Roadha Mihaaru
މުބާލް، 17 އަހަރުވީ ގައުމީ ރެކޯޑެއް މުގުރާލައިފި

އޭޝިއަން ގޭމްސްގައި މުބާލް، 17 އަހަރުވީ ގައުމީ ރެކޯޑެއް މުގުރާލައިފި

26 ސެޕްޓެމްބަރ 2023

ޗައިނާގެ ހަންގްޒޫ ސިޓީގައި މިހާރު ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގައި، 17 އަހަރު ކުރީގެ ގައުމީ ރެކޯޑެއް މުބާލް އައްޒާމް އިބްރާހިމް މުގުރާލައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޗައިނާގެ ހަންގްޒޫ ސިޓީގައި މިހާރު ކުރިއަށްދާ 19 ވަނަ އޭޝިއަން ގޭމްސްގައި، 17 އަހަރު ކުރީގެ ގައުމީ ރެކޯޑެއް މުބާލް އައްޒާމް އިބްރާހިމް މުގުރާލައިފި އެވެ.

މުބާލް މުގުރާލީ އިއްޔެ އޮތް ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ހީޓް އެއް މިނިޓް 14.73 ސިކުންތުން ފުރިހަމަ ކޮށްގެންނެވެ. މި ހީޓުގައި ވާދަކުރި ރާއްޖޭގެ އަހުމަދު ނީގް ނިޔާޒް ރޭސް ނިންމީ އެއް މިނިޓް 21.20 ސިކުންތުންނެވެ.

ކުރިން މި ރެކޯޑް އޮތީ، 2006 ވަނަ އަހަރު ސްރީ ލަންކާގެ ކޮލަމްބޯގައި ބޭއްވި 10 ވަނަ ސައުތު އޭޝިއަން ފެޑެރޭޝަން ގޭމްސްގައި އެއް މިނިޓް 16.33 ސިކުންތުން އިވެންޓް ފުރިހަމަ ކުރި ހަސަން އަޝްރަފް އަތުގަ އެވެ.

މީގެ އިތުރުން މުބާލް ވަނީ ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރު ފްރީސްޓައިލްގެ ގައުމީ ރެކޯޑް އާކޮށްފަ އެވެ. އޭނާ މި ރެކޯޑް އާކުރީ އިއްޔެ އޮތް ފިރިހެނުންގެ 4 ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގައި، ދެ މިނިޓް 8.22 ސިކުންތުން 200 މީޓަރު ފުރިހަމަ ކޮށްގެންނެވެ.

މީގެ ކުރިން މި ރެކޯޑް ހެދީ ވެސް މުބާލް އެވެ. އެއީ 2019 ވަނަ އަހަރު އޮތް 18 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ދެ މިނިޓް 9.06 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ފްރީސްޓައިލް 200 މީޓަރު ރިލޭ އިވެންޓުގައި މުބާލް އާއެކު ރާއްޖޭގެ ޓީމުގައި ދެން ހިމެނުނީ މުހައްމަދު ރިހާން ޝިހާމް އާއި ނީގް އަދި އަލީ އިމްއާން އެވެ. ރާއްޖޭގެ ޓީމުން އިވެންޓް ފުރިހަމަ ކުރީ އަށް މިނިޓް 50.22 ސިކުންތުންނެވެ.

އިއްޔެ އޮތް ސްވިމިންގެ އެހެން އިވެންޓުތަކަށް ބަލައިލާއިރު، ފިރިހެނުންގެ 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި އިމްއާން ވަނީ 29.60 ސިކުންތުން ފަތައިގެން ހީޓްގެ ތިންވަނައިގައި ނިންމައިފަ އެވެ. މި ހީޓްގައި ވާދަކުރި ރިހާން 30.87 ސިކުންތުން ފަތައިގެން ނިންމީ ފަސްވަނައިގަ އެވެ.

އަންހެނުންގެ 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ވާދަކުރި ހަމްނާ އަހުމަދުގެ ޓައިމިން އަކީ 35.62 ސިކުންތެވެ.

ފިރިހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުގައި އިމްއާންގެ ޓައިމިން އަކީ 26.57 ސިކުންތެވެ.

މެރާލް އާއި އިމްއާން ވެސް ރެކޯޑް އާކޮށްފި

އާދިއްތަ ދުވަހު އޮތް އިވެންޓުތަކުން ރާއްޖޭގެ މެރާލް އައިން ލަތީފް އާއި އަލީ އިމްއާން ވަނީ ގައުމީ ރެކޯޑް އާކޮށްފަ އެވެ.

މެރާލް ގައުމީ ރެކޯޑް އާކުރީ އަންހެނުންގެ ލޯންގްކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގައި ތިން މިނިޓް 4.45 ސިކުންތުން ފަތައިގެންނެވެ. މީގެ ކުރިން މެރާލް ރެކޯޑް އާކުރީ މިއަހަރު ޖަޕާނުގެ ފުކުއޯކާގައި އޮތް 20 ވަނަ ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި ތިން މިނިޓް 5.69 ސިކުންތުން ފަތައިގެންނެވެ.

އިމްއާން ރެކޯޑް އާކުރީ ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި އެއް މިނިޓް 4.64 ސިކުންތުން ފަތައިފަ އެވެ. އޭނާ ވަނީ މިއަހަރު ޖަޕާނުގައި އޮތް ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި އެއް މިނިޓް 4.98 ސިކުންތުން ފަތައިފަ އެވެ.

އާދިއްތަ ދުވަހު އޮތް ސްވިމިންގެ އެހެން އިވެންޓުތަކަށް ބަލައިލާއިރު، ފިރިހެނުންގެ 200 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ އެއްވަނަ ހީޓްގައި ނީގް ފަތާފައި ވަނީ ދެ މިނިޓް 36.00 ސިކުންތުންނެވެ. ދެވަނަ ހީޓުގައި ފެތި މުބާލް ރޭސް ފުރިހަމަ ކުރީ ދެ މިނިޓް 27.09 ސިކުންތުންނެވެ.

ފިރިހެނުންގެ 100 މީޓަރު ފްރީސްޓައިލް އިވެންޓުގައި މުބާލް ރޭސް ފުރިހަމަ ކުރީ 58.44 ސިކުންތުންނެވެ.

އަންހެނުންގެ 50 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ހުރަތަމަ ހީޓްގައި ވާދަކުރި އީން އައްބާސް ޝަރީފްގެ ޓައިމިން އަކީ 43.83 ސިކުންތެވެ. މި އިވެންޓްގެ ހަތަރުވަނަ ހީޓްގައި ވާދަކުރި ހަމްނާ އަހުމަދުގެ ޓައިމިން އަކީ 41.24 ސިކުންތެވެ.

އަންހެނުންގެ 4 ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގައި ވާދަކުރި ރާއްޖޭގެ ޓީމުގެ ޓައިމިން އަކީ ހަތަރު މިނިޓް 48.47 ސިކުންތެވެ. މި ޓީމުގައި ހިމެނުނީ މެރާލް އާއި އީން އަދި ހަމްނާ އާއި ހަނާން ހުސެއިން ހަލީމް އެވެ.