Roadha Mihaaru
ރައްޔިތުން ގާތު ނާހާ ނިޒާމުގެ ބަދަލެއް ނުގެންނާނެ

ނިޒާމާ ބެހޭ ބަދަލެއް ރައްޔިތުން ގާތު ނާހާ ތަސްދީގެއް ނުކުރާނަން: ރައީސް

02 އޮކްޓޯބަރ 2023

ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ގާނޫނުއަސާސީ އަށް ގެންނަ އެއްވެސް ބަދަލެއް އެމަނިކުފާނު ތަސްދީގު ކުރައްވާނީ ރައްޔިތުންގެ ވޯޓަކަށް ފަހު ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ގާނޫނުއަސާސީ އަށް ގެންނަ އެއްވެސް ބަދަލެއް އެމަނިކުފާނު ތަސްދީގު ކުރައްވާނީ ރައްޔިތުންގެ ވޯޓަކަށް ފަހު ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ބަލިވެވަޑައިގަތް ފަހުން ފުރަތަމަ ފަހަރަށް ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ވެރިކަމުގެ ނިޒާމާ ބެހޭ ގާނޫނަށް މިހާރު ހުށަހަޅައިގެން އުޅޭ އިސްލާހު މަޖިލީހުން ފާސްކުރެވޭނީ 75 ޕަސެންޓް ވޯޓު ލިބިގެން ކަމަށެވެ. އަދި ވިދާޅުވީ، މަޖިލީހުން ނިންމައިގެން އަޔަސް، އެ އިސްލާހެއް ތަސްދީގު ކުރައްވަން ރައްޔިތުންގެ އާން ބަސް ބޭނުންވާނެ ކަމަށެވެ.

"[ތަސްދީގުކުރަން] އަޅުގަނޑަށް ފޮނުވީމާ އެ ތަސްދީގު ކުރެވޭނީ ރައްޔިތުންގެ ބަހެއް ހޯދައިގެން. ގާނޫނުއަސާސީގެ އެފަދަ މާއްދާއަކަށް ބަދަލު ގެނަންޏާ އެއީ ގާނޫނުއަސާސީގައި އެކަން ކުރަން އޮތްގޮތް. އެހެންވީމަ އެ ޕްރޮސެސް އައީމަ އަޅުގަނޑު ދާނަން ރައްޔިތުން ކައިރިއަށް،" ރައީސް ވިދާޅުވި އެވެ.

"ރައްޔިތުން [އެ ބަދަލު ގެންނަން] ގަބޫލުނުކޮށްފިއްޔާ އަޅުގަނޑަކަށް ތަސްދީގެއް ނުކުރެވޭނެ."

ރައީސް ވިދާޅުވި ގޮތުގައި، މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ދެން އަންނަ ފަސް އަހަރަށް ރައްޔިތުން ވެރިއަކު އިންތިހާބުކޮށްފި އެވެ. ރައްޔިތުންގެ އެ ބޮޑު ނިންމުން ބޮލާލައިޖަހައި، ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ކަމެއް ނޫނެވެ.

ގާނޫނުއަސާސީ މިހާރު އޮންނަ ގޮތުން ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހުން ފާސްކުރުމަށް ފަހު، އެ ބިލު ރައީސް ތަސްދީގުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު އެވެ.

ނިޒާމު ބަދަލުކުރުމުގެ މަސައްކަތަށް ބޭނުންވާ ކަންކަން މަޖިލީހުން ނިންމަން މަސައްކަތް ކުރަމުންދާއިރު، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް އިސްލާހެއް ވެސް ވަނީ ހުށަހަޅައިފަ އެވެ. މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުއްވީ ބިލު ފާސްކުރުމުގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގާފައިވާ ނަމަ، އިތުރު ވޯޓަކަށް ދާން ނުޖެހޭ ގޮތަށް ހެދުމަށެވެ.

މަޖިލީހުން ކުރިން އޮތީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓަކަށް ދާން ގަރާރެއް ފާސްކޮށްފަ އެވެ. ނަމަވެސް އޭރު އެގޮތަށް ފާސްކުރީ ރައްޔިތުންގެ ހިޔާލު ހޯދުމަށް މަޖިލީހަށް ލިބޭ ބާރުގެ ތެރެއިންނެވެ.