Roadha Mihaaru
ނޭމާގެ ހިލާލް އިންޑިއާގައި މުމްބާއީއާ ދެކޮޅަށް ކުޅެނީ

އޭއެފްސީ ޗެމްޕިއަންސް ލީގު: ނޭމާގެ ހިލާލް އިންޑިއާގައި މުމްބާއީއާ ދެކޮޅަށް ކުޅެނީ

25 އޯގަސްޓް 2023

ރިޔާދު (އޮގަސްޓް 25) - ދާދި ފަހުން ސައުދީ އަރަބިއްޔާގެ އަލް ހިލާލަށް ބަދަލުވި ބްރެޒިލްގެ ތަރި ނޭމާ، އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗެއް ކުޅެން އިންޑިއާ އަށް ދާން ޖެހިއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރިޔާދު (އޮގަސްޓް 25) - ދާދި ފަހުން ސައުދީ އަރަބިއްޔާގެ އަލް ހިލާލަށް ބަދަލުވި ބްރެޒިލްގެ ތަރި ނޭމާ، އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗެއް ކުޅެން އިންޑިއާ އަށް ދާން ޖެހިއްޖެ އެވެ.

ކުރިން ބާސެލޯނާއާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ނޭމާގެ ހިިލާލަކީ އޭއެފްސީ ޗެމްޕިއަންސް ލީގުގައި އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން ވަނީ ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފަ އެވެ. މިދިޔަ ސީޒަންގެ ފައިނަލްގައި އެޓީމު ކުޅުނެވެ.

ހިލާލުން ވަނީ ނޭމާގެ އިތުރުން ޗެލްސީއަށް ކުޅުނު ކަލިދޫ ކުލިބާލީ އާއި ވުލްވްސްގެ ރުބެން ނެވޭސް އާއި ލާޒިއޯ އަަށް ކުޅުނު ސާޖެގް މިލިންކޮވިޗް ސަވިޗް އަދި ބާސެލޯނާއަށް ކުޅުނު މެލްކޮމް އާއި ފުލަމް އަށް ކުޅުނު އެލެކްޒެންޑާ މިޓްރޮވިޗްގެ އިތުރުން ސެވިއްޔާއަށް ކުޅުނު މޮރޮކޯ ގޯލްކީޕަރު ޔަސީން ބޯނޯ ވެސް ގެނެސްފަ އެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖްގެ ގުރު އިއްޔެ މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ހުންނަ އޭއެފްސީ ހެޑްކުއާޓާސްގައި ނަގާފައި ވާއިރު، ގުރޫޕް ސްޓޭޖު ކުޅުން ފަށަން ހަމަޖެހިފައި ވަނީ އަންނަ މަހު 18 ގައެވެ.

ހިލާލް އޮތީ އިންޑިއާގެ މުމްބާއީ ސިޓީ އެފްސީ އާއި އިރާނުގެ ނަސާޖީ މަޒަންދަރަން އަދި އުޒްބެކިސްތާނުގެ ނަވްބަހޯ އާއެކު ގުރޫޕް ޑީގަ އެވެ.

އިންޑިއާގައި މުމްބާއީ ސިޓީއާ ދެކޮޅަށް ކުޅޭ މެޗު އޮތީ ނޮވެމްބަރު ހަތްވަނަ ދުވަހު، ޕޫނޭގައި ހުންނަ 11،900 މީހުންގެ ޖާގައިގެ ޝިވް ޗަޓްރަޕަތީ ސްޕޯޓްސް ކޮމްޕްލެކްސްގަ އެވެ.

މިއީ، އިންގްލެންޑުގެ މެންޗެސްޓާ ސިޓީ ކްލަބް ހިންގާ ސިޓީ ފުޓްބޯޅަ ގުރޫޕާއި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރަންބީރު ކަޕޫރުގެ ހިއްސާ އޮންނަ މުމްބާއީ ސިޓީ، އޭއެފްސީ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދި ދެވަނަ ފަހަރެވެ. މިދިޔަ ސީޒަންގައި އެޓީމު ނިންމާލީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. މިއީ ޗެމްޕިއަންސް ލީގު ކުޅޭ ދެކުނު އޭޝިއާގެ ހަމައެކަނި ކްލަބެވެ.

ޕީއެސްޖީއަށް ކުޅެމުން މިދިޔަ ސީޒަންގައި ދިގު މުއްދަތެއްގެ އަނިޔާގައި ހުރި ނޭމާ، ހިލާލަށް ބަދަލުވެ އަދި މެޗެއް ކުޅެފައެއް ނުވެ އެވެ. ސައުދީގެ ބައެއް މީޑިއާތަކުން ރިޕޯޓް ކުރާގޮތުގައި ނޭމާގެ އަނިޔާއިން އެއްކޮށް ރަނގަޅުވެގެން އަންނަ މަހު އޭނާ އަށް ކުޅެން ފެށޭވަރު ވާނެ އެވެ.

ހިލާލުގެ އިތުރުން ސައުދީގެ ތިން ކްލަބެއް ޗެމްޕިއަންސް ލީގު ކުޅޭނެ އެވެ. ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ އައް ނަސްރު އޮތީ ގުރޫޕް އީގަ އެވެ. އެ ގުރޫޕްގައި ދެން ހިމެނެނީ ގަތަރުގެ އައް ދުހެއިލް އާއި ތަޖިކިސްތާނުގެ އިސްތިގްލާލް އަދި އިރާނުގެ ޕާސްޕޮލިސް އެވެ.

ފްރާންސްގެ ކަރީމް ބެންޒެމާ އާއި އެންގޯލޯ ކަންޓޭ ހިމެނޭ ސައުދީ ލީގުގެ ޗެމްޕިއަން އަލް އިއްތިހާދު ހިމެނުނީ ގުރޫޕް ސީގަ އެވެ. މި ގުރޫޕްގައި ދެން ހިމެނެނީ އިރާނުގެ ސެފަހަން އާއި އިރާގުގެ އަލް ގުވާ އަލް ޖާވިޔާ އަދި އުޒްބަކިސްތާނުގެ އޭޖީއެމްކޭ އެވެ.

ހިލާލް ބަލިކޮށްފައި މިދިޔަ ސީޒަންގެ ސައުދީ ކިންގް ކަޕް ކާިޔާބުކުރި އަލް ފައިފާ އޮތީ ގުރޫޕް އޭގަ އެވެ. މި ގުރޫޕްގައި ދެން ހިމެނެނީ އުޒްބަކިސްތާނުގެ ޕަކްތަކޯ އާއި ތުރުކުމެނިސްތާނުގެ އަހާޅް އަދި ޔޫއޭއީގެ އަލް އައިން އެވެ.