Roadha Mihaaru
ދިއްދޫ ފަރަށް ލިބުނު ގެއްލުމުގެ އެސެސްމެންޓް ނިންމައިފި

ހއ. ދިއްދޫ ފަރަށް ލިބުނު ގެއްލުމުގެ އެސެސްމެންޓް ނިންމައިފި

23 މެއި 2023

އިންޑިއާގެ އެމްއެމް އެކްސްޕޯޓްގެ ޓަގަކާއި ބާޖެއް ހއ. ދިއްދޫ ފަރަށް އެރުމުން ލިބުނު ގެއްލުން ބަލައި އެސެސްމެންޓް ނިމިފައިވާ ކަމަށް އީޕީއޭއިން މިއަދު ބުނެފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އިންޑިއާގެ އެމްއެމް އެކްސްޕޯޓްގެ ޓަގަކާއި ބާޖެއް ހއ. ދިއްދޫ ފަރަށް އެރުމުން ލިބުނު ގެއްލުން ބަލައި އެސެސްމެންޓް ނިމިފައިވާ ކަމަށް އީޕީއޭއިން މިއަދު ބުނެފި އެވެ.

ދިއްދު އަށް ބޮޑުހިލަ ހިފައިގެން ދިޔަ އެމްއެމް އެކްސްޕޯޓުގެ ޓަގު ބޯޓް، "މުތާ ޕްރިންސަސް" އާއި ބާޖު ދިއްދޫ ފަރަށް އެރީ މި މަހުގެ އެއް ވަނަ ދުވަހު އެވެ. ބޮޑުހިލަ ބަރުކޮށްފައިވާ ބާޖު ދަތިކަމެއް ނެތި ފުން ކުރެވުނަސް، ޓަގު ބޯޓު ފުން ކުރީ ފަރަށް އެރިތާ ހަތަރު ދުވަސް ފަހު މާލެއިން އިތުރު ޓަގެއް ގޮސްގެންނެވެ.

ދިއްދު އަށް އީޕީއޭގެ ޓީމެއް ގޮސް އެ ފަރަށް ލިބުނު ގެއްލުންތައް ބެލި އެވެ. އެ އެޖެންސީގެ ޑިރެކްޓަރު ޖެނަރަލް އިބްރާހިމް ނައީމު ވިދާޅުވީ އެސްސްމެންޓް ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ރިޕޯޓް އެކުލަވާލުމުގެ މަސައްކަތް ކަމަށެވެ.

"މޫދަށް ފައިބައިގެންނާ އަދި ޑްރޯން ބޭނުންކޮށްގެން އަޅުގަނޑުމެންގެ ޓީމުން ވަނީ ލިބުނު ގެއްލުންތައް ބަލާފައި،" ނައީމު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފަރުގެ ގެއްލުން ލިބިފައި ވަނީ ކިހާ ސަރަހައްދަކުން އެ ރިޕޯޓުން އެނގޭނެ ކަމަށެވެ. އެއަށް ފަހު އެކަމާ ބެހޭގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އީޕީއޭއިން ބުންޏެވެ.

ދިއްދޫގެ ފަރަށް އެރި ޓަގް ބޯޓް:

ދިއްދޫގެ ފަރަށް އެރި ޓަގް ބޯޓް:

ޓަގުތަކާއި ބޯޓުފަހަރު ފަރަށް އެރުމުގެ ތާރީހެއް އޮތް އެމްއެމް އެކްސްޕޯޓްގެ "މުތާ ރޯޔަލް" ނަމަކަށް ކިޔާ ޓަގު ބޯޓާއި "މުތާ ގްރޭސް" ކިޔާ ބާޖެއް ކ. ފުށިދިއްގަރު ފަރަށް 2015 ގައި ވެސް އެރި އެވެ. މައްސަލައިގައި ދައުލަތުން އެ ކުންފުންޏާ ދެކޮޅަށް ދައުވާ ކުރަން ކޯޓަށް ފޮނުވައިފަ އެވެ.

އެމްއެމް އެކްސްޕޯޓް ޓަގު ފުށިދިއްގަރު ފަރަށް އެރި ހާދިސާއާ ގުޅިގެން އެ ފަރުގެ 4،370 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުންވި އެވެ.

އެ ކުންފުނީގެ ޓަގު ބޯޓަކާއި ބާޖެއް 2014 ވަނަ އަހަރު ތިލަފުށީ ފަރަށް ވެސް އެރި އެވެ. އެ މައްސަލަ ބެލުމަށްފަހު އެ ބޯޓު 22 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި ނަމަވެސް ފަހުން އެ ކުންފުނީގެ އެދުމުގެ މަތިން ޖޫރިމަނާ 2.8 މިލިއަން ރުފިޔާ އަށް ކުޑަކޮށްދިނެވެ.

މާލެ-ވިލިމާލެ ބްރިޖުގެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޯންސްއިން އެ މަސައްކަތުގައި ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އެރި މައްސަލާގައި ލިބުނު ގެއްލުންތަކާ ގުޅިގެން އެ ކުންފުނި 69 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރި ނަމަވެސް އެ ފައިސާ ނުދައްކައި އެފްކޮންސް އިން ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓަރު އާމިނަތު ޝައުނާގެ އަރިހަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިސްތިއުނާފުކޮށްފަ އެވެ.

އެކަމަކު މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރިމަތި ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޝައުނާ ވިދާޅުވީ އެފްކޯންސްގެ ޖޫރިމަނާ މާފު ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށެވެ.