Roadha Mihaaru
ހެޔޮވެރިކަމެއް ކޮށްދެވުމުގެ އިހުސާސްކުރެވޭ: ރައީސް

ހެޔޮ ވެރިކަމެއް ކޮށްދެވުމުގެ އިހުސާސްކުރެވޭ, ޖަވާބުދާރީ ނުވެވޭ އެއްވެސް ކަމެއް ނުކުރަން: ރައީސް

02 އޮކްޓޯބަރ 2023

ހެޔޮ ވެރިކަމެއް ކޮށްދެއްވުނު ކަމުގެ އިހުސާސް ކުރެއްވޭ ކަމަށާއި މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޖަވާބުދާރީ ނުވެވޭ ވަރުގެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހެޔޮ ވެރިކަމެއް ކޮށްދެއްވުނު ކަމުގެ އިހުސާސް ކުރެއްވޭ ކަމަށާއި މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޖަވާބުދާރީ ނުވެވޭ ވަރުގެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ނާކާމިޔާބީގެ ފަހުން ފުރަތަމަ ފަހަރަށް ރައީސް އޮފީހުގައި ނޫސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތީ 25 އަހަރުގެ ސިޔާސީ ތަޖުރިބާއާ އެކީގައި ކަމަށެވެ. ނަމަވެސް، މިދިޔަ ފަސް އަހަރުގެ ކޮންމެ ދުވަހަކު ވެސް އާ ތަޖުރިބާތަކެއް ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.

އޭގެ ތެރެއިން އެއް ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ، ހިޔާލު ތަފާތުވުންތައް ބޮޑު ކޯލިޝަނަކާ އެކު ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރައްވަން ޖެހިވަޑައިގަތުމެވެ. ރައީސް ވިދާޅުވި ގޮތުގައި، އެއީ އެމަނިކުފާނަށް ކުރައްވަން ޖެހުނު ވަރަށް ބުރަ މަސައްކަތެކެވެ. ގިނަ ބަޔަކު އެކުލެވޭ ސަރުކާރެއް ހިންގުމަކީ އެމަނިކުފާނުގެ ގަބޫލުކުރެއްވުމެއް ކަމަށް ވާތީ އެގޮތުގައި ކުރިއަށް ވަޑައިގަތީ އެވެ.

ރިޔާސީ އިންތިހާބަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނަށް ކޮށްދެވުނު ހެޔޮ މަސައްކަތްތަކާއި ތަރައްގީގެ މަޝްރޫއުތަކަކީ ގިނަ ބަޔަކު ބައިވެރިވެގެން ސަރުކާރު ހިންގަން މަސައްކަތް ކުރެއްވުމުގެ ރަނގަޅު ނަތީޖާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އަޅުގަނޑަށް ފާހަގަކުރެވޭ އެއް ކަމަކީ ހެޔޮ ވެރިކަމެއް އަޅުގަނޑަށް ކުރެވުނު ކަން. ރާއްޖޭގެ ސުލްހަޔާއި ހަމަޖެހުން ގާއިމްކޮށްދެވުނު ކަން: ރައީސް

"އަޅުގަނޑުގެ ފަސް އަހަރުގެ ކާމިޔާބީގެ ލިސްޓު އަދި އަވަސް ކަންނޭނގެ ތަރުތީބުކޮށްލަން. އެކަން ޖަޖުކުރައްވާނީ ރައްޔިތުން،" ރައީސް ވިދާޅުވި އެވެ.

"އެކަމަކު، އަޅުގަނޑަށް ފާހަގަކުރެވޭ އެއް ކަމަކީ ހެޔޮ ވެރިކަމެއް އަޅުގަނޑަށް ކުރެވުނު ކަން. ރާއްޖޭގެ ސުލްހަޔާއި ހަމަޖެހުން ގާއިމްކޮށްދެވުނު ކަން."

ތައުލީމު ބޭނުންވެފައި ތިބި ދަރިވަރުންނަށް ހިލޭ ޑިގްރީއަށް ކިޔެވޭ ފުރުސަތާއި ރާއްޖޭގެ ރަށްރަށަށް ބޭނުންވެފައިވާ އެންމެ އަސާސީ ހިދުމަތްތައް ގާއިމްކޮށްދެއްވައި އަދި ކޮވިޑް-19ގެ ބޮޑު ވަބާއިން އަރައިގަތުމަށް ކުރެއްވި މަސައްކަތް ކަހަލަ އެތައް ކަމަކީ އެމަނިކުފާނުގެ ވެރިކަމުގެ ކާމިޔާބީތައް ކަމަށް ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިން ކުރި އެހެން ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ޖަވާބުދާރީ ނުވެވޭ ވަރުގެ ކަމެއް ވެސް ކުރައްވާފައި ނޯންނާނެ ކަމުގެ ޔަގީން ކަން ވެސް ދެއްވައިފަ އެވެ.

"އަޅުގަނޑު މި ހުރީ ތައްޔާރަށް އެއިން ކޮންމެ ކަމަކަށް ޖަވާބުދާރީ ވާން. އަޅުގަނޑާ ދޭތެރޭގައި މައްސަލައެއް ޖެއްސޭވަރުގެ ކަމެއް ނޯންނާނެ، ވަރަށް ސާފުކޮށް މި ދެންނެވީ. އެހެންވީމަ، އަޅުގަނޑަށް ކުރިމަތިލެވޭނެ އެއިން ކޮންމެ ކަމަކާ. އެއްވެސް ކަހަލަ ކަންބޮޑުވުމެއް އަޅުގަނޑުގެ ނެތް. އަޅުގަނޑު ޖަވާބުދާރީ ނުވާ ވަރުގެ ކަމެއް ކޮށްފައެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ހެޔޮވެރިކަމެއް ކޮށްދެވުނު ކަމުގެ އުފާވެރި އިހްސާސްކުރެއްވޭ ކަމަށެވެ. އެ ވާހަކަ ރައްޔިތުން އަދި ފަހުން ދައްކާނެ ތަން ވެސް އެމަނިކުފާނަށް ފެނިވަޑައިގަންނަވަ އެވެ. އެކަމަކު، ރައްޔިތުން އިންތިހާބުގައި ގޮތް ނިންމެވުން އެކަން ގަބޫލުކުރައްވާ ކަަމަށާއި އެ ނިންމުމާ އެއްގޮތަށް ވެރިކަން ބަދަލުކުރުމުގެ ކަންކަން ސަރުކާރުން ފައްޓާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ ރާއްޖެއަށް ޒިންމާދާރު، ވަރުގަދަ އިދިކޮޅު ޕާޓީއެއް މުހިންމު ކަމަށާއި ޑިމޮކްރަސީ ކުރިއެރުވުމުގައި ކުރަން ޖެހޭ އެ މަސައްކަތުގައި އެމްޑީޕީއާ އެކު އެމަނިކުފާނު ދެން ވެސް ދެމިހުންނަވާނެ ކަމަށެވެ.