Roadha Mihaaru
"ހައުސިން ފައިނޭންސް ލިބޭނެ ބޭންކްތައް ރާއްޖެއަށް ބޭނުން"

ހައުސިން ފައިނޭންސް ލިބޭނެ ބޭންކްތައް ރާއްޖެއަށް ބޭނުން: ނައިބު ރައީސް

26 އޯގަސްޓް 2023

ރާއްޖެއަށް ހައުސިން ފައިނޭންސް ފަސޭހައިން ލިބޭނެ ބޭންކްތައް ގެންނަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެއަށް ހައުސިން ފައިނޭންސް ފަސޭހައިން ލިބޭނެ ބޭންކްތައް ގެންނަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

މިރޭ ކްރޮސްރޯޑްސްގައި ރާއްޖޭގެ އިންޓެންޓް ޕޭމެންޓް ސިސްޓަމް "ފަވަރަ" ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ، ހައުސިން ލޯނު އާންމުންނަށް ފަސޭހައިން ހޯދުމަށް، އިންވެސްޓްމެންޓް ބޭންކްތަކަށް ރާއްޖޭގެ މާލީ ދާއިރާ ހުޅުވާލައި އެފަދަ ބޭންކްތައް ރާއްޖެއަށް އަންނާނެ ގޮތްތައް ފަހި ކުރަން ޖެހޭ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އިތުރު ބޭންކްތައް ރާއްޖެއަށް ގެނެސްގެން ނޫން ގޮތަކަށް އާންމުންނަށް ދޭ ފްލެޓާއި ގޯތީގައި އިމާރާތްތައް ހަދަން ވަރަށް އުނދަގޫވާނެ ކަމަށެވެ.

"ކޮންތާކުންތޯ އެވަރަށް ފައިސާ ހުރީ. ކޮން ބޭންކަކުންތޯ އެތައް ބިލިއަން ޑޮލަރެއް ދެވޭނީ. [ބޭންކްތައް] ގެންނަން އެބަޖެހޭ. ރާއްޖެއަކީ މަގްބޫލުތަނެއް. ރާއްޖެއަކީ ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނަށް ވެސް މަގްބޫލު ތަނެއް. ބަލައިގަންނަ ތަނެއް. އިތުބާރު ކުރާ ގައުމެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމްއެމްއޭގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމު ވާހަކަދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

އެމްއެމްއޭގެ އިންސްޓެންޓް ޕޭމެންޓް ސިސްޓަމް ތައާރަފް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމު ވާހަކަދައްކަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ނައިބު ރައީސް މިހެން ވިދާޅުވި އިރު ދާދިފަހުން ސަރުކާރުން ވަނީ މާލެ ސަރަހައްދުން 19،000 މީހުންނަށް ގޯއްޗާއި 13،000 ފްލެޓް ދޭން ނިންމައިފަ އެވެ.

ނައިބު ރައީސް ވިދާޅުވީ، ސަރުކާރުން އަމާޒު ހިފައިފައިވަނީ އިގްތިސާދު ދެގުނަ ކުރަން ކަމަށާއި ހުރިހާ ދާއިރާ އަކުން ވިޔަފާރިތައް ފުޅާ ކުރަން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އާ ޕޭމެންޓް ސިސްޓަމާ އެކު ރާއްޖޭގެ އިގްތިސާދު އިތުރަށް ކުރިއަށް ގެންދަން ފުރުސަތު ލިބޭނެ ކަމަށެވެ.

"ޓްރާންސެކްޝަންތަކާއި އަދި ލޯނުތައް، ފައިނޭންސް ލިބުމުގައި ފަސޭހަވެގެންދާއިރު އެއާ އެއްވަރަށް މަސައްކަތް ކުރަންވީ،" ފައިސަލް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް، މާލީ ދާއިރާގައި ހުރި އުނދަގޫތައް ފަސޭހަކޮށް، މުޅި ނިޒާމު ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އަދި މިފަދަ ފަސޭހަތަކާ އެކު އިގްތިސާދު އިތުރަށް ކުރިއަށް ގެންދެން، ހުރިހާ ދާއިރާތައް ގުޅިގެން މަސައްކަތް ފަށަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.