Roadha Mihaaru
ދުނިޔޭގެ ރެކޯޑަކާ އެކު ހިލާލް ސެމީ އަށް

ދުނިޔޭގެ ރެކޯޑަކާ އެކު ހިލާލް ސެމީ އަށް

13 މާޗް 2024

ޖިއްދާ (މާޗު 13) - ބްރެޒިލްގެ ތަރި ނޭމާގެ އަލް ހިލާލުން ވިދިވިދިގެން 28 މެޗުން މޮޅުވެގެން ދުނިޔޭގެ ރެކޯޑެއް މުގުރާލައި އޭއެފްސީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ޖިއްދާ (މާޗު 13) - ބްރެޒިލްގެ ތަރި ނޭމާގެ އަލް ހިލާލުން ވިދިވިދިގެން 28 މެޗުން މޮޅުވެގެން ދުނިޔޭގެ ރެކޯޑެއް މުގުރާލައި އޭއެފްސީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ހިލާލެވެ. ހަތަރު ފަހަރު މުބާރާތުގެ ތަށީ އުފުލާލާފައިވާ ހިލާލުން ވަނީ ރޭ އެގައުމުގެ އަލް އިއްތިހާދާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް އެގްރިގޭޓް 4-0 ގެ ނަތީޖާއަކުން ކުރި ހޯދައިފަ އެވެ.

ދެވަނަ ހާފުގައި ހިލާލަށް ފުރަތަމަ ގޯލު ޖަހައިދިނީ ޔާސީން އައްޝަހްރާނީ އެވެ. މިއީ އޭނާ ނަސްރަށް ކުޅެދިން 400 ވަނަ މެޗެވެ. މެޗުގެ އިތުރު ވަގުތުގައި އިއްތިހާދުގެ އަބްދުއްރައްޒާޤް ހަމްދުﷲ އަށް ރަތް ކާޑެއް ދައްކާފައި ވަނިކޮށް މެޗުގައި ހިލާލްގެ ދެވަނަ ގޯލު ޖަހައިދިނީ މެލްކޮމް އެވެ.

ހިލާލް އެންމެ ފަހުން މެޗަކުން މޮޅު ނުވެ ނިންމާލީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ދަމަކް އާ ދެކޮޅަށް ކުޅުނު ލީގު މެޗެވެ. އެ މެޗު 1-1 އިން އެއްވަރު ވި ނަމަވެސް އެއަށް ފަހު މިހާތަނަށް ހިލާލުން ކުޅުނު ވާދަވެރި 28 މެޗު ވެސް ވަނީ ކާމިޔާބު ކޮށްފަ އެވެ. ހިިލާލަށް ދެން އޮތީ ހޮނިހިރު ދުވަހުގެ ރޭ ލީގުގައި ދަމަކް އާ ދެކޮޅަށް ކުޅޭ މެޗެވެ.

ހިލާލްގެ ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: ހިލާލް

ހިލާލްގެ ކުޅުންތެރިން އުފާފާޅު ކުރަނީ.-- ފޮޓޯ: ހިލާލް

މީގެ ކުރިން ވިދިވިދިގެން އެންމެ ގިނަ މެޗު ކާމިޔާބު ކުރުމުގެ ރެކޯޑް އޮންނަނީ ވޭލްސްގެ ދަ ނިއު ސައިންޓްސް އަތުގަ އެވެ. އެޓީމުން ވަނީ 2016 ވަނަ އަހަރު ވިދިވިދިގެން 27 މެޗު ކާމިޔާބު ކޮށްފަ އެވެ.

ހިލާލް ފިޔަވައި ވިދިވިދިގެން އެންމެ ގިނަ މެޗު ކާމިޔާބު ކުރި ބައެއް ޓީމްތައް:

- ދަ ނިއު ސައިންޓްސް (ވޭލްސް) - 2016 ގައި 27 މޮޅު

- އަޔެކްސް (ނެދަލެންޑްސް) - 1995 ގައި 25 މޮޅު

- ކޮރީތިބާ (ބްރެޒިލް) - 2011 ގައި 24 މޮޅު

- ބެޔާން މިއުނިކް (ޖާމަނީ) - 2020 ގައި 23 މޮޅު

- ރެއާލް މެޑްރިޑް (ސްޕެއިން) - 2014 ގައި 22 މޮޅު

- ދަ ނިއު ސައިންޓްސް (ވޭލްސް) - 2023/2024 ގައި 21 މޮޅު

- މެންޗެސްޓާ ސިޓީ (އިންގްލެންޑް) - 2020/2021 ގައި 21 މޮޅު

- ޕަލްމެއިރާސް (ބްރެޒިލް) - 1996 ގައި 21 މޮޅު

- ބާސެލޯނާ (ސްޕެއިން) - 2005/2006 ގައި 18 މޮޅު

"މިއީ ހަމައެކަނި ވޯލްޑް ރެކޯޑެއް، ތައްޓެއް ލިބިގެނެއް ނޫން މިއުޅެނީ. ލީގެއް، ކަޕް މުބާރާތެއް، ޗެމްޕިއަންސް ލީގެއް ލިބިގެން ހަގީގީ ހިތްހަމަޖެހުމެއް ލިބޭނީ. މޮޅުވި ވަރަކަށް ކާމިޔާބާ ހަމައަށް ދެވޭނީ، އެކަން ގަބޫލު ކުރަން،" ހިލާލްގެ ކޯޗު ޖޯޖް ޖީސަސް މެޗުގެ ކުރިން ބުނެފައި ވެއެވެ.

ނަމަވެސް 98.3 މިލިއަން ޑިލަރަށް މި ސީޒަންގައި ހިލާލުން ގެނައި ނޭމާ އަށް، ސީޒަންގެ ވަރަށް ކުރީކޮޅު ވަނީ ބޮޑު އަނިޔާއަކާ ކުރިމަތިލާން ޖެހިފަ އެވެ. މިދިޔަ އޮކްޓޫބަރު މަހު ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް އޭސީއެލް އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަދިވެސް ހުރީ ކުޅުމާ ދުރުގަ އެވެ. އޭނާ އަށް ކުޅުމަށް އެނބުރި އާދެވޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ ސީޒަނަށެވެ.

އަންނަ މަހު ކުޅޭ ޗެމްޕިއަންސް ލީގުގެ ސެމީގައި ހިލާލް ނުކުންނާނީ ސައުދީގެ އައް ނަސްރު ބަލިކޮށް ސެމީއަށް ދަތުރު ކުރި ޔޫއޭއީގެ އަލް އައިންއާ ދެކޮޅަށެވެ.

ނޭމާ ނެތަސް ހިލާލުން އަންނަނީ މި ސީޒަންގައި މޮޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން މި ސީޒަންގައި ގެނައި ކުރީގެ ފުލަމްގެ ފޯވާޑް އެލެކްޒެންޑާ މިޓްރޮވިޗް ވަނީ މިހާތަނަށް އެޓީމަށް ކުޅެދިން 33 މެޗުން 31 ގޯލު ޖަހައިފަ އެވެ. ހަމަ އެއާ އެކު ސާލިމް އައް ދައުސާރީ އާއި ރޭ ގޯލު ޖެހި މެލްކޮމް ވަނީ އެޓީމަށް 16 ގޯލު ޖަހައިދީފަ އެވެ.

ސައުދީ ލީގުގެ އެއްވަނައިގައި ހިލާލް އޮތީ 12 ޕޮއިންޓްގެ ފަރަގަކާ އެކު އެވެ. އަރަބި ޗެމްޕިއަންސް ކަޕްގެ ސެމީ ފައިނަލުން އައް ނަސްރު އަތުން ބަލިވި ނަމަވެސް، ސައުދީ ސުޕަ ކަޕާއި ސައުދީ ކިންގް ކަޕްގެ ސެމީ ފައިނަލް ވެސް އެޓީމަށް ކުރިއަށް އެބަ އޮތެވެ.