Roadha Mihaaru
"ގައުމީ ކާޑު ނެގީ ދައްކާނެ ވާހަކައެއް ނެތިގެން"

ގައުމީ ކާޑު ނެގީ ސަރުކާރާ ދެކޮޅަށް ދައްކާނެ ވާހަކައެއް ނެތިގެން: އަލީ ޒާހިރު

25 ސެޕްޓެމްބަރ 2023

މި އިންތިހާބަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން "ނެޝަނަލް ކާޑު" ނެގީ ސަރުކާރުން ރައްޔިތުންނަށް ތަންފީޒުކުރާ ސިޔާސަތުތަކާ ހެދި ދައްކާނެ އިތުރު އެއްވެސް ވާހަކައެއް ނެތިގެން ކަމަށް ރައީސް އޮފީހުުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މި އިންތިހާބަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީން "ނެޝަނަލް ކާޑު" ނެގީ ސަރުކާރުން ރައްޔިތުންނަށް ތަންފީޒުކުރާ ސިޔާސަތުތަކާ ހެދި ދައްކާނެ އިތުރު އެއްވެސް ވާހަކައެއް ނެތިގެން ކަމަށް ރައީސް އޮފީހުުގެ ޗީފް އޮފް ސްޓާފް، އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރަށް އަމާޒުކުރާ އިދިކޮޅުގެ އެންމެ ބޮޑު ތުހުމަތަކީ އިންޑިއާ ސިފައިން މި ގައުމުގައި ތިބުމެވެ. މިކަން ދޮގުކޮށް، ސަރުކާރުން ބުނަމުން އަންނަނީ އަސްކަރީ ބޭނުމެއްގައި ސިފައިންގެ އެއްވެސް މީހަކު މި ގައުމުގައި ނުހުންނާނެ ކަމަށެވެ.

އެންމެ ބޮޑަށް ތުހުމަތުކުރާ، އުތުރު ތިލަފަޅުން ގޯތި ދޭން ނިންމައި ބޯހިޔާވަހިކަމުގެ ސްކީމެއް ވެސް އޮތީ ހުޅުވާލައިފަ އެވެ.

މި ގައުމުގެ ބިން ބޭރުގެ ފަރާތްތަކަށް ވިއްކާލައި މިލްކުކުރެވޭ ގޮތް ހަދަން ގާނޫނުއަސާސީއަށް ބަދަލު ގެނައީ އިދިކޮޅު ޕީޕީއެމުން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުު ދެއްކެވި ވާހަކަ ހިއްސާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އަލީ ޒާހިރު ވިދާޅުވީ މި ގައުމުން އެންމެ އިންޗިއެއް ވެސް މި ސަރުކާރުގައި އެހެން ބަޔަކަށް ދޫކޮށްނުލާނެ ކަމަށެވެ. ގައުމަށް ގައްދާރުވި ބަޔަކު ތުހުމަތު އަޅުވައި ޔޯލަ ވާހަކަ ދައްކަމުން ދަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް ވިދާޅުވި އެވެ.

އޭނާ އެދިވަޑައިގަތީ އެ ވާހަކަތަކަށް ރައްޔިތުން ނުހެއްލުމަށެވެ.

"އަޅުގަނޑުމެން ގައިގައި ލޭ ހިނގާ ހިނދަކު މި ގައުމުގެ ފަސްގަނޑުން ވިޔަސް ކަނޑުންވިޔަސް އެންމެ އިންޗިއެއް ވެސް ދޫކޮށްނުލާނަން. ގައުމަށް ގައްދާރުވި ބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި ފެތުރި ޔޯލަ ވާހަކަތަކަށް ރައްޔިތުން ނުހެއްލުން އެދެން،" އޭނާ ވިދާޅުވި އެވެ.