Roadha Mihaaru
ޝައްފާން، އޭޝިއަން ގޭމްސްގައި ގަދަ 32 އަށް

ޝައްފާން، އޭޝިއަން ގޭމްސްގައި ގަދަ 32 އަށް

27 ސެޕްޓެމްބަރ 2023

ޗައިނާގެ ހަންގްޒޫ ސިޓީގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ) ކުޅުންތެރިޔާ މުހައްމަދު ޝައްފާން، ފިރިހެން ސިންގަލްސް އިވެންޓުގެ ގަދަ 32 ކުޅުންތެރިން ވާދަކުރާ ބުރަށް ދަތުރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޗައިނާގެ ހަންގްޒޫ ސިޓީގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ޓޭބަލް ޓެނިސް (ޓީޓީ) ކުޅުންތެރިޔާ މުހައްމަދު ޝައްފާން، ފިރިހެން ސިންގަލްސް އިވެންޓުގެ ގަދަ 32 ކުޅުންތެރިން ވާދަކުރާ ބުރަށް ދަތުރު ކޮށްފި އެވެ.

ޝައްފާން ގަދަ 32 އިން ޖާގަ ހޯދީ މިއަދު އޮތް ފިރިހެން ސިންގަލްސް އިވެންޓުގައި ނޭޕާލްގެ މަހަރުޖާން ރުބިންއާ ވާދަކޮށް 4-1 ސެޓުން ކުރި ހޯދައިގެންނެވެ.

މެޗުގެ ފުރަތަމަ ސެޓް 11-6 އިން ޝައްފާން ގެންގޮސްފައި ވަނިކޮށް މަހަރުޖާން ވަނީ 11-3 އިން ދެވަނަ ސެޓް ގެންގޮސްފަ އެވެ. ނަމަވެސް ޝައްފާން ވަނީ 11-8، 11-6، 11-8 އިން ޖެހިގެން އައި ތިން ސެޓް ގެންގޮސް މެޗު ކާމިޔާބު ކޮށްފަ އެވެ.

މިއީ މި އަހަރުގެ ގޭމްސްގައި ޓީޓީ އިން ރާއްޖެ މޮޅުވި ފުރަތަމަ މެޗެވެ. މީގެ ކުރިން އަންހެން ޓީމުގެ ދެ މެޗާއި ފިރިހެން ޓީމުގެ ދެ މެޗުގެ އިތުރުން، މިކްސްޑް ޑަބަލްސް އިވެންޓުގައި ކުޅުނު މެޗުން ވެސް ރާއްޖެއަށް މޮޅެއް ނުވެވުނެވެ. ހޯމަ ދުވަހު އޮތް މިކްސްޑް ޑަބަލްސް އިވެންޓުގައި ޝައްފާން އާއި ލައިސާ ފަތުހުﷲގެ ޕެއާ ބަލިވީ އުތުރު ކޮރެއާގެ ޕެއާ އާ ވާދަކޮށް 1-11، 2-11، 7-11 އިންނެވެ.

މިއަދު އޮތް ފިރިހެން ސިންގަލްސް އިވެންޓުގައި މޫސާ މުންސިފް އަހުމަދު ވެސް ކުޅުނެވެ. ބަހްރޭންގެ އަލިއަސީ އާމްޖް އާ ވާދަކޮށް މުންސިފް ވަނީ 4-1 ސެޓުން ބަލިވެފަ އެވެ ފުރަތަމަ ސެޓް 11-6 އިން ބަހްރޭން ކުޅުންތެރިޔާ ގެންގޮސްފައި ވަނިކޮށް މުންސިފް ވަނީ 11-4 އިން ދެވަނަ ސެޓް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް ދެން ކުޅުނު ތިން ސެޓް މުންސިފަށް ގެއްލުނީ 13-15، 11-13، 7-11 އިންނެވެ.

އަންހެން ސިންގަލްސްގައި މިއަދު އައިޝަތު ރަފާ ނާޒިމް ވެސް ވަނީ ކުޅެފަ އެވެ. މަކާއޮ ގެ ޗިއޮންގް ޗީ ހުން އާ ދެކޮޅަށް ކުޅުނު މެޗުން ރަފާ ބަލިވީ 4-1 ސެޓުންނެވެ. މަކާއު ކުޅުންތެރިޔާ 11-5 އިން ފުރަތަމަ ސެޓް ގެންގޮސްފައި ވަނިކޮށް ރަފާ ވެސް ވަނީ ދެވަނަ ސެޓް ގެންގޮސްފަ އެވެ. ރަފާގެ ސެޓް ގެންދިޔައީ 11-8 އިންނެވެ. ނަމަވެސް ދެން ކުޅުނު ތިން ސެޓް އޭނާއަށް ގެއްލުނީ 9-11، 4-11، 9-11 އިންނެވެ.

މިކްސްޑް ޑަބަލްސް އިވެންޓުގައި މުންސިފާއި ރަފާގެ ޕެއާ ބައްދަލުކުރާ މެޗު މިއަދު އެބަ އޮތެވެ. ރާއްޖޭގެ ޕެއާ ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ.