަރުހަލާތަކުގައި ވަކި މިންގަނޑެއް ނެތް ކަމަށް ރިޕޯޓުގައި ބުނެ އެވެ.
"ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ފޮނުުމުގައި އާއްމު ގޮތެއްގައި ހާމަކަމެއް ނެތެވެ. މިސާލަކަށް، ރިފަރަލް ހަދާގޮތާއި ދަތުރަށް ހުއްދަ ދޭ ގޮތާއި ބޭރުގެ މަރުކަޒުތައް އެމްޕެނަލް ކުރެވޭ ގޮތާއި އަދި ހިދުމަތްތަކާއި އެ ހިދުމަތްތަކުގެ އަގު މަޝްވަރާކޮށް އެއްބަސްވެވޭ ގޮތުގެ ހާމަކަން ކުޑަ އެވެ. ސުޒާނާ. އެޓް އަލްގެ ދިރާސާއަކުން ހާމަވާ ގޮތުގައި ދިވެހި ބަލި މީހުން އާއްމުކޮށް ދާ ބޭރުގެ ހޮސްޕިޓަލްތަކުގެ ތެރެއިން އެއްވެސް ހޮސްޕިޓަލެއް "ޖޮއިންޓް ކޮމިޝަން އިންޓަނޭޝަނަލް" އިން އެކްރެޑިޓް ކޮށްފައި ނުވެ އެވެ. އަދި އިންޑިއާގެ އެމްޕެނެލް ކޮށްފައިވާ ހޮސްޕިޓަލްތަކުގެ ތެރެއިން އިންޑިއާގެ "އިންޑިއަން ނޭޝަނަލް އެކްރެޑިޑޭޝަން ބޯޑު ފޯ ހޮސްޕިޓަލްސް" އިން އެކްރެޑިޓް ކޮށްފައިވަނީ އެންމެ ތިން ހޮސްޕިޓަލެކެވެ." އެ ރިޕޯޓުގައި ވެ އެވެ.
އާސަންދަ ސްކީމުން ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށްވުރެ އަމިއްލަ ޖީބުން ފަރުވާ ކުރާނަމަ ހަރަދު ކުޑަވެގެންދާ ކަމަށް ވެސް، އެހެން ދިރާސާއަކުން އެނގޭ ކަމަށް ޓްރާންސްޕޭރެންސީގެ ރިޕޯޓުގައި ބުނެ އެވެ. އަދި ފަރުވާ ހޯދުމަށް ރެފަރަލް ސިސްޓަމްގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތައް ހުރި ކަމަށް ދިރާސާގައި ބުނެ އެވެ.
"ހިދުމަތުގެ ފައިސާ ހޯދުމަށް އެކަށީގެންވާ ސަބަބެއް ނެތި ބޭރަށް ފޮނުވުމަށް ރިފަ ކުރުމަކީ އެކަށީގެންވާ ކަމެކެވެ. ރިފަ ކުރާ ޑޮކްޓަރު (މިސާލަކަށް ބިދޭސީއެއް) ގެ 'ބެނެފިޝަލް' މުއައްސިސުކަން އެމްޕެނަލް ކުރެވިފައިވާ ހޮސްޕިޓަލްގައި އޮންނަ ހާލަތެއްގައި އެ ޑޮކްޓަރު ބަލި މީހާގެ މަސްލަހަތުގެ ބަދަލުގައި އަމިއްލަ މަސްލަހަތު އިސްކުރުން އެކަށީގެންވެ އެވެ. އަދި ބޭރަށް ފޮނުވަންޖެހޭ ބަލި މީހުން ކަނޑައެޅުމުގައި ސިއްހީ ބޭނުމަށް ރިއާޔަތް ނުކުރާނަމަ އަދި ހައްސާސް ހާލަތެއް ނެތް މީހުން ބޭރަށް ފޮނުވާނަމަ ނުވަތަ ފަރުވާ ފޯރުކޮށްދިން ނަމަވެސް ރަނގަޅުވުމުގެ ފުރުސަތު ކުޑަ މީހުން ފޮނުވާނަމަ ހަމަހަމަ ގޮތުގައި ހިދުމަތް ލިބުމަށް ހުރަސް އެޅި. ނޭދެވޭ ނަތީޖާ ނުކުތުން އެކަށީގެންވެ އެވެ." ރިޕޯޓުގައި ވެ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލް.- ފޮޓޯ: މިހާރު
ސިއްހީ ދާއިރާގެ ކަންކަން ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވި ގޮތުގައި އާސަންދަ ލިސްޓުގައި ހިމެނޭ އަސާސީ ޚިދުމަތްތަކުގެ އިނިޝިއަލް އިންޓަގްރޭޝަން އެންޑް އެމްޕެނަލްމަންޓް ޕްރޮސެސްގައި ޕްރައިވެޓް ހޮސްޕިޓަލަށް ކަވަރޭޖް ތައް ހާސިލްކުރެވިއްޖެ، އާ އެއްވެސް ހިދުމަތަކަށް ކަވަރޭޖް ހޯދުމަކީ ގޮންޖެހުންތަކެއް ކަމަށެވެ. މިހާރު ވެސް ރާއްޖެއިން ލިބޭ 1،619 ހިދުމަތަކަށް އާސަންދައެއް ނުލިބޭ ކަމަށް އެ އޮފިޝަލް ވިދާޅުވި އެވެ.
