Roadha Mihaaru
ޗެމްޕިއަންސް ލީގު: ނޭމާގެ ހިލާލް ސަލާމަތްވީ ކިރިޔާ

އޭއެފްސީ ޗެމްޕިއަންސް ލީގު: ނޭމާގެ ހިލާލް ސަލާމަތްވީ ކިރިޔާ، ބެންޒެމާ ނެތި ވެސް އިއްތިހާދަށް ފުރިހަމަ މޮޅެއް

19 ސެޕްޓެމްބަރ 2023

ރިޔާދު (ސެޕްޓެމްބަރު 19) - އޭއެފްސީ ޗެމްޕިއަންސް ލީގުގައި ބްރެޒިލްގެ ތަރި ނޭމާ ކުޅުނު ފުރަތަމަ މެޗުގައި، ސައުދީ އަރަބިއްޔާގެ އަލް ހިލާލް ފަހު ވަގުތު އުޒްބަކިސްތާނުގެ ނަވްބަހޯއާ 1-1 އިން އެއްވަރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ރިޔާދު (ސެޕްޓެމްބަރު 19) - އޭއެފްސީ ޗެމްޕިއަންސް ލީގުގައި ބްރެޒިލްގެ ތަރި ނޭމާ ކުޅުނު ފުރަތަމަ މެޗުގައި، ސައުދީ އަރަބިއްޔާގެ އަލް ހިލާލް ފަހު ވަގުތު އުޒްބަކިސްތާނުގެ ނަވްބަހޯއާ 1-1 އިން އެއްވަރު ކޮށްފި އެވެ.

މިދިޔަ މަހު 20 މިލިއަން ޔޫރޯގެ އަގަކަށް ހިލާލަށް ބަދަލުވި ނޭމާ ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ބަދަލު ކުޅުންތެރިއެއް ގޮތުގައި ފުރަތަމަ ފަހަރަށް އެޓީމަށް ކުޅެދީފަ އެވެ. ސައުދީ ލީގުގައި އައް ރިޔާދާ ދެކޮޅަށް ކުޅުނު އެ މެޗުން ހިލާލް ވަނީ 6-1 އިން މޮޅުވެފަ އެވެ. ހިލާލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ނޭމާ ވަނީ ފުލްކޮށް ކުޅެފަ އެވެ.

ނިމިދިޔަ ސީޒަންގެ ރަނަރަޕް ހިލާލާ ދެކޮޅަށް ނަވްބަހޯ ވަނީ ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. ހިލާލުން އެއްވަރު ކުރި ގޯލު މެޗުގެ އިތުރު ވަގުތުގެ 10 ވަނަ މިނިޓުގައި ޖަހައިދިނީ ޑިފެންޑަރު އަލީ އަލް ބުލައިހީ އެވެ. ނޭމާ އަށް މެޗުގައި ރީނދޫ ކާޑެއް ވެސް ދައްކައިފައި ވެއެވެ.

މި ގުރޫޕުގައި ހިމެނޭ އިރާނުގެ ނައްސާޖީ މަޒަންދަރަން ވަނީ ރަށުން ބޭރުގައި 2-0 އިން އިންޑިއާގެ މުމްބާއީ ސިޓީ ބަލިކޮށްފަ އެވެ.

ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އަޒުމުގައި ނުކުތް އަލް އިއްތިހާދު ވަނީ އުޒްބަކިސްތާނުގެ އޭޖީއެމްކޭއާ ދެކޮޅަށް ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗު 3-0 އިން ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުގެ ބެލޮންޑިއޯ ކާމިޔާބު ކުރި ކަރީމް ބެންޒެމާ، މި ސީޒަނުގައި އިއްތިހާދަށް ބަދަލުވީ ހިލޭ ޓްރާންސްފާގަ އެވެ. ނަމަވެސް އަމިއްލަ ދަނޑުގައި ރޭ ކުޅުނު ޗެމްޕިއަންސް ލީގު މެޗުގެ ސްކޮޑުގައި އޭނާ ނުހިމެނީ އަނިޔާގެ ސަބަބުންނެވެ.

އިއްތިހާދުން ޖެހި ތިން ގޯލު ވެސް ޖެހީ މެޗުގެ ފުރަތަމަ ހާފުގަ އެވެ. ހާރޫން ކަމާރާ ލީޑު ނަގައިދިން އިރު، އަނެއް ދެ ލަނޑު ޖަހައިދިނީ ބްރެޒިލް ސްޓްރައިކަރު ރޮމާރީނިއޯ އެވެ.

އިއްތިހާދު ހިމެނޭ ގުރޫޕް ސީ ގައި އިރާނުގެ ސެފަހަން އާއި އިރާގުގެ އެއާ ފޯސް ކްލަބް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.