Roadha Mihaaru
ދިއްދޫ ފަރަށް އެރުމުން 100 މިލިއަންގެ ޖޫރިމަނާއެއް

ދިއްދޫ ފަރަށް އެރި ދެ އުޅަނދު 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

19 ސެޕްޓެމްބަރ 2023

ހއ. ދިއްދޫ ފަރަށް އެރި، އިންޑިއާގެ އެމްއެމް އެކްސްޕޯޓްގެ ޓަގަކާއި ބާޖުގެ ވެރި ފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހއ. ދިއްދޫ ފަރަށް އެރި، އިންޑިއާގެ އެމްއެމް އެކްސްޕޯޓްގެ ޓަގަކާއި ބާޖުގެ ވެރި ފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

ދިއްދު އަށް ބޮޑުހިލަ ހިފައިގެން ދިޔަ އެމްއެމް އެކްސްޕޯޓުގެ ޓަގު ބޯޓް، "މުތާ ޕްރިންސަސް" އާއި ބާޖު ދިއްދޫ ފަރަށް އެރީ މޭ މަހުގެ އެއް ވަނަ ދުވަހު އެވެ. ބޮޑުހިލަ ބަރުކޮށްފައިވާ ބާޖު ފަސޭހަކަމާ އެކު ފުން ކުރެވުނަސް، ޓަގު ބޯޓު ފުން ކުރީ ފަރަށް އެރިތާ ހަތަރު ދުވަސް ފަހު މާލެއިން އިތުރު ޓަގެއް ގޮސްގެންނެވެ.

ދިއްދު އަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޓީމެއް ގޮސް އެ ފަރަށް ލިބުނު ގެއްލުންތައް ބެލި އެވެ.

އީޕީއޭން ބުނީ އެ ޓީމުން ކުރި ސާވޭއިން އެނގުނު ގޮތުގައި ފަރުގެ 4،038 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެ ބާޖު ފަރަށް އެރުމާއި ގުޅިގެން އެ ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކަށް، ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން، 100,000,000ރ. އިން އެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާކޮށްފައިވާ ކަމަށް އީޕީއޭން ބުންޏެވެ.

އެއީ އެ ގަވާއިދުގެ ދަށުން ކަނޑައެޅޭ އެންމެ ބޮޑު ޖޫރިމަނާ އެވެ.

ޖޫރިމަނާ އަށް ވާ ފައިސާ 30 ދުވަހުގެ ތެރޭގައި އެ އެޖެންސީ އަށް ދެއްކުމަށް އެ އުޅަނދުތަކުގެ ރާއްޖޭގެ އޭޖެންޓު، އެޗްއާރްއެސް އިންފްރާޓެކް ޕްރައިވެޓް ލިމިޓެޑަށް މިއަދު އަންގާފައިވާ ކަމަށް ވެސް ބުންޏެވެ.

ދިއްދޫ ފަރަށް އެރި ޓަގު ބޯޓު.

ދިއްދޫ ފަރަށް އެރި ޓަގު ބޯޓު.

އީޕީއޭ އިން ބުނީ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅި ޖުމްލަ ޖޫރިމަނާ އާއި ބަދަލުގެ އަދަދަކީ 101,743,400ރ. ކަމަށެވެ. ނަމަވެސް، ގަވާއިދުގައި އޮންނަ ގޮތުން ޖޫރިމަނާގެ ގޮތުގައި ކަނޑައެޅޭ އެންމެ ބޮޑު އަދަދަކީ 100 މިލިއަން ރުފިޔާ ކަމަށް ވާތީ ދައްކަން ޖެހޭނީ އެ އަދަދެވެ.

އެ ބާޖު ފަރަށް އަރައިގެން ފަރަށް ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އޭޖީ އޮފީހާ އެކު ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.

ޓަގުތަކާއި ބޯޓުފަހަރު ފަރަށް އެރުމުގެ ތާރީހެއް އޮތް އެމްއެމް އެކްސްޕޯޓްގެ "މުތާ ރޯޔަލް" ނަމަކަށް ކިޔާ ޓަގު ބޯޓާއި "މުތާ ގްރޭސް" ކިޔާ ބާޖެއް ކ. ފުށިދިއްގަރު ފަރަށް 2015 ގައި ވެސް އެރި އެވެ. މައްސަލައިގައި ދައުލަތުން އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރަން ކޯޓަށް ފޮނުވައިފަ އެވެ. އެމްއެމް އެކްސްޕޯޓް ޓަގު ފުށިދިއްގަރު ފަރަށް އެރި ހާދިސާއާ ގުޅިގެން އެ ފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވި އެވެ.

އެ ކުންފުނީގެ ޓަގު ބޯޓަކާއި ބާޖެއް 2014 ވަނަ އަހަރު ތިލަފުށީ ފަރަށް ވެސް އެރި އެވެ. އެ މައްސަލަ ބެލުމަށްފަހު އެ ބޯޓު 22 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި ނަމަވެސް ފަހުން އެ ކުންފުނީގެ އެދުމުގެ މަތިން ޖޫރިމަނާ 2.8 މިލިއަން ރުފިޔާ އަށް ކުޑަކޮށްދިނެވެ.