އޭގެ އާހިރު ނަތީޖާއަކީ ފަރުވާ އަށް ބޭރަށް ފޮނުވަން ޖެހުމެވެ.
އާސަންދައިގެ ވެބްސައިޓުން ފެންނަ ގޮތުގައި މި އަހަރުގެ މިހާތަނަށް ފަރުވާއަށް ރާއްޖެއިން ބޭރަށް 532 މީހުން ވަނީ ފޮނުވައިފަ އެވެ.
އެ ހިދުމަތްތަކުގެ ތެރެއިން އާސަންދަ ނުލިބޭ އެންމެ ގިނަ ހިދުމަތްތަކަކީ ޕްރޮސީޖާ ސާވިސަސް އެވެ. ދެ ވަނަ އަށް އެންމެ ގިނައީ ކުޑަކަމުދާ ނިޒާމާއި ކިޑްނީގެ ބަލިތަކާ ގުޅޭ އަދި ރޭޑިއޮލޮޖީއާ ގުޅޭ ހިދުމަތްތަކެކެވެ.
"އާސަންދަ ކަވަރޭޖް ނެތުމުގެ ސަބަބުން އަމިއްލަ ހޮސްޕިޓަލްތަކަށް އާ އަދި އެޑްވާންސް މެޑިކަލް ހިދުމަތް ތައާރަފްކުރުމުގެ ގާބިލުކަން ލިމިޓްވެ، ބަލި މީހުން މަދުވުމުގެ ސަބަބުން ޕްރައިވެޓް ހޮސްޕިޓަލަށް އަސަރު ކުރާނެ." ކަންބޮޑުވުން ފާޅުކޮށް ވާހަކަދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ މެޑިކަލް ސާވިސަސްގައި މިހާތަނަށް ލިބެން ނެތް ޔޫރޮލޮޖީ ލޭޒާ ސާޖަރީ އާއި ވިޓްރެއޮރިޓެނަލް ސާޖަރީސް އަދި ކެންސާ ސްކްރީން ފަދަ ހިދުމަތްތައް އަމިއްލަ ހޮސްޕިޓަލްތަކުން ތައާރަފްކޮށްފައިވާ ކަމަށެވެ. އެކަމަކު، މި ތަނުގައި އެ ފަރުވާތައް ހޯދުމަށް އާސަންދައިން ދޭ ކަވަރޭޖު ކުޑަވުމުން ރާއްޖެއިން ބޭރަށް ގޮސް އެ ފަރުވާ ހޯދަން މަޖުބޫރު ވެފައިވާ ކަމަށާއި އެއީ ބޭރުން އެ ފަރުވާތަކަށް އާސަންދައިން ފުލް ކަވަރޭޖް ދޭތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މެއި 2022 ގައި މާލެ، އަތޮޅުތެރެ އަދި ރާއްޖެއިން ބޭރުން އާސަންދަ ސްކީމުން ޚިދުމަތް ހޯދި ރައްޔިތުންގެ ޢަދަދާއި ކުރެވުނު ޚަރަދު (ދިވެހި ރުފިޔާއިން)#AasandhaStats pic.twitter.com/rmlE8On3hn
— Aasandha Company Ltd (@AasandhaLtd) August 8, 2022
"އާސަންދައިގެ ކުރިން ނުވަތަ އެންސްޕާއިން ރާއްޖެއިން ބޭރަށް ފޮނުވާ މައްސަލަތަކަށް ހުއްދަ ދިނުމުގެ ކުރިން ޑޮކްޓަރެއްގެ ލިޔުމެއް ފިޔަވައި، ހިދުމަތް ތައް ލިބޭނެތޯ ބެލޭނެ ރިފަރަލް މެކޭނިޒަމެއް ނުވަތަ ޕްރޮސެސްއެއް މިވަގުތު ނެތް." އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާސަންދައާ އެމްޕެނަލް ވެފައިވާ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ރާއްޖެ ވަޑައިގެން އަމިއްލަ ތަންތަނުގައި މަސައްކަތް ކުރައްވާއިރު، އެ ޑޮކްޓަރުން ފުލް-ޓައިމްކޮށް މަސައްކަތްކުރާ ބޭރުގެ ހޮސްޕިޓަލަށް ގޮސް ފަރުވާ ހޯދުމަށް ވެސް ވަރަށް ގިނައިން ރެފާ ކުރާ ކަމަށެވެ. އެކަމަކު، އެ ފަރުވާ ތަކަކީ ވެސް ރާއްޖެއިން ލިބެން ހުންނަ ފަރުވާތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެއިން ބޭރުން ހިދުމަތް ހޯދުމަށް ރާއްޖެއިން ބޭރުގެ ޑޮކްޓަރުންނާއި ހޮސްޕިޓަލްތަކާއި ލެބްތަކާ އެކު ގުޅުންތައް ހަދައިގެން އޮންނައިރު، މި ހިދުމަތްތައް ރާއްޖެއިން ވެސް ލިބެން ހުރޭ.. އޭގެ ތެރެއިން ގިނަ ރެފަރަލްތަކަކީ ހިތްވަރު ދޭ ރެފަރަލްތަކެއް."
މި ފަހުން ވަނީ އެ ފަދަ މައްސަލައެއް ފެންމަތިވެފަ އެވެ.
ރާއްޖޭގައި ނުލިބޭ ހިދުމަތެއް ކަމަށް ވިދާޅުވެ، ވިޒިޓިން ޑޮކްޓަރެއް ގޮތުގައި މަސައްކަތްކުރާ މައިބަދައިގެ އޮޕަރޭޝަން ޑޮކްޓަރެއް ވަނީ މައިބަދައާ ގުޅުންހުރި އޮޕަރޭޝަނެއް ކުރުމަށް ބޭރަށް ދިއުމަށް ލަފާ ދީފަ އެވެ. އަދި އެ ޑޮކްޓަރު ރެފަ ކޮށްފައިވަނީ ވެސް އިންޑިއާގައި އޭނާ މަސައްކަތްކުރާ ހޮސްޕިޓަލަށް ދިއުމަށެވެ. އެ ހިދުމަތަކީ އޭޑީކޭ އަދި ޓްރީޓޮޕްގައި ވެސް ދޭ ފަރުވާތަކެކެވެ.
އާސަންދައިގެ ބަޖެޓުން ކޮންމެ އަހަރަކު ވެސް އެތައް ބިލިއަން ރުފިޔާއެއް ހަރަދުކުރާއިރު، އޭގެ ބޮޑު ބައެއް ވަންނަނީ އަމިއްލަ ތަންތަނަށެވެ. އޭގެ ތެރެއިން ވެސް އެތައް މިލިއަން ރުފިޔާއެއް ބޭރުގެ ހޮސްޕިޓަލްތަކަށް ވަނެވެ. އެންމެ ފަހުން ހާމަކުރި މައުލޫމާތުތަކުގައި ވެސް، މިދިޔަ އަހަރުގެ މެއި މަހު އެކަނި ވެސް ބޭރުގެ ހޮސްޕިޓަލްތަކަށް 28 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. އެކަމަކު، ބޭރަށް ކުރާ ހަރަދުތައް އެއް އަހަރުން އަނެއް އަހަރަށް އިތުރުވުމަކީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކުރަން ކުރާ މަސައްކަތެއް ނުފެންނަ ކަމުގެ ހެއްކެއް ކަމަށް ބައެއް ފަރާތްތަކުން ދެ އެވެ.
އާސަންދަ ބަޖެޓް ހުސްވެ އިގްތިސާދީ ބުރައަކަށްވޭ: ނާޒިމް
"ފަރުވާއަށް ސަލާން ޖެހުން ނިމުމަކަށް ގެނެވޭނެ"
އެންސްޕާއިން އެހީ ދޭ ގޮތް ހަރުދަނާ ކުރަންޖެހޭ: އޭސީސީ
ކްލިނިކްތަކުގައި މަސައްކަތްކުރުމާ ބެހޭ ގަވައިދެއް ހަދަން ލަފާދީފި
ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ މެދުކަނޑާލައިފި
މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި
އާފިޔާ ކިޔައިދިނީ ކެންސަރު ހޮސްޕިޓަލެއްގެ މުހިއްމުކަން
ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެ އިން ފެނިއްޖެ
ޔޫރޯ އަދި ކާޑިއެކް ސެންޓަރަށް ބިލިއަނެއްހާ ރުފިޔާ
"ތާވަލާ އެއްގޮތަށް ކެންސަރު ހޮސްޕިޓަލް މަސައްކަތް ކުރިއަށްދޭ"