Roadha Mihaaru
ޝައްފާނުގެ އުފާވެރިދުވަހު ލިބުނީ ބައްޕަގެ މަރުގެ ޚަބަރު

އޭޝިއަން ގޭމްސްގައި ޝައްފާނުގެ އުފާވެރި ދުވަހު ލިބުނީ ބައްޕަގެ މަރުގެ ހިތާމަވެރި ޚަބަރު

28 ސެޕްޓެމްބަރ 2023

ރާއްޖޭގެ ގައުމީ ޓީޓީ ޗެމްޕިއަން މުހައްމަދު ޝައްފާން އިސްމާއީލަށް އިއްޔެ އަކީ އޭޝިއަން ގޭމްސްގައި އެންމެ އުފާވެރި ދުވަހެވެ. ޓީޓީގެ ސިންގަލްސް އިވެންޓްގައި ނޭޕާލްގެ ކުޅުންތެރިޔާ ބަލިކޮށް ގަދަ 32 އަށް އޭނާ ދަތުރު ކުރީ މި ގޭމްސްގައި މެޗެއް ކާމިޔާބު ކުރި ރާއްޖޭގެ ހަމައެކަނި ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގެ ގައުމީ ޓީޓީ ޗެމްޕިއަން މުހައްމަދު ޝައްފާން އިސްމާއީލަށް އިއްޔެ އަކީ އޭޝިއަން ގޭމްސްގައި އެންމެ އުފާވެރި ދުވަހެވެ. ޓީޓީގެ ސިންގަލްސް އިވެންޓްގައި ނޭޕާލްގެ ކުޅުންތެރިޔާ ބަލިކޮށް ގަދަ 32 އަށް އޭނާ ދަތުރު ކުރީ މި ގޭމްސްގައި މެޗެއް ކާމިޔާބު ކުރި ރާއްޖޭގެ ހަމައެކަނި ކުޅުންތެރިޔާގެ ގޮތުގަ އެވެ.

ޗައިނާގައި މިހާރު ކުރިއަށްދާ ގޭމްސްގެ އަނެއް ބުރަށް ދެވުމުން ލިބުނު އުފާވެރިކަން ދެމިއޮތީ ދެތިންގަޑިއިރަށެވެ. އެ އުފާވެރިކަމަށް ދެން ހިޔަނި އެޅުނީ އޭނާގެ ބައްޕަ، އިސްމާއީލް މުހައްމަދު (އާމިރު) ގެ މަރުގެ ހިތާމަވެރި ޚަބަރުންނެވެ.

ޝައްފާންގެ ބޮޑުބޭބެ އަދި ރާއްޖޭގެ ޓީޓީ ގައުމީ ޓީމަށް ކުޅުއްވައި އެ އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރެއްވި އަހްމަދު ލަތީފް ވިދާޅުވީ، އާމިރުގެ މަރުގެ ޚަބަރު ޝައްފާނަށް އާއިލާއިން އެންގީ ޗައިނާގައި ރާއްޖޭގެ ކޮންޓިންޖެންޓްގެ އިސް ބޭފުޅުން މެދުވެރިކޮށެވެ.

"އެކަމަކު ފެމެލީ ވައިބާ ގުރޫޕްތަކުން އޭނާ އަށް އޮތީ އެނގިފަ،" ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ ޖަނާޒާ އަށް ޝައްފާން ގެނެވޭނެތޯ މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަމަކު އޭނާ އަށް މާލެ އާދެވެން އޮތީ މިރޭގަ އެވެ. ލަތީފް ވިދާޅުވި ގޮތުގައި ބައްޕަގެ ޖަނާޒާގެ ކަންކަން ކުރިއަށް ނުގެންގޮސް 24 ގަޑިއިރަށްވުރެ ގިނައިރު މަޑުކުރަން ޖެހޭތީ ޝައްފާނު ވެސް އާއިލާގެ ކިބައިން އެދުނީ ޖަނާޒާގެ ކަންކަން އޭނާ ނެތި ވެސް ކުރިއަށް ގެންދިއުމަށެވެ.

އާމިރު މަރުވީ ސިއްހީ ބައެއް މައްސަލަތަކުގައިގިނަ ދުވަސްތަކެއް ވީފަހުން ކަމަށް ލަތީފް ވިދާޅުވި އެވެ.

"އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ ވަރު ނުވިއަސް ގިނަ ސިއްހީ މައްސަލަތަކެއްގައި ސަފާ ކުރަމުން ދިޔައީ،" އޭނާގެ ކޮއްކޮ އާއިޝަތު ލަތީފްގެ ކުރީގެ ފިރިމީހާއާ ބެހޭގޮތުން އަހްމަދު ލަތީފް ވިދާޅުވި އެވެ.

އާމިރުގެ ޖަނާޒާގެ ކަންތައް ނިންމައި ރޭ ފަތިހު ފަތިސްނަމާދަށް ފަހު ވަނީ ވަޅުލައިފަ އެވެ. މި އުނދަގޫ ވަގުތު ޝައްފާނު ހިތްވަރުކުރާނެކަން އާއިލާއިން ގަބޫލު ކުރެ އެވެ.

"ޝައްފާނަކީ ވަރަށް ސްޓްރޯންގް ކުއްޖެއް،" ލަތީފް ވިދާޅުވި އެވެ.

ބައްޕަގެ މަރުގެ ހިތާމަވެރި ވަގުތު ވެސް ޝައްފާން ވަނީ ހިތްވަރުކޮށް މެޗުތަކަށް ނުކުމެފަ އެވެ.

ޑަބަލްސް ކެޓަގަރީގައި މިއަދު މޫސާ މުންސިފް އަހުމަދާ އެކު އިންޑިއާގެ ވަރުގަދަ ޕެއާ އާ ދެކޮޅަށް ނުކުމެ އެއް ގޭމް ކާމިޔާބު ކުރި އެވެ. އެކަމަކު މެޗު ކާމިޔާބު ކުރެވޭ ގޮތެއް ޝައްފާނާއި މުންސިފްގެ ޕެއާ އަކަށް ނުވި އެވެ.