Roadha Mihaaru
ރަފާ އާއި މުންސިފް ކުރިއަށް، ސްވިމިންގެ 4 ރެކޯޑެއް

ރަފާ އާއި މުންސިފްގެ ޕެއާ ގަދަ 16 އަށް، ސްވިމިން ޓީމަށް އިތުރު ރެކޯޑްތަކެއް

28 ސެޕްޓެމްބަރ 2023

ރާއްޖޭގެ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަހުމަދުގެ ޕެއާ، އޭޝިއަން ގޭމްސްގައި ޓޭބަލް ޓެނިސް މިކްސްޑް ޑަބަލްސް އިވެންޓުގެ ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރާއްޖޭގެ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަހުމަދުގެ ޕެއާ، އޭޝިއަން ގޭމްސްގައި ޓޭބަލް ޓެނިސް މިކްސްޑް ޑަބަލްސް އިވެންޓުގެ ގަދަ 16 އަށް ދަތުރު ކޮށްފި އެވެ.

ޗައިނާގެ ހަންގްޒޫ ސިޓީގައި މިހާރު ކުރިއަށްދާ ގޭމްސްގައި ރަފާ އާއި މުންސިފް ވަނީ އިއްޔެ ކުޅުނު މެޗުގައި 3-2 ސެޓުން ޕާކިސްތާނުގެ މުހައްމަދު ޝާހް ހާން އާއި ހައިގާ ހަސަންގެ ޕެއާ ބަލިކޮށްފަ އެވެ.

ފުރަތަމަ ސެޓު ރަފާ އާއި މުންސިފް ވަނީ 11-5 އިން ކާމިޔާބު ކޮށްފަ އެވެ. ދެވަނަ ސެޓުގައި 11-7 އިން ޕާކިސްތާނު ޕެއާ މޮޅުވި އިރު، ވާދަވެރި ކުޅުމަކަށް ފަހު ތިންވަނަ ސެޓުގައި ޕާކިސްތާނު ޕެއާ ކުރި ހޯދީ 16-14 އިންނެވެ. ނަމަވެސް ރަފާ އާއި މުންސިފް ވަނީ ޖެހިގެން ކުޅުނު ދެ ސެޓު 11-7 އަދި 11-9 އިން ކާމިޔާބު ކޮށްފަ އެވެ.

އިއްޔެ ޓީޓީގެ ފިރިހެން ސިންގަލްސް އިވެންޓުގައި ނޭޕާލްގެ ކުޅުންތެރިއަކު ބަލިކޮށް ރާއްޖޭގެ މުހައްމަދު ޝައްފާން ވަނީ ގަދަ 32 ކުޅުންތެރިން ވާދަކުރާ ބުރުން ފުރުސަތު ހޯދައިފަ އެވެ.

ސްވިމިންގައި ހަތަރު ގައުމީ ރެކޯޑެއް

ރާއްޖޭގެ ފެތުންތެރިން އޭޝިއަން ގޭމްސްގައި އިތުރު ހަތަރު ގައުމީ ރެކޯޑެއް އާކުރި އިރު، މިއީ މިއަހަރުގެ ގޭމްސްގައި ގައުމީ ރެކޯޑް އާކުރި ހަތްވަނަ ފަހަރެވެ.

އަލީ އިމްއާން އާއި މުހައްމަދު ރިހާން ޝިހާމް ވަނީ އިންޑިވިޖުއަލް ރެކޯޑެއް އާކޮށްފަ އެވެ. އަދި ފިރިހެނުންގެ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުން ރާއްޖޭގެ ޓީމު ވަނީ ގައުމީ ރެކޯޑް އާކޮށްފަ އެވެ.

އިމްއާން އާކުރީ ފިރިހެނުންގެ 100 މީޓަރު ބެކްސްޓްރޯކް ރެކޯޑެވެ. މި ރެކޯޑް އާކުރީ އަންގާރަ ދުވަހު އޮތް ފިރިހެނުންގެ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުގައި އެއް މިނިޓް 4.51 ސިކުންތުން ބެކްސްޓްރޯކަށް ފަތައިގެންނެވެ. މިއަހަރުގެ ގޭމްސްގައި އިމްއާން އެންމެ ފުރަތަމަ މި ރެކޯޑް އާކޮށްފައި ވަނީ އެއް މިނިޓް 4.64 ސިކުންތުން ފިރިހެނުންގެ 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ފަތައިގެންނެވެ.

ފިރިހެނުންގެ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުގައި ގައުމީ ރެކޯޑް އާކުރި ޓީމް؛ ރިހާން، މުބާލް، އިމްއާން، ނީގް.-- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

ފިރިހެނުންގެ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުގައި ގައުމީ ރެކޯޑް އާކުރި ޓީމް؛ ރިހާން، މުބާލް، އިމްއާން، ނީގް.-- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

ފިރިހެނުންގެ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުގައި އިމްއާންގެ އިތުރުން ދެން ފެތީ ރިހާން އާއި މުބާލް އައްޒާމް އިބްރާހިމް އަދި އަހުމަދު ނީގް ނިޔާޒް އެވެ. މި ޓީމުގެ އިވެންޓުން ގައުމީ ރެކޯޑް އާކުރީ ހަތަރު މިނިޓް 25.69 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. މީގެ ކުރިން މި ރެކޯޑް އާކުރީ މިއަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހަތަރު މިނިޓް 29.42 ސިކުންތުން ފެތި ޓީމުންނެވެ. އެ ޓީމުގައި ހިމެނުނީ ރިހާން އާއި މުބާލް އަދި އިމްއާނާއި މުހައްމަދު އާން ހުސެއިން އެވެ.

ރިހާން ގައުމީ ރެކޯޑް އާކުރީ ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުންނެވެ. އޭނާ ވަނީ އަންގާރަ ދުވަހު އޮތް އިވެންޓުގައި ފަސް މިނިޓް 14.03 ސިކުންތުން ފަތައިފަ އެވެ. މީގެ ކުރިން މި ރެކޯޑް އޮންނަނީ މިދިޔަ އަހަރުގެ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްގައި ފަސް މިނިޓް 14.91 ސިކުންތުން ފެތި މުބާލް އަތުގަ އެވެ.