Roadha Mihaaru
ގާނޫނީހުރަހެއް ނެތްނަމަ، ނޮވެމްބަރު 11ގައި ހުވާކުރާނެ

ރައީސް ބޭނުންފުޅުވަނީ ގާނޫނީ ހުރަހެއް ނެތް ނަމަ ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސް ހުވާކުރައްވަން

02 އޮކްޓޯބަރ 2023

ގާނޫނީ އެއްވެސް ހުރަހެއް ނެތް ނަމަ އަންނަ ނޮވެމްބަރު 11 ވަނަ ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވަން ބޭނުންފުޅުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގާނޫނީ އެއްވެސް ހުރަހެއް ނެތް ނަމަ އަންނަ ނޮވެމްބަރު 11 ވަނަ ދުވަހު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރައްވަން ބޭނުންފުޅުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުން ލިބުނު ބޮޑު ނާކާމިޔާބީގެ ފަހުން ފުރަތަމަ ފަހަރަށް ރައީސް އޮފީހުގައި ނޫސްވެރިންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ނޮވެމްބަރު 11 އަކީ ތާރީހުގައި ރާއްޖޭގެ ވެރިކަންތައް ބަދަލުވަމުން އައިސްފައިވާ ދުވަސް ކަމަށެވެ. އެކަން އަނެއްކާ ވެސް އިޔާދަކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.

"އޭގެ މަސައްކަތް އަޅުގަނޑު ކުރަމުން އެބަ ގެންދަން. ގާނޫނީ ގޮތުން އެ އަށް ހުރަހެއް ނެތް ކަމަށް ވަންޏާ ނޮވެމްބަރު 11 ގައި އެކަން ބަދަލުވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސަށް ހުވާކުރެއްވޭނެ ހަމައެކަނި ގޮތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވުން ކަމަށް ވަންޏާ އެކަން ކުރައްވާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ރައީސް ވިދާޅުވީ އެ މަނިކުފާނު އަދި ނައިބު ރައީސް ފައިސަލް ނަސީމް އިސްތިއުފާ ދެއްވިޔަސް ވެރިކަމުގެ ބާރު ދެން ދާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ކަމަށެވެ. އެހެންވެ، އެއީ ހައްލެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"ގާނޫނީ ގޮތުން އަޅުގަނޑުމެން މި ބަލަނީ. މިސާލަކަށް އަޅުގަނޑު އަދި އިސްތިއުފާ ދިނަސް، ނައިބު ރައީސް އިސްތިއުފާ ދިނަސް އަދި އެބައޮވޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް [ވެރިކަން] އެ ދަނީ،" ރައީސް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ބައެެއް ނޫސްވެރިން.-- ފޮޓޯ: ރައީސް އޮފީސް

ރިޔާސީ އިންތިހާބަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ބައެެއް ނޫސްވެރިން.-- ފޮޓޯ: ރައީސް އޮފީސް

ޖުމްހޫރީ ދުވަސް ފާހަގަކުރާ ނޮވެމްބަރު 11 ގައި ރިޔާސީ ދައުރު ފެށޭ ގޮތަށް ކުރިން އޮތުމަށް ފަހު 2013 ގެ ރިޔާސީ ދައުރު ފެށުން ލަސްވުމުން އައި ފަރަގު ނައްތާލަން ގާނޫނީ ހައްލެއް ހޯއްދަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ ފުރަތަމަ ވިދާޅުވީ ނޮވެމްބަރު 11، 2020 ގައި ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވެރިކަމުގެ ދައުރު ނޮވެމްބަރު 17 އިން ފެށިގެން ގުނުމުން ރައީސްގެ ވެރިކަމުގެ ދައުރުން ގެއްލޭ ހަ ދުވަސް ހިފަހައްޓަވައިގެން ނުހުންނަވާނެ ކަމަށް އެ މަނިކުފާނު ހުވާކުރެއްވުމުގެ ކުރިން ވެސް ވިދާޅުވެފައިވެ އެވެ.

ނޮވެމްބަރު 11 ވަނަ ދުވަސް ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ 1968 ގައި ފެށި ޖުމްހޫރީ ދެވަނަ ވެރިކަމާ ގުޅުވައިގެންނެވެ. ކޮންމެ ފަސް އަހަރަކުން މި ދުވަހަކީ ރާއްޖޭގެ ޖުމްހޫރިއްޔަތަށް އަހަރު ފުރޭ ދުވަހުގެ އިތުރުން އެ އިރަކު އޮންނަ ވެރިކަމަށް ވެސް އަހަރެއް ފުރޭ ދުވަހެވެ.

އެކަމަކު، 2013 ގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލުކުރުމުން އައި ލަސްވުމާ ހެދި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ފެށުނީ ނޮވެމްބަރު 17 ވަނަ ދުވަހު އެވެ. އެކަމަކު އެއީ ސުޕްރީމް ކޯޓުގެ ނިންމުމެއްގެ މަތިންނެވެ.

ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކުރުމުން، އަނެއްކާވެސް އާ ބުރެއް އޭރު ބޭއްވި އެވެ. އެ ބުރުން ނަތީޖާއެއް ނުނިކުތުމުން، ދެ ވަނަ ބުރެއް ބާއްވަން ޖެހުނީ ނޮވެމްބަރު 16 ގަ އެވެ. ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ފަސް އަހަރުގެ ރިޔާސީ ދައުރު ނޮވެމްބަރު 11 އަށް ހަމަވިޔަސް، ޚާއްސަ ހާލަތެއް ދިމާވުމުން އެ ފަހަރު ސުޕްރީމް ކޯޓުން ނިންމީ އޭރުގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަން، އިންތިހާބު ބާއްވައި، އާ ރައީސަކު ހުވާކުރަންދެން ދެމިގެންދާނެ ކަމަށެވެ. ޔާމީން ވެރިކަމާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 17، 2013 ގަ އެވެ.

މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ނޮވެމްބަރު 17، 2018 ގައި ކުރެއްވީ ވެސް އެ ބަހުސްގެ ތެރެއިން ހައްލެއް ނެރެގެންނެވެ. އެ މަނިކުފާނު ހުވާކުރައްވާނީ އެ އަހަރުގެ ނޮވެމްބަރު 17 ގައި ކަމަށް ކަނޑައެޅީ ރައްޔިތުންގެ މަޖިލިހުން ފާސްކޮށްގެންނެވެ.