Roadha Mihaaru

އަހަރު ނިމެންދެން ސަންޓޯސްގައި މަޑުކުރަން ނޭމާ ނިންމައިފި

ސަންޓޯސް (ޖޫން 25) - ބްރެޒިލްގެ ކްލަބް ސަންޓޯސް އަށް ކުޅެމުން އަންނަ ނޭމާ، މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކްލަބުގައި މަޑުކުރަން ނިންމައިފި އެވެ.

ނޭމާ އިތުރު ހަ މަސްދުވަހު ސަންޓޯސްގައި މަޑުކުރަނީ

ސަންޓޯސް (ޖޫން 25) - ބްރެޒިލްގެ ކްލަބް ސަންޓޯސް އަށް ކުޅެމުން އަންނަ ނޭމާ، މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކްލަބުގައި މަޑުކުރަން ނިންމައިފި އެވެ.

އުމުރުން 33 އަހަރުގެ ފޯވާޑުގެ ޒުވާން ދުވަސްވަރު ކުޅުނު ކްލަބަށް ބަދަލުވީ މިދިޔަ ޖެނުއަރީ މަހު އެވެ. ނަމަވެސް އަނިޔާތަކުގެ ސަބަބުން އޭނާ އަށް ވަނީ ގިނަ މެޗުތަކެއް ގެއްލިފަ އެވެ. ސަންޓޯސްއާ އެކު ހެދި ކުރު އެއްބަސްވުން އަންނަ ހަފުތާ އަށް ހަމަވާއިރު، އިއްޔެ ވަނީ އަހަރުގެ ބާކީ ބައިގައި ވެސް ކްލަބުގައި ހުންނަން އެއްބަސްވެފަ އެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ނޭމާ ބްރެޒިލްގެ ޖާޒީގައި ކުޅުމަކީ އެ ގައުމުގެ ގިނަ ބައެއްގެ އުންމީދެކެވެ. ދާދި ފަހުން ޓީމުގެ ކޯޗުކަމާ ހަވާލުވި ކާލޯ އަންޗެލޮޓީ ވެސް ވަނީ ނޭމާގެ އަނިޔާތަކުން ސަލާމަތްވެގެން އަންނަ އަހަރުގެ މުބާރާތުގައި ގައުމީ ޓީމަށް ކުޅެވޭނެ ކަމަށް އުންމީދު ކުރާކަން ހާމަކޮށްފަ އެވެ.

ސައުދީ އަރަބިއްޔާގެ އަލް ހިލާލުން ސަންޓޯސް އަށް ބަދަލުވި ފަހުން ނޭމާ ވަނީ 12 މެޗު ކުޅެ ތިން ގޯލު ޖަހައި ތިން އެސިސްޓް ވެސް ކޮށްފަ އެވެ.

އެންމެ ފަހުން ނޭމާ ސަންޓޯސް އަށް ކުޅުނު މެޗުގައި، މި މަހުގެ ދެވަނަ ދުވަހު، އަތުން ގޯލެއް ޖަހަން އުޅުމުގެ ތެރޭގައި އޭނާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.

ނޭމާ ސަންޓޯސް ދޫކޮށް ބާސެލޯނާ އަށް ބަދަލު ވުމުގެ ކުރިން، ސަންޓޯސްއާ އެކު، އޭނާ ވަނީ 225 މެޗުން 138 ލަނޑު ޖަހައިފަ އެވެ. އެ ދުވަސްވަރު، 2009 އިން 2013 އަށް އެ ކްލަބުން ހޯދި ގިނަ ކާމިޔާބީތަކުގައި ނޭމާ ވަނީ ބޮޑު ހިއްސާއެއް އަދާކޮށްފަ އެވެ. ސަންޓޯސް ވަނީ 2023 ވަނަ އަހަރު ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފަ އެވެ. ނަމަވެސް މިދިޔަ ސީޒަންގައި އެ ޓީމު ވަނީ އަލުން އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ.

ބާސެލޯނާ އަށް ފަހު ޕީއެސްޖީ އަށް ވެސް ކުޅުނު ނޭމާގެ ކޮންޓްރެކްޓް ޖެނުއަރީ މަހު އަލް ހިލާލުން އުވާލީ، ކޮންޓްރެކްޓުގައި ބާކީ ހަ މަސް އޮއްވަ އެވެ. އަނިޔާގެ ސަބަބުން ދެ ސީޒަން ތެރޭ ނޭމާ އަށް އެ ޓީމަށް ކުޅެދެވުނީ ޖުމްލަ ހަތް މެޗެވެ.

މިހާރު ކުރިއަށް ގެންދާ ކްލަބް ވޯލްޑް ކަޕްގައި ކުޅެން ގިނަ ޓީމުތަކަކުން ނޭމާ އަށް ފުރުސަތު ލިބުނު ނަމަވެސް އޭނާ ވަނީ އަނިޔާ އިން ރިކަވާ ވާން މަސައްކަތް ކުރުމުގެ ގޮތުން އެ ފުރުސަތުތައް ދޫކޮށްލައިފަ އެވެ. ސަންޓޯސް މި ވަގުތު އޮތީ ބްރެޒިލް ލީގުގެ 15 ވަނައިގަ އެވެ.