Roadha Mihaaru
ރިޔާސީ ބަހުސްގައި ރައީސް ބައިވެރިވަޑައިގަންނަވާނެ

ޕީއެސްއެމްގެ ރިޔާސީ ބަހުސްގައި ރައީސް ބައިވެރިވަޑައިގަންނަވާނެ

27 އޯގަސްޓް 2023

ރިޔާސީ ކެންޑިޑޭޓުންނަށް ހާއްސަ ކޮށްގެން ޕީއެސްއެމް އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ބާއްވާ ރިޔާސީ ބަހުސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކެމްޕެއިނު ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ރިޔާސީ ކެންޑިޑޭޓުންނަށް ހާއްސަ ކޮށްގެން ޕީއެސްއެމް އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ބާއްވާ ރިޔާސީ ބަހުސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކެމްޕެއިނު ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ގުޅިގެން ބޭއްވި ރިޔާސީ ބަހުސްގައި، އޭރު ޕީއެސްއެމަށް ނުފޫޒު ފޯރާފައި އޮތް ކަމަށް ވިދާޅުވެ، ކެމްޕޭން ޓީމުން ނިންމީ ރައީސް ބައިވެރިވެވަޑައިނުގަންނަވާ ގޮތަށެވެ. މި އަހަރު ވެސް ބައެއް އަމިއްލަ މީޑިއާތަކުން ބާއްވާ ބަހުސްތަކުގައި، ދަތުރު ޝެޑިއުލް ހުރި ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިނުގަންނަވާނެ ކަން ވަނީ އަންގައިފަ އެވެ.

އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައިވަނިކޮށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އެމްއެންޔޫގެ ބަހުސަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީން ކަން ރައީސް ދެއްވާފައިވާ ކަމަށެވެ.

"އެއީ އިލްމީ ބަހުސެއް ހިނގާނެ ތަނެއް، ޔުނިވާސިޓީތަކުގައި އިލްމީ ގޮތުން ވާހަކަ ދައްކަވާފައި ޕޮލިސީތައް ދިރާސާކޮށް އުޅޭނެ. އެކަމަކު މީޑިއާތަކަށް އަރައި އިސްތިހާރުވުމަށް ޓަކައި ކުރާ ބަހުސްތަކަކީ ރައީސް ގަބޫލުކުރައްވާ ކަމެއް ނޫން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ މިއަދު ވެސް ވިދާޅުވީ މީޑިއާތަކުގެ ވަކިވަކި ބަހުސަކަށް އެރުމަށް ވުރެ، ރައީސަށް މުހިންމީ ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރެއްވުން ކަމަށެވެ.

ބަހުސްގައި ބައިވެރިވާނެތޯ މީގެ ކުރިން ސުވާލުކުރުމުން ވެސް މާރިޔާ ވިދާޅުވެފައިވަނީ ރަށްރަށަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން ވަގުތެއް ލިބިއްޖެނަމަ ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އިންތިހާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ބަހުސް އޮންނާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ރޭ 9:00 އިން 11:00 އަށެވެ. އެ ބަހުސް ދައްކާނީ ޓީވީއެމުންނެވެ.

ބަހުސްގައި، ކެންޑިޑޭޓުންގެ ތަސައްވަރާއި މެނިފެސްޓޯއާ ގުޅޭގޮތުން ސުވާލުކުރާނެ އެވެ